ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާންގެ ކާރު ޑްރައިވަރު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސާރާ ރޭ އިންސަޓްގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ކާރު ދުއްވާ ޑްރައިވަރު ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ސާރާ އަދި ޑްރައިވަރާ ކޮންޓެކްޓް ވި އާއިލީ މެންބަރުން ކޯވިޑް ހުރިތޯ ބެލުމަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށްވެސް ސާރާ ބުންޏެވެ.

ސާރާ ވަނީ އޭނާގެ ޑްރައިވަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ބީއެމްސީ އިން ވެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް އެ އިދާރާއަށް ޝުކުރު އަދާކޮށްފައެވެ. ސާރާ އެންމެ ފަހުން ފެނިގެން ދިޔައީ ކާތިކް އާރުޔަން އާއިއެކު ލަވް އާޖްކަލް އިންނެވެ.

ސާރާގެ ޑްރައިވަރަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކުރީގެ މަޝްހޫރު ބަތަލާ ރޭކާގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އަނުޕަމު ކޭރުގެ މަންމަ ހިމެނޭ ގޮތަށް އާއިލާގެ ގިނަ ބަޔަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ބޮލީވުޑްގެ މެގަސްޓާ އަމީތާބާއި ދަރިފުޅު އަބީޝެކް އަދި ޅީދަރިފުޅު އައިޝްވާރްޔާ އަދި ކާފަދަރިފުޅު އާރަދަޔަ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.