ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ދައުލަތުން ލިޔުމެއް ދީފައި އޮތް ކޮންމެ މީހަކު، އެ ލިޔުން ހުށަހެޅުމުން އެ ލިޔުމުގައިވާ ގޮތަށް، ފްލެޓް ނުވަ ބިން ވިޔަސް ދޫކުރާނެ ކަމަށާއި ނަމަވެސް ކަށަވަރު ކުރެވޭނެ ލިޔުމެއް ނެތިއްޔާ އެކަމުގައި ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމަކީ މާލެއިން ލިބިފައިވާ ކުދިކުދި ތަންކޮޅު ދޫކޮށްލާ އާއިލާތަކަށް ހުޅުމާލެއިން ފުލެޓާއި ގޯތި ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާންގެ ދަށުން ގިނަ ބަޔަކަށް ފުލެޓާއި ގޯތި ދޫކުރި ނަމަވެސް، އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ލިޔުން ހަވާލުކޮށް ނަމަވެސް ސަރުކާރުން ގޮތެއް ހޯދައި ނުދެވުނު މީހުން އަދިވެސް ތިއްބެވެ.
ނަމަވެސް މި ސަރުކާރު އައިސް، ވެށިފަހި ޕްރޮގްރާމްގެ ދަށުން އޭރު ލިޔުން ދިން އާއިލާތަކަށް އަލުން ގޯއްޗާއި ފްލެޓް ދިނުމަށް ވަނީ ނިންމައިފައެވެ.
އެކަމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކުގެ އަތުގައި ލިޔެ ކިޔުމެއް ނެތިއްޔާ ނުވަތަ ކުރިން ދީފައިވާ ލިޔެކިޔުން ގެއްލިފައިވާ ހާލަތުގައި ހައުސިންގް މިނިސްޓްރީއަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
ނަމަވެސް ސަރުކާރުން ދީފައިވާ ލިޔުމަކީ ފްލެޓެއް ނުވަތަ ގޯއްޗެއް ދިނުމަށް ދީފައިވާ ލިޔުމެއްނަމަ އެ ލިޔުމެއްގައި އޮތް ގޮތަށް އެމީހަކަަށް އެކަން ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދޫކުރި ލިޔުން ނެތިގެންނާއި ލިޔުން ގެއްލިގެން ބައެއް ފަރާތްތަކުން އުޅޭ ކަމަށެވެ. ނަމަވެސް އެފަދަ ލިޔުންތައް ގެއްލިފައިވާ ކަމަށް ބުނާ ފަރާތްތަކަށް ކަމެއް ކޮށްދެވެން ނެތީ އެކަމާބެހޭ ލިޔެކިޔުންތައް މިނިސްޓްރީގައި ވެސް ނެތުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު