ކުޅިވަރު

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް އެޗްޕީއޭގެ ލަފަޔަކަށް އެދިއްޖެ

އައިދާ އަބްދުލް ހަކީމް

މި މަހުގެ 25 ވަނަ ދުވަހު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީން ގެނެސްދޭ "ކުޅިވަރު ފައިލް" ޕޮރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ އެސޯސިއޭޝަންގެ އިންތިހާބު މިދިޔަ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް، ކޮވިޑް 19 އާ ގުޅިގެން އިންތިހާބު އޭރު ފަސްކުރިކަމަށެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ހަތަރު ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މާ ބޮޑެތި ބަދަލުތަކެއް ނައިސް ތިން ދައުރު ވަނީ ފުރިހަމަ ކޮށްފައެވެ.

އެ ސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި ލަސްވަމުންދާތީ މިހާރު އެސޯސިއޭޝަން ހިންގަމުން އަންނަނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ (ފީނާ) އާއި ސްޕޯޓްސް ކޮމިޝަނުގެ ހުއްދައާއެކު ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓައިގެން ކަމަށް އިސްމާއީލް އަލީ ވިދާޅުވިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އިންތިހާބު ބާއްވަން އެޗްޕީއޭގެ ލަފަޔަކަށް އެދިފައިވާއިރު ކުރިއަށް އޮތް ދައުރަށް ވެސް އެ ސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެ ވެސް ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.