އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އދ. އޮމަދުއަށް ދޭން ފަށައިފިއެވެ.

އުރީދޫއިން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އޮމަދުއަށް މިހާރި ލިބޭނެ ކަމަށެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އިންޓަނެޓްގެ މުހިންމުކަމާއި އިންޓަނެޓް ބޭނުންކުރާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އޮމަދުއަށް ސުޕަނެޓްގެ ހިދުމަތް ދެވިގެންދާކަމީ އުފާ ކުރާ ކަމެއް ކަމަށެވެ.

"100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކޮށް އޮމަދޫގެ ރައްޔިތުންނަށް އިންޓަނެޓުގެ ހިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ދިވެހި ރައްޔިތުންނަށް އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން،" ނިޔާޒު ވިދާޅުވިއެވެ.

އޮމަދޫގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ ކަމަށެވެ.