މޯލްޑިވްސް އިމިގްރޭޝަނުން "ޓްރެވަލާ ހެލްތު ޑެކްލެރޭޝަން" ތައާރަފު ކޮށްފި އެވެ.
"ޓްރެވަލާ ހެލްތު ޑެކްލެރޭޝަން" އަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން މިއަދު ހުޅުވާލި އިރު، ރާއްޖެއަށް އަންނަ މީހުން އަދި ރާއްޖެއިން ފުރާ މީހުން އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭ ފޯމެކެވެ.
އިމިގްރޭޝަނުން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ދަތުރުވެރިން ރާއްޖެ އައުމުގެ 24 ގަޑިއިރުގެ ކުރިން މި ފޯމު އޮންލައިންކޮށް ފުރުމަށްފަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރާއްޖެއިން ފުރާ ދަތުރުވެރިންވެސް މި ފޯމު އޮންލައިންކޮށް ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ ފުރުމުގެ 24 ގަޑިއިރު ކުރިން ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
އެގޮތުން "ޓްރެވަލާ ހެލްތު ޑެކްލެރޭޝަން" ފޯމު އިމިގްރޭޝަނުގެ އޮންލައިން ޕޯޓަލް "އިމުގަ" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އިމުގަ ޕޯޓަލް އަށް ވަދެވޭނީ https://imuga.immigration.gov.mv/ މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ އެންމެންވެސް މި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންގެ އިތުރުން ރާއްޖެއަށް ވޯކް ވިޒާގައި އަންނަ މީހުންނާއި އެހެނިހެން ވިޒާތަކުގައި އަންނަ ބިދޭސީން އަދި ދިވެހިންވެސް ހިމެނޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ދަނޑިވަޅުގައި އިމިގްރޭޝަނުން މަސައްކަތް ކުރަނީ ރާއްޖޭގެ ބޯޑަރުގެ ކަންކަން ވީހާވެސް ހަރުދަނާކޮށް ބަލަހައްޓައި، ދަތުރުވެރިން އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކުރުމާއެކު ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު