ވާހަކަ

ވާހަކަ: ހިޔާ - 10

2

(ދިހަވަނަ ބައި)

"ކޯޗެއްތަ ދޮންބޭ؟" ލޯމަތީގައި އެޅިފައިވި ފޮތިކޮޅުގެ ސަބަބުން އެއްޗެއް ނުފެނުމުން ޔުނާއަށް ތަކުރާރުކޮށް އަހާލެވުނެވެ.

"މި ދެވުނީއޭ ޔުނާ.... ދެން ނަގާލާ." ޔަޒްދާން އެހެން ބުނެލީ ޔުނާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެފައި ދޫކޮށްލަމުންނެވެ. އެއާއެކު ޔުނާ އޭނަގެ ލޯމަތީގައި އެޅިފައިވި ފޮތިކޮޅު ނަގާލުމުން ފެނިގެން ދިޔަ މަންޒަރުން އޭނައަށް އެތެރެއަށް ދަމާލެވުނު ނޭވައާއެކީ ކުޑަކޮށް އަނގަ ހުޅުވާލެވުނެވެ.

ކުރިމަތިން ފެންނަމުން ދިޔައީ ގްރޭންޑް ޕާރލްގެ ޝާހީ ޢިމާރާތެވެ. އެއީ މުޅި މާލޭ ޞަރަޙައްދުގައި ހުރި ހުރިހާ ޢިމާރާތްތަކެއްގެ ތެރެއިން ވެސް އެންމެ ފެންވަރު ހުރި ޢިމާރާތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ޔުނާ އެ ޢިމާރާތުގެ މަތިން ހަނދާން ހުރެއެވެ. އެ ޢިމާރާތަކީ ދިވެހިންގެ ބަޔަކާއި ބޭރުގެ ބަޔަކު އެއްވެގެން ހަދާފައިވާ ޢިމާރާތެއްކަމަށް އެކުވެރިންގެ ފަރާތުން އިވެނީ ފުރާވަރުއްސުރެއެވެ. ޔުނާގެ ހުރިހާ އެކުވެރިން ފަދައިން ޔުނާ ވެސް އެއްދުވަހު އެ ޢިމާރާތުގައި އުޅުމުގެ ހުވަފެންތައް ދެކެމުން ދިޔައެވެ. މިއަދު އެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެހެން ހީވި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ.

"އޯ އެމް ޖީ ދޮންބޭ! ދެން އަހަރުމެން އުޅޭނީ މިތާނގަތަ؟" ޔުނާއަށް އަނގަމަތީގައި ދެއަތް އަޅައި ދޮންބެއަށް ބަލާލަމުން އަހާލެވުނެވެ.

"އާނ..... ދެން ހޮޓެލްތައް ހުއްޓޭ ކިޔާފަ ހޮޓެލް ރޫމްތަކުގަ އުޅޭނެ ކަމެއް ނެތްދޯ؟ ހެހެ.... ރަނގަޅުދޯ މިތަން؟" ޔަޒްދާން ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ.

"ރަނގަޅުހޭ؟! ދިސް ވޯޒް މައި ޑްރީމްއެއްނު ދޮންބޭ؟ އެކަމަކު.....ދޮންބެ ކިހިނެއް މިތަން ހޯދީ؟ ބުނީމެއްނު ތިންވަނަ ހޮޓެލް ހުޅުވައިގެން އަދި ކުޑަކޮށް ޓައިޓް ކޮންނޭ ދަނީ؟" ޔުނާ އެހިއެވެ.

"ދެން އެހެން ބުންޏަސް ދޮންބެގެ ޕާސަނަލް ސޭވިންގްސް ހުންނާނެދޯ؟ މީގެ ދެ އަހަރު ދެމީހުން ޙައްޖަށް ގޮއްސަ އަލުން ސޭވް ކުރެވުނު ފައިސާއިން މިތަން ގަތީ. ހިތަށްއެރީ ޔުނާ މިފަހަރު އަންނަން ވާއިރަށް ބޮޑު ސަޕްރައިޒެއް ދޭނީއޭ." ޔަޒްދާން ފަނޑުނުވާ ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ.

"އޯ ނޯ! ކީއްވެ ސޭވިންގްސް ޔޫޒްކުރީ؟ ދޮންބެ ރަނގަޅު އަންހެން ކުއްޖަކާ ދިމާވި ދުވަހަކުން ވެޑިންގްއަކާ ހަމައަށް ދަންދެން އެ ބެހެއްޓިނަމަ....." ޔުނާ ހިސާބަކަށް މާޔޫސްވެފައިހުރެ ބުނެލިއެވެ. އެއާއެކު ޔަޒްދާން ހީލިއެވެ.

"ދޮންބެގެ ވެޑިންގްއާމެދު މެދު ވިސްނާނީ ޔުނާ މީހަކާ އިނދެގެން ހަމައަކަށް އެޅުނީމަ. ދެން ތި ވާހަކަ ބާއްވާފަ ހިނގާބަލަ އެތެރެއަށް. ލެޓްސް މޭކް ނިއު މެމޮރީސް..... ދޮންބެ މަރުވި ދުވަހަކުން ވެސް މިތަން ފެނުނީމަ ޔުނާ ދޮންބެ މަތިން ހަނދާން ހުންނާނެތާ...." ޔަޒްދާން ބުނެލިއެވެ.

"ހޫން ނުއުޅެން ހަނދާން ކުރާކަށް ތި ކަހަލަ ވާހަކަ ދައްކަންޏާ." ޔުނާ ސަމާސާ ރާގަކަށް އެހެން ބުނެލަމުން ޔަޒްދާންގެ ކޮނޑުގައި އަތްއަޅައި ކުޑަ ގޮތަކަށް ކޮއްޕާލިއެވެ. އެއާއެކު ޔަޒްދާންއަށް ހީލެވުނެވެ.

ޔުނާ އިތުރަށް އުފާވެގެން ދިޔައީ ދޮންބެ އޭނައަށްޓަކައި ގަތް އެޕާޓްމެންޓަކީ އެ ޢިމާރާތުގެ އެންމެ މަތީ އެޕާޓްމެންޓުކަން އެނގުމުންނެވެ. އެ ޢިމާރާތުގެ ހުރިހާ އެޕާޓްމެންޓްތަކުގެ ތެރެއިން އެންމެ ހައިބަތު ހުރި އެޕާޓްމެންޓަކީ އެއީކަމަށް ބުނާ ވާހަކަތައް އޭނައަށް އަޑު އިވިފައިވާތީވެއެވެ.

އެކަމާމެދު އުފާވީ ވަގުތު ދޮންބެ އޭނައަށްޓަކައި އެފަދަ ބޮޑު ޚަރަދެއް ކުރިކަމުގެ ޝަކުވާވެސް އޭނައަށް ކުރެވެމުން ދިޔައެވެ. ދޮންބެ މިފަދަ ބޮޑުކަމެއް ކުއްލި ގޮތަކަށް އޭނައަށް ކޮށްދިނީ ކީއްވެތޯވެސް އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ. އަދި އަމުދުން އެޕާޓްމެންޓުގެ އެކި ތަންތަން ދައްކަމުން ދިޔައިރު ދޮންބެ ވާހަކަ ދައްކަމުން ދިޔަ ޒާތުން އޭނައަށް އުދަގޫވަމުން ދިޔައެވެ.

"މިއީ ޔުނާގެ ކޮޓަރި..... ހުރިހާ ކޮޓަރީގެ ތެރެއިން އެންމެ ބޮޑު ކޮޓަރިއަށްވީމަ މިތަނަށް ޔުނާއާއި ގުޅޭ ކަހަލަ ބެޑްރޫމް ސެޓެއް ލީ.... އޯކޭ ދޯ؟ އެހެރީ ބަދިގެ.... ހުރިހާ އިލެކްޓްރޯނިކް ސަމާނު ލާފަ ކަރަންޓާއި ގުޅާފަ ހުންނާނީ. ޔުނާއަށް ހުރިހާ ކަމެއް އަމިއްލައަށް ކުރެވޭނެހެން. ދެން މިއީ ދޮންބެގެ ކޮޓަރި. ދޮންބެ ނެތް ދުވަހަކުން މިތަނަށް ވަދެ ދޮންބެ މަތިން ހަނދާން ކޮށްލެވޭނެތާދޯ؟" ދޮންބެ އެ ކޮޓަރީގެ ވަކި ހިސާބަކަށްވަދެ ފަސްއެނބުރި އޭނައަށް ބަލައިލަމުން ހިނިތުންވުމަކާއެކީ ދޯދިނެވެ.

"ކީއްވެ މާ ގިނައިން ދޮންބެ ނުހުންނާނެ ދުވަހެއްގެ ވާހަކަ މިއަދު ތި ދައްކަނީ؟" ޔުނާ އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ސުވާލުކުރިއެވެ.

"ހެހެ.... ވެދާނެ މިއަދު ހެނދުނު މަރާއި ގުޅޭ ދަރުހެއް އަޑުއެހީމަ ވާގޮތް ކަމަށްވެސް. އެހެންނޫނަސް ދުނިޔޭގަ މިހާ ތަނަވަސްކަން ލިބޭއިރު މަރުމަތިން ހަނދާންކުރުން ވެސް މުހިންމުދޯ؟ މި ދުނިޔޭގަ ކިތަންމެ ކިތަންމެ ބޮޑު ގެއެއް ލިބުނަސް އަހަރުމެންނަށް ޙަޤީޤީ ދިރިއުޅުން ލިބުންވަނީ އާޚިރަތުގައި ﷲ އަހަރުމެންނަށް ދެއްވާނެ ގޭގަ އިން ޝާ ﷲ! މި ދުނިޔޭގަ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ޙަޤީޤީ ކާމިޔާބީއެއް ލިބުނު ކަމަށްވާނީ އެދުވަހު އަލިފާނުގެ ޢަޒާބުން ސަލާމަތް...." ޔަޒްދާންގެ އެ ވާހަކަ މެދުކެނޑިގެން ދިޔައެވެ.

"އޯކޭ އޯކޭ ދޮންބެ.... ގޮޓް އިޓް!" ޔުނާ އެ ވާހަކަ އިތުރަށް އަޑުއަހަން ބޭނުންނުވުމުން އަވަސްއަވަހަށް ބުނެލިއެވެ. އެއާއެކު ޔަޒްދާން ހިސާބެއްގެ މާޔޫސްކަމަކާއެކީ އަނގަ ލައްޕާލިއެއްކަމަކު ކަމެއް ހަނދާންވީ ފަދައަކުން ވާހަކަ ދެއްކިއެވެ.

"އާނ މިހެން ބުނެވުނީމައޭ މި ހަނދާންވީ. މި ކޮޓަރީގަ ހުންނާނެ ވަރަށް މުހިއްމު ތަނެއް. އާދެބަލަ ދައްކާލާނަން...." ޔަޒްދާން އެހެން ބުނެލުމުން ޔުނާ ހިސާބެއްގެ ޙައިރާންކަމާއެކީ ދޮންބެ ފަހަތުން ކޮޓަރީގެ ތެރެއަށް ވަނެވެ.

ޔަޒްދާން އެ ކޮޓަރީގެ ކިޔަވާ މޭޒު ކައިރިއަށް ގޮސް ވަތްގަނޑެއް ދަމާލަމުން ކުޑަ ތަޅުދަނޑިއެއް ނެގިއެވެ. އަދި އެ ތަޅުދަނޑިއާއެކީ ޔަޒްދާން ދިޔައީ ކޮޓަރީގެ ކަނެއްގައި ހަނިކޮށް ހެދިފައިވާ ދޮރަކާއި ދިމާލަށެވެ. ޔަޒްދާން ގޮސް އެ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ އެ ފަންގިފިލާއިން ތިރިއަށް ދެވޭ ސިޑި ބަރިއެވެ.

"އޮހް! އަލްޓަނޭޓިވް އެގްޒިޓެއްތަ؟ ހެހެ....." ޔުނާ އެ ދޮރުން ބޭރު ބަލަމުން ސުވާލު ކުރިއެވެ.

"ހުމް..... އަދި މި ޢިމާރާތުގެ ވެރި މީހުންނަށް ވެސް ނޭނގޭނެ ދޮންބެ މި ދޮރު ހަދާލިކަން. އެމީހުންނަށް އެނގޭކަށް ވެސް ނުޖެހޭދޯ؟ މި ތަނަކީ ދެން އަހަރުމެންގެ މިލްކެއް.... ދޮންބެ ނެތް ވަގުތެއްގަ އެއްވެސް ކަހަލަ މީހަކު އެޕާޓްމެންޓަށް ވަދެ ކަމެއް ކުރަން އުޅުނިއްޔާ މިތަނުން ނިކުންނަން އަވަސްވާތި...." ޔަޒްދާން ސީރިއަސްކަމާއެކީ ބުނެލިއެވެ.

"ދެން ތިހެން ނުކިޔަބަލަ ދޮންބޭ.... ދޮންބެ ނުހުންނާނެ ވަގުތެއް ޚިޔާލަށް ގެންނާކަށް ބޭނުމެއްނޫން." ޔުނާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

"ހެހެ..... ދޮންބެ ހުއްޓަސް ނެތަސް އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ޔުނާ ހަނދާން ބަހައްޓައްޗޭ! ޔުނާގެ ރައްކާތެރިކަމަށްޓަކައި މީހަކު ހުއްޓަސް އެ މީހަކު މެދުވެރިކުރައްވަނީ ﷲ. އުއްމީދު ކަނޑާލެވޭ ވަގުތުވެސް ﷲ ގެ ޙަޟްރަތުން އެހީއަށް އެދި އަމިއްލައަށް އެޅެން އޮތް ފިޔަވަޅެއް އަޅާ. އިން ޝާ ﷲ އެކަލާނގެ އެހީވެދެއްވާނެ. ކިތަންމެ ދަތި ޙާލަތަކުން ވެސް ސަލާމަތް ކޮށްދެއްވާނެ އިން ޝާ ﷲ!"

ލައިޓަރުގެ ހުޅުކޮޅު ބިންމަތީގައި ހުރި ދިޔާ އެއްޗާއި އެއްވެގެން ފެތުރެން ފެށި ވަގުތު ސިކުންތުކޮޅެއް ވަންދެން ޔުނާގެ ސިކުނޑި ހުއްޓުމަކަށްއައެވެ. އެހެނަސް ހިނދުކޮޅެއް ފަހުން ދޮންބެ އެދުވަހު އޭނައަށް ދެއްކި ދޮރާއެކީ އެންމެ ފަހުން އޭނަގާތު އެދުވަހު ބުނެލި ބަސްތައް ސިކުނޑީގައި ގުގުމާލިއެވެ.

ހުޅުގަނޑު ފެތުރިގެން އޭނައާއި ދިމާލަށް އަންނަން ފެށި ތަނާހެން ޔުނާއަށް ހަޅޭކަކާއެކީ އެޕާޓްމެންޓްގެ ތެރެއަށް ދާން ދުއްވައިގަނެވުނެވެ. އެވަގުތު އެ ހުޅުގަނޑު ރޯކުރި މީހާ އަވަސް ހިނގުމެއްގައި އޭރު ހުޅު ނުހިފާ ހުރި އެޕާޓްމެންޓްގެ މައިދޮރުން ނިކުތީ، އެ ދޮރަށާއި ދޮރުގެ ކައިރިން ހުރި ޓައިލްސް މައްޗަށް ވެސް ތެޔޮ އޮއްސައި ތެޔޮ ފުޅި އެތެރެއަށް ދޫކޮށްލަމުންނެވެ. އިސާހިތަކު ހުޅުގަނޑު އެފަރާތަށް ވެސް ފެތުރިގެން ގޮސް ދޮރުގައިވެސް ހުޅު ހިފިއެވެ.

ޔުނާ އެ ދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށް ވަން ވަގުތު ހުޅުގަނޑު ކޮޓަރި ބަރި ހުރި ފާރުގެ ދެފަރާތުން އައިސް އޭނަގެ ކޮޓަރީގެ ދޮރުގައި ވެސް ހިފަން ފެށިއެވެ. އަލިފާނުގެ ހޫނުކަން އިޙްސާސް ކުރެވި ފަހަތަށް ޖެހިލެވުނު ހިނދު ރަނގަޅަށް ވިސްނަން ވެސް ދަތިވިއެވެ. އެވަގުތަކީ ޢިމާރާތުގައި ފަޔާރ އެލާމުގެ އަޑުވެސް ގުގުމަން ފެށި ވަގުތެވެ.

ބިންމަތިން ފެތުރިގެން ދިޔަ ވަރަށްވުރެ ދޮރުގައި އަލިފާން ހިފަމުން ދިޔަ ގޮތް ލަސްކަން ހިނދުކޮޅެއްގެ ތެރޭގައި ފާހަގަވުމުން ޔުނާ ހިތްވަރުކޮށްފައި ދޮރުގެ ތަޅުގައި ހިފާލަމުން ހުޅުވާލިއެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި އެ ކޮޓަރި ބަރީގެ އަނެއްފަރާތުން ފެންނަމުން ދިޔަ ދޮންބެގެ ކޮޓަރީގެ ދޮރު ހުޅުވާލީ ހިތުން ސީދާ އެ ދޮރާއި ދިމާލަށް ދިޔުމަށެވެ. އެހެނަސް ދޮރުގެ ތަޅުދަނޑި އޮތީ އޭނަގެ ކޮޓަރީގައިކަން އެނގުންވުމުން ޔުނާ އޭނަގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަނުމާއެކު ނޭވާގެ ތެރެއިން ކަރުގެ ބުޑަށް އައި ދުމުގެ އަސަރުން ޔުނާ ކެއްސަން ފެށިއެވެ. ފަހަތުން ދޮރުގައިހުރި ހުޅުގަނޑު ބޮޑުވަމުން ދާ މަންޒަރު ބަލަން ވެސް ބޭނުމެއްނުވެފައި ޔުނާ އޭނަ ކުރަން އައިކަމުގެ މަތިން ހަނދާން ކޮށްލިއެވެ. އެއާއެކު ޔުނާ ކޮޓަރީގެ އެކިއެކި ތަންތަން ހޯދަން ފެށިއެވެ. އެ ތަޅުދަނޑިއަކީ މާ މުހިއްމު އެއްޗެއް ނޫންކަމުގައި މި ހުރިހާ ދުވަހު އޭނަ ދެކުނީތީ އޭތި އެންމެ ފަހުން ބޭއްވުނު ތަނެއްވެސް ރަނގަޅަށް ހަނދާނެއް ނެތެވެ.

ހާސްކަމާއެކީ ދޭތެރެދޭތެރެއިން ކެއްސަމުން ކިޔަވާ މޭޒުގެ ހުރިހާ ވަތްގަނޑެއް ހާވައި ބަލައިލުމުން ވެސް އޭތި ފެންނަ ގޮތެއް ނުވިއެވެ. ހެދުން އަލަމާރީގެ އެކި ބައިބައި ހުޅުވައި ހެދުންތައް އުކަމުން، ކަކޫމައްޗަށް ތިރިވެ އެ އަލަމާރީގެ ވަތްގަނޑުވެސް ހުޅުވައި ބަލައިލުމުން ވެސް ތަޅުދަނޑި ފެންނަ ގޮތެއް ނުވުމުން، ޔުނާގެ ހިތުގެ ތެޅުން އިހުނަށްވުރެ އަވަސްވެ ލޯ ކަރުނުން ފުސްވާން ފެށިއެވެ. ކޮޓަރި ތެރެއަށް ހުޅުގަނޑު ފެތުރެމުން ދިޔަ ކަމާއި، އޭގެ ހޫނުކަން އިޙްސާސް ވަމުން ދިޔަ ވަގުތު އަނެއްކާވެސް އޭނައަށް އުއްމީދު ކަނޑާލެވެން އުޅުނެވެ. އެހެނަސް އެވަގުތު އަނެއްކާވެސް ދޮންބެގެ ބަސްތަކެއްގެ މަތިން ހަނދާންވެގެން ދިޔައެވެ.

"އުއްމީދު ކަނޑާލެވޭ ވަގުތުވެސް ﷲ ގެ ޙަޟްރަތުން އެހީއަށް އެދި އަމިއްލައަށް އެޅެން އޮތް ފިޔަވަޅެއް އަޅާ. އިން ޝާ ﷲ އެކަލާނގެ އެހީވެދެއްވާނެ...."

އެ ބަސްތައް ހަނދާންވެގެން ދިޔަ ހިނދު ޔުނާ އެތައް ޒަމާނެއް ފަހުން ފުރަތަމަ ފަހަރަށް ﷲ އަށް ދުޢާއެއްކޮށްލަން ހިތަށްއެރިއެވެ. ހިތަށް ވެރިވި އެ ޢަޒުމާއެކީ ހިތާހިތުން ކިޔާލެވުނީ 'ޔާ ﷲ' އެކަންޏެވެ. ހާސްކަން ވެރިވެފައިވި ސިކުނޑީގެ ސަބަބުން ދުޢާއަށްޓަކައި ހިތާހިތުން ވެސް ބަސްތައް އަތުރާލުމުގައި އޭނަ ނާކާމިޔާބުވިއެވެ.

ދުޢާ ރަނގަޅަށް ނުކުރެވުނަސް ކީއްވެކަމެއް ނޭނގެއެވެ. ސިކުންތުކޮޅެއްފަހުން އެނދުގެ ހެޑްބޯޑުގައި ހުރި ވަތްގަނޑެއް ހުޅުވާލަން ހިތަށްއެރި ހިނދު އެ ހިތުގައި އުއްމީދު އާވިއެވެ. އިސާހިތަކު އެތަނުގައި އޭނައަށް ތަޅުދަނޑި ބޭއްވުނު ހަނދާން އާވުމުން ޔުނާ ވަގުތުން ކޮޅަށް ތެދުވެ އެނދާއި ދިމާލަށް ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އެ ހިނދު އެނދުގެ ކައިރިއަށް ހުޅުގަނޑު އަންނަމުން ދިޔައެއްކަމަކު އެނދުގައި ރޯ ނުވެއެވެ.

ހެޑްބޯޑުގެ ވަތްގަނޑު ހުޅުވާލުމާއެކު އެ ކުޑަ ތަޅުދަނޑި ފެނިގެން ދިޔުމުން އޭނައަށް ހިތާހިތުން ޝުކުރު ކުރެވުނެވެ. ތަޅުދަނޑިއާއެކީ އޭނަ ކޮޓަރިން ނިކުންނަން ދިމާކުރި ވަގުތު ދޮރުން ނިކުމެވޭ ވަރަށްވުރެ ދޮރުމަތީގައި ހުރި ހުޅުގަނޑު ބޮޑުވެފައިވި މަންޒަރު ޔުނާއަށް ފެނުނެވެ. އެ ހިނދު ދޮންބެ އަލިފާނަކުން ސަލާމަތްވުމަށް އޭނައަށް ދަސްކޮށްދިން ދުވަސް މަތިން ހަނދާންކުރަމުން ޔުނާ އަވަސްއަވަހަށް އެނދުމަތީގައި އޮތް ރަޖާ ނެގިއެވެ. އަދި ކުރިން ލިބިފައި ނުވާ ހިތްވަރަކާއެކީ އެ ރަޖާ ދަމަމުން ގޮސް ދޮރު މަތީގައި އަޅާލިއެވެ.

އެ ދިމާލުން ހުޅުގަނޑު ނިވިގެން ދިޔުމުން ރަޖާ މަތިން ގޮސް ދޮންބެގެ ކޮޓަރިއަށް ވަންނަން ދިމާކުރިއެވެ. އެހެނަސް އެ ދޮރުމަތީގައި ވެސް ހުޅު ހިފާފައިވި މަންޒަރު ފެނިފައި ރަޖާ ދަމަމުން ގޮސް އެ ދޮރުންވެސް ވަދެވޭ ވަރުވުމުން އެކޮޓަރިއަށް ވަދެގެން ގޮސް އެއްކަލަ ދޮރާއި ދިމާލަށް މިޞްރާބު ޖެހިއެވެ. އަދި ދެވަނަ ވިސްނުމެއްނެތި އެ ދޮރު ހުޅުވާލަމުން ދޮރުން ނިކުތެވެ. އެ ހިނދު އެ ކޮޓަރި ނޫން ޖެހިގެން ހުރި ކޮޓަރިން އެއްޗެއް ގޮވި އަޑަށް ޔުނާއަށް ހަޅޭއްލަވައިގަންނަމުން ސިޑިން ފައިބަން އަމާޒުކުރެވުނެވެ.

ބާރަށް ތެޅެމުން ދިޔަ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހަމުން ދިޔައިރު އޭނައަށް ދުވެމުން ދިޔައީ ފިޔަވަޅުތަކުގެ މައްޗަށް އޭނައަށް ބާރުވެސް ނުފޯރުވޭހެން ހީވާ އަވަސްމިނެއްގައެވެ. ކޮޓަރީގައި ހުރި ފުޅިފުޅީގައި ހުޅު ރޯވުމުން އެތަނުގެ ޙާލަތު އިހުނަށްވުރެ ގޯސްވަނީކަން ޔުނާއަށް އެނގުންވިއެވެ. އެ އެޕާޓްމެންޓުގައި ދެން އުޅެވޭނެ ވަރު ވާނެތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނަސް އެ ސުވާލުގެ ޖަވާބު އެވަގުތު މުހިއްމު ކަމަކަށް ނުވިއެވެ.

މިނެޓްތަކެއްގެ ތެރޭގައި ޔުނާއަށް އެ ޢިމާރާތުގެ ގްރައުންޑް ފްލޯއަށް ދެވުނެވެ. އެހިނދު ޢިމާރާތުގެ އެހެން ފަންގިފިލާތަކުގައި ތިބި މީހުންވެސް ޢިމާރާތުން ނިކުންނަން އަވަސްވަމުން ދިޔައެވެ. ޔުނާވެސް މީހުންތަކުގެ ތެރެއިން ޢިމާރާތުން ނިކުތެވެ. އެވަގުތު އެ މީހުންގެ ވާހަކަތަކާއި ކެއްސާ އަޑާއި ކުޑަކުއްޖަކު ރޯ އަޑުން އެ މާޙައުލު އަޑު ހަރުވެފައިވިއެވެ.

ޢިމާރާތުގެ ގޯތިން ހިނގާފައި ގޭޓާއި ހަމައަށް ގޮސް ޔުނާއަށް ފަސްއެނބުރި އެތަނާއި ދިމާލަށް ބަލައިލެވުނީ އޭނަ އެންމެ ފުރަތަމަ އެތަނުގައި ވަޒަންވެރިވުމަށް އެ ގޭޓުން ވަދެގެން ދިޔަ ދުވަސް ހަނދާންވުމުންނެވެ. އެ ޢިމާރާތުގެ އެންމެ މަތީ ބައިގައި އެއްކޮށް ހުޅުގަނޑު ހިފާފައި ހުރި މަންޒަރު ފެނި އޭނަގެ ލޮލުން ކަރުނަތައް ހިލިގެން ދިޔައެވެ. އެ އެޕާޓްމެންޓް އަނދަމުން އެދަނީ އޭނަގެ ދޮންބެގެ ހަނދާންތަކާއިވެސް އެކީކަން އެނގުންވީ ހިނދު އެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެ ހިނދު އެހެން ހިނގާފައި ދިޔަ މީހަކު އޭނަގެ ކޮނޑުގައި ޖެހިފައި ދިޔަ ވަގުތު އެތެރެއަށް ލެވުނު ނޭވައާއެކީ ޔުނާ ނުލަފާ ގޮތަކަށް ކެއްސަން ފެށިއެވެ. ނޭވާ ލަމުން ދިޔަ ވަރަކަށް ނޭވާ ކުރުވެ ކެއްސުން ގޯސްވަމުން ދިޔަ ގޮތުން އޭނަ ވީހާވެސް އަވަހަކަށް އެތަނުން ދާންޖެހޭކަން އެނގުންވިއެވެ. އެހެންކަމުން ދިގު ފިޔަވަޅުތަކެއްގައި ގޭޓުން ނިކުމެގެން އަލިފާނުގެ އަސަރު ހުރި ޞަރަޙައްދާއި ދުރަށް ދާން ހިނގައިގަތެވެ.

ހިނގަމުން ހިނގަމުން ގޮސް އެ މާޙައުލާއި ދުރަށް ދެވުމުން ޔުނާ ހިސާބަކަށް ހަމައަކަށް އެޅޭ ގޮތްވިއެވެ. އެ ހިނދު އޭނަ ދެން ހަދަންވީ ގޮތަކާއިމެދު ވިސްނާލެވުނެވެ. ހޮޓެލަށް ދާން ނިންމަމުން ޔުނާ މިޞްރާބު ޖެހީ ކައިރިން ފެނުނު ކުޑަ ފިހާރައަކަށެވެ. އެތާނގައި ހުރި ފޯނުން ހޮޓެލްގެ މުވައްޒަފުންނަށް ގުޅައި އޭނައަށް ރޫމެއް ބުކްކުރަން އެންގުމަށެވެ. އެހެނަސް އެކޮޅުން ފޯނު ނެގި ރެސިޕްޝަނިސްޓް ބުނެލި ވާހަކައިން ޔުނާ އަޖާއިބުވާހާވިއެވެ.

"ސޮރީ މޭމް..... މިވަގުތު ތިން ހޮޓެލްގައި ވެސް ހުސް ރޫމެއް ނެތް..." އެކުއްޖާ ބުނި އަޑު ޔުނާއަށް އިވުނެވެ.

"ވަޓް؟ ތީ ހާދަ ނުވާކަމެކޭ.... އެހެންވެއްޖެއްޔާ މިރޭ ލީވް ކުރާ ކަސްޓަމާއެއް ހުރިއްޔާ އެ ރޫމް މޭމްގެ ނަމަށް ބުކްކޮށް ދެއްޗޭ." ޔުނާ އެދުނެވެ.

"އެގޮތަށް ހެދޭކަށް ނެތް މޭމް.... ރިއަލީ ސޮރީ ޓު ސޭ ދިސް. އޮފީސް ހުންނަ ރޫމް ހުސްކުރެވުނީސް އެކަމަކު ޔޫސުފް ސާރ ވެސް މިރޭ ވަރަށް ބިޒީކޮށް ވޯކްކުރަނީ.." އެ ކުއްޖާ އެހެން ބުނެލި އަޑު އިވުމުން ޔުނާގެ ހަށިގަނޑުން ހަކަތަ ގެއްލޭ ފަދަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އެ ކުއްޖާ އެ ހަދަނީ ދޮގެއްހެން ހީވިއެއްކަމަކު އެވަގުތު އެކަމާ ބަހުސްކުރާނެ ވަރެއް އޭނަގެ ގައިގައި ނެތެވެ.

އެހެންކަމުން އެހެން މީހަކަށް ބަރޯސާވުމަކީ އޭނަ ކިތަންމެ ނުރުހުންވާ ކަމަކަށް ވިޔަސް ޔުނާ އެގޮތް ޚިޔާރު ކުރިއެވެ. އެހީއެއް ލިބޭނެކަމުގެ މާ ބޮޑު އުއްމީދެއް ނެތަސް ޔުނާ ހުޅުމާލޭގައި އުޅޭ އޭނަގެ ބައެއް އެކުވެރިންނާއި، ބައްޕަ ފަރާތު ބޮޑުދައިތައަކާއި ދެ ބޮޑުބޭބެއިންގެ ގެއަށް ދާން ނިންމިއެވެ. އެ ޚިޔާލާއެކީ އެ ގެތަކަށް ދާން ނިންމި ހިނދު ކޮންމެވެސް ވަރެއްގެ އުއްމީދެއް ޔުނާގެ ހިތުގައިވިއެވެ. އެހެނަސް....

"އޮހް! އެޕާޓްމެންޓް އެނދީ ދޯ؟ ދުށީމޭ ޚަބަރުން. އައި ވިޝް އައި ކުޑް ހެލްޕް އެކަމަކު އޭޒް ޔޫ ނޯ މިގޭގަ ހުންނަނީ އެންމެ ރޫމެއް. ސޯ ކާންޓް!"

"ސޮރީ ޔުނާ! މިގެއަށް އެ ރަށުން މީހުން އައިއްސަ އެބަތިބި... ވަރަށް ޑިފިކަލްޓްވާނެ އިތުރު މީހަކު ގެންގުޅެން."

"ތިއީ ކާކު؟! އަހަރުމެންނަކަށް ނޭނގޭ އެއްވެސް ޔުނާއެއް!"

"ހެހެ..... ޚަލީލް އެއްލާލާފަ ދިޔަ ދޭތިން ކުރެ އެކަތިދޯ؟ މިގޭގަ ނެތް ތީނަ ބަހައްޓާނެ ތަނެއް."

އޭގެއިން ކޮންމެ މީހެއްގެ ފަރާތުން ވެސް އިވެމުން ދިޔަ ބަސްތަކުން ޔުނާއަށް އޭނަގެ އެކަނިވެރިކަން އިޙްސާސްވުން ނޫންކަމެއް ނުވިއެވެ. އެ އިޙްސާސާއެކީ ޔުނާގެ ލޮލުން ކަރުނަ ހިލުނެއްކަމަކު އޭނައަށް ނުރޮވެއެވެ. އެއީ އޭނަ ހިތްވަރުގަދަ ވީމަ ކަމެއް ނޫނީ ރޮވޭ ވަރަށްވުރެ ވަރުބަލިވެފައި ވީމަކަމެއް ޔަޤީނެއް ނުކުރެވުނެވެ.

އެންމެ ފަހުން ޔުނާ ޒިޔާރަތް ކުރި ބޮޑުބޭބެގެ ގެއަށް ފަހު އޭނަ ހިނގަމުން ދިޔައީ ހަމަހިމޭންކޮށް އޮތް މަގަކުންނެވެ. ފައި މަގުގައި އެކި ގެތަކަށް ދިޔުމުގެ ސަބަބުން ދެފައިން ވަރުބަލިކަމެއް އިޙްސާސް ކުރެވެމުން ދިޔައިރު ކެއްސުމުގެ ސަބަބުން ކަރު ތެރޭގައި ރިހުމެއް އުފެދިފައިވިއެވެ. އޭގެ ސަބަބުން އޭނަ ހުން ވައްތަރު ވެފައިވިކަން އެނގުންވިއެވެ.

ޔުނާ އެ މަގުން ހިނގަން ފެށިތާ މާ ގިނައިރެއްނުވެ ތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ވާރޭ ތިކިތަކުގެ އިޙްސާސް ކުރެވުމުން އުޑާއި ދިމާލަށް ނަޒަރު ހިންގާލެވުނެއްކަމަކު އެ ވާރެއިން ހިޔާ ވާކަށް ޔުނާ މަސައްކަތެއް ނުކުރެއެވެ. އޭނަ ކިތަންމެ މަސައްކަތެއް ކުރިޔަސް އެއީ އޭނައަށް ލިބެން ނެތް ނިޢުމަތެއްހެން އޭނައަށް ހީވެފައިވުމުންނެވެ.

ވާރޭގެ ތެރޭގައި އިރުކޮޅެއްވުމުން ޔުނާ މުޅިން އެއްކޮށް ފޯވިއެވެ. އެއާއެކު ވެގެން ދިޔަ ފިންޏާއެކީ އޭނަ ތުރުތުރު އެޅި ހިނދު ފައިގައިވި ރިހުން ވެސް އިތުރުވެގެން ދިޔައެވެ. އިތުރަށް ނުހިނގޭނެހެން ހީވުމުން ޔުނާ އިށީންނަން ބޭނުންވިއެވެ. އިށީންނާނެ ތަނެއް ފެނޭތޯ ވަށައި ހޯދާލިއެއްކަމަކު ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އިތުރު ގޮތެއް ނެތުމުން ޔުނާ ލަސްލަހުން ހިނގާފައި ގޮސް އެންމެ ކައިރިން ފެނުނު ޢިމާރާތް ކައިރިއަށް ދިޔައެވެ. އަދި ފާރަށް ލެނގިލަމުން ބިންމަތީގައި އިށީނީ އަމިއްލަ ނިކަމެތިކަން އިޙްސާސް ކުރެވޭ ޙާލުގައެވެ.

އެހެން އިންދާ ކުއްލިއަކަށް އޭނަގެ ގައިގައި ޖެހެމުން ދިޔަ ވާރޭ ތިކިތަކުގެ ޙަމަލާއަށް ހުއްޓުމެއް އައިސް އޭނަގެ ގަޔަށް ކުޑައެއްގެ ހިޔަނި އެޅުނެވެ. އެ ކުޑައިގެ ހިޔަންޏާއި އެކީ ކުޑަ ހިފައިގެން ހުރި ޒުވާނާގެ ހިޔަނިވެސް ޔުނާއަށް ބިންމަތިން ފާހަގަވިއެވެ. އެ ހިޔަނިން، ޒުވާނާ ހުރީ ޔުނިފޯމެއްގައިހެން ހީވިއެވެ. ޔުނާ އިސްއުފުލައި ބަލައިލިއިރު އޭނަގެ ބޯމައްޗަށް ދިއްކުރެވިފައިވީ ރަތް ކުލައިގެ ބޮޑު ކުޑައެކެވެ. އެއީ އޭނަގެ ކުޑައޭ ހިތަށްއެރި ވަގުތު އެ ޒުވާނާ ކުޑަ ހިއްލާލީ އޭނަގެ ސޫރަ ޔުނާއަށް ފެންނާނެ ފަދައަކުންނެވެ. އެއާއެކު ފެނުނު ސޫރައިން ޔުނާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނައަށް ރައްކާތެރިކަމެއް ލިބިއްޖެކަން އެވަގުތު ހިތް ޔަޤީންކުރި ގޮތުން ޚުދު ޔުނާވެސް ޙައިރާންވާހާވިއެވެ.

(ނުނިމޭ)