ކަސޯޓީ ޒިންދަގީ ކޭ 2 ގެ ލީޑްރޯލް ކަމަށްވާ ޕްރެރްނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނާންޑެސް އޭނާއަށް ކޯވިޑް 19 ޖެހިފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ދިޔަ ވާހަކަތައް ދޮގުކޮށްފިއެވެ.

ކަސޯޓީގެ އަނުރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާން ވަނީ މީގެ ދެދުވަސް ކުރިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ޕާތު ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޝޫޓިންތައް ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ. އެކަމާ ގުޅިގެން އެރިކާވެސް ޓެސްޓް ކުރުމުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށް ކުރި ޕޯސަޓެއްގައި އެރިކާ ބުނީ އޭނާ ބައްޔަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އަދި މިހާތަނަށް ނަތީޖާ ނުލިބޭ ކަމަށެވެ. އުންމީދަކީ އޭނާ ބައްޔަށް ނެގެޓިވްވުން ކަމަށް އެރިކާ ބުންޏެވެ. އެރިކާ ވަނީ ސޯޝަލް މީޑިއާގައި ދޮގު ހަބަރު ނުފެތުރުމަށް އެދިފައެވެ.

ޕާތު ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، ކަސޯޓީގައި ހަރަކާތްތެރިވާ ގިނަ ތަރިންގެ ބަލި ހުރިތޯ ބެލުމަށް ވަނީ ޓެސްޓް ކޮށްފައެވެ. އެގޮތުން މިސްޓަ ބަޖާޖުގެ ރޯލުން ފެނިގެންދާ ކަރަން ޕަޓޭލްވެސް ވަނީ ޓެސްޓް ކޮށްފައެވެ.