މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ދީނީ އިލްމުވެރިންގެ ގުޅުމާ ހިއްސާކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުން ތަމްސީލްކުރައްވާ ފަސް އިލްމުވެރިއަކާ ސީޕީ މިއަދު ބައްދަލްކުރައްވާފައިވަނީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ.
ފުލުހުން ބުނީ މިއަދުގެ ބައްދަލުވުމުގައި އިލްމުވެރިންގެ ގުޅުމުން ފާހަގަކުރި ކަންކަން ސީޕީ ހަމީދު އަޑުއައްސަވައި، އެމްޑީއެންއާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.
ސީޕީ ވަނީ ކޮވިޑްގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާ ގުޅިގެން ކުރެވޭ ކަންކަމާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލައިގައި ސީޕީއާ ބައްދަލްކުރެއްވުމަށް އިލްމުވެރިންގެ ގުޅުމުން މީގެ ހަ މަސް ކުރިން ވަނީ ސިޓީއެއް ފޮނުވައިފައެވެ. ނަމަވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާތީ މިމަހުގެ ނުވަވަނަ ދުވަހު އެ ގުޅުމުން ވަނީ ސިޓީއަށް އަވަސް ޖަވާބެއް ދިނުމަށް އެދި އިތުރު ސިޓީއެއް ވެސް ފޮނުވައިފައެވެ.