އެމްޕްލޮއިމެންޓް އެޕްރޫވަލް ލިބިގެން ރާއްޖެ އެތެރެވާ ބިދޭސީންނަށް މިހާރު އިތުރު ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާ މުއްދަތުގައި ރާއްޖެއަށް ކޮންމެހެން އަންނަން ޖެހޭ މީހުން ރާއްޖެ އައުމުގެ ކުރިން އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ހޯދުމަށް ކަނޑައަޅައި އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.
އިމިގްރޭޝަނުގެ މި އުސޫލާ ގުޅިގެން އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ހާއްސަ ހުއްދައެއް ނެގުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން މާޗް 21 ގައި އިއުލާނެއްކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ މި އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް މިއަދު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު އިމިގްރޭޝަނުގެ އެ އުސޫލު ބާތިލު ކޮށްފައި ވުމުން، އިކޮނޮމިކް މިނިސްޓްރީން މާޗް 21ގައި ކުރި އިއުލާނުވެސް ބާތިލު ކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެއާއެކު މިހާރު ބިދޭސީން ރާއްޖެ އެތެރެވުމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިއަހަރުގެ މާޗް 27ގައެވެ.