2021 ވަނަ އަހަރު މުމްބާއީގެ ކުރޫޒް ޝިޕަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރިއަން ޚާންގެ އަތުން އެއްވެސް މަސްތުވާ އެއްޗެއް ފެނިފައި ނުވަނީސް ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިޔަފާރިވެރިއެއްގެ ގޮތުގައި ސިފަކޮށް ހައްޔަރުކުރި މައްސަލަޔާ ގުޅޭ ވާހަކަތަކެއް، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގު ޓީމުގެ އިސްކޮށް ހުރި ސަންޖޭ ކުމާރު ސިންގް ނެރުނު އާ ފޮތަކުން ހާމަވެއްޖެއެވެ.

ސަންޖޭ ކުމާރު ސިންގް ލިޔެފައިވާ "ކޯޑް އޮފް އޮނާ" ނަމަކަށް ކިޔާ ފޮތުގައި ކިޔައިދީފައިވަނީ އެންސީބީގެ ހާއްސަ ތަހުގީގު ޓީމު (އެސްއައިޓީ) އިން އެ މައްސަލަ އަލުން ބަލަން ފެށުމުން އާރިއަންއާ ކުރެވުނު ސުވާލުތަކުގެ ތަފްސީލެވެ. އެ މައްސަލައިގައި އާރިއަންއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ނެރުނު މި ފޮތުގައި ސިންގް ބުނެފައިވާ ގޮތުގައި، އާރިއަން ވަނީ އެއްވެސް މަސްތުވާތަކެއްޗެއް އޭނާގެ އަތުން ފެނިފައި ނުވަނީސް، އޭނާއަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ގޮތުގައި އަދި ޚަރަދުކުރާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ އިންސާފެއްތޯ ސުވާލުކޮށްފައެވެ. ސުވާލުކުރުމުގެ ތެރޭގައި އާރިއަން ރޮއިގަތް ކަމަށާއި، މީޑިއާއާއި ތަހުގީގީ އިދާރާތަކުގެ ފިއްތުންތަކުގެ ސަބަބުން އޭނާއަށް ބޮޑު އަސަރެއް ކޮށްފައިވާކަން އެނގުނު ކަމަށް ސިންގްގެ ފޮތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އާރިއަންގެ ފޯނުން ފެނުނު ވަޓްސްއެޕް މެސެޖުތަކުން އެނގެނީ ބޭރު ގައުމުތަކުގައި އުޅުނުއިރު މަސްތުވާތަކެތި ބޭނުންކުރި ކަން ކަމަށާއި، އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ދަލީލެއް ނޫން ކަމަށްވެސް އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ. ކުރޫޒް ޝިޕްގައި ހިންގި ރެއިޑްގައި ގަވާއިދާ ހިފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި، އާރިއަންގެ އަތުން މަސްތުވާތަކެތި ބޭނުންކުރިކަން ކަށަވަރުކުރުމަށް މެޑިކަލް ޓެސްޓެއްވެސް ހަދާފައި ނުވާކަން ސިންގް ވަނީ ފާހަގަކޮށްފައެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހައްޔަރުކުރި އާރިއަން 25 ދުވަހު ޖަލުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ. އަދި ސަންޖޭ ކުމާރު ސިންގް އިސްކޮށް ހުރި އެސް.އައި.ޓީގެ ތަހުގީގަށްފަހު، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން 2022 ވަނަ އަހަރުގެ މެއި މަހު އެންސީބީއިން ވަނީ އާރިއަންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޫކޮށްލައި އޭނާ މިނިވަންކޮށްފައެވެ.