(11 ޖުލައި ގެ އަދަދާ ގުޅޭ)
"މަނިކުފާނު ތިޔަ ސުވާލުކުރެއްވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑުގެ ފަރާތުން އީރާނަށް އެއްވެސްކަހަލަ ނުރައްކަލެއް އަތުވެދާނެކަމުގައި ދެކެވަޑައިގަންނަވާނަމަ އަޅުގަނޑު މިހިރީ ޖަލަށްދާން ތައްޔާރަށެވެ. މަނިކުފާނު އަޅުގަނޑުގެ ފަހަތުން ސިފައިން ފޮނުއްވާނެކަމެއްނެތެވެ."
ރުސްތުމުގެ ކެތްތެރިފުޅުކަން ކޮޅުންލައިފިއެވެ. "މޮޔަ ކުއްޖާއެވެ. އަޅުގަނޑާމެދު ހީކުރައްވަނީ ކީކޭތޯއެވެ؟"
"މިއީ ތިޔަ ސުވާލުގެ ޖަވާބު އަރުވަން އެންމެރަނގަޅު ތަނެއް ނޫނެވެ."
ماه بانو އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. ރުސްތުމު ވަރުބަލިފުޅުވެފައިވާ ގޮތްކޮޅަކުން އަދަރާދަގޮނޑިޔެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާ އަތްތިލަބަޑި ޖައްސަވައިލެއްވުމުން ސިފައިންގެ އޮފިސަރެއް އެތެރެޔަށް ވަދެއްޖެއެވެ.
ރުސްތުމު ވިދާޅުވިއެވެ. "ކަލޭ އެއަންހެންކުއްޖާގެ ފަހަތުން ދާށެވެ. އޭނާ އިންނަ ތަނެއް އޮޅުންފިލުވާށެވެ. އެއަށްފަހު ޖަލުގެ ބަނޑޭރިއާއި މަދާއިނުގެ ޕޮލިސް ކޮމިޝަނަރ އަހަރެންގެ ގާތަށް ގެންނާށެވެ. ކަލޭ އެކުއްޖާގެ ފަހަތުން ދާކަމަށް އެކުއްޖާއަށް ޝައްކުވިޔަދީގެން ނުވާނެއެވެ."
އޮފިސަރ ސަލާންކޮށްފައި ބޭރަށް ނުކުމެއްޖެއެވެ.
ماه بانو ކަރުނަފޮދު ފޮއްސަވަމުން ބޭރަށް ނުކުމެވަޑައިގެންނެވިއިރު سُهيل އޭނާގެ އިންތިޒާރުގައި ހުންނެވިއެވެ. އޭނާ ހުންނެވީ ދުއިސައްތަ ވަރަކަށް ފިޔަވަޅު ދުރުގައި ގޯޅިޔެއްގެ ކަންމަތީގައެވެ. އޭނާ މޮޅިވެރި ރާގެއްގައި ސުވާލު ކުރެއްވިއެވެ. "ރުސްތުމު ވިދާޅުވީ ކީކޭތޯއެވެ؟"
ماه بانو ވިދާޅުވިއެވެ. "އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. އަޅުގަނޑަށް އޭނާގެ އަރިހަށް ނާދެވުނު ނަމައެވެ."
سُهيل ماه بانو ގެ އަރިހުގައި ވަޑައިގަންނަވަން ފައްޓަވައިފިއެވެ. ތަންކޮޅަކަށް ވަޑައިގެންފައި އޭނާ ވިދާޅުވިއެވެ. "ދައިތާފުޅު މާޔޫސްވެވަޑައިނުގަންނަވާށެވެ. ޔަޒުދުގިރުދު ރުސްތުމަށްވުރެ ކުލުނުވެރިވާނެއެވެ."
ماه بانو ޖަވާބުދެއްވިއެވެ. "يـاسمـين ގެ ބައްޕާފުޅު ދުނިޔޭގައި ހުންނެވިނަމަ ޔަޒުދުގިރުދުގެ ދަރުބާރާ ހަމަޔަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާރަކު އެކަމަކަށް އެއްވެސް މަގެއް ނުފެނެއެވެ."
ދެބޭފުޅުން އިރުކޮޅެއްވަންދެން ހިމޭނުން ކުރިޔަށް ވަޑައިގެންނެވުމަށްފަހު سُهيل ފަސްއެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އޭނާ ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "ރުސްތުމުގެ ގަނޑުވަރުން ނުކުތް މީހަކު އަޅުގަނޑުމެންގެ ބޯކޮޅުބަލަމުން ފަހަތުން އެބައާދެއެވެ. ދައިތާފުޅު ތަންކޮޅެއް ބާރަށް ހިންގަވާށެވެ. އޭރުން އެކަން ޔަޤީން ކުރެވިދާނެއެވެ."
ماه بانو އޭނާގެ ހިންގެވުން ތަންކޮޅެއް ބާރުކޮށްލެއްވިއެވެ. އިރުކޮޅެއްކޮށްލައްވައިފައި سُهيل ފަހަތް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. އޭނާވެސް ހިނގުން ބާރުކޮށްލައިފިއެވެ."
ماه بانو ވިދާޅުވިއެވެ. "ކޮއްކޮ ކުރިޔަށް ވަޑައިގަންނަވާށެވެ. ކަނާތްފަރާތުން އެންމެފުރަތަމަ ޖެހޭ ގޯޅީގެ ތެރެޔަށް ވެދެވަޑައިގެން މަޑުކުރައްވާށެވެ."
سُهيل އެގޮތަށް ކަންތައް ކުރައްވައިފިއެވެ. ماه بانو ވެސް ކަނާތްފަރާތުން ފުރަތަމަ ދިމާވި ގޯޅީގެ ތެރެޔަށް ވެދެވަޑައިގެން ގަހެއްގެ ދަށުގައި މަޑުކޮށްލެއްވިއެވެ. އެބޭފުޅުންގެ ފަހަތްޕުޅުން އަންނަ އޮފިސަރުވެސް މަޑުމަޑުން ހިނގަމުން އެބޭފުޅުން ފަސްދީ ދާންފަށައިފިއެވެ. ماه بانو سُهيل ގެ އަރިހުގައި ވިދާޅުވިއެވެ. "ދެން އަޅުގަނޑުމެން އައިކޮޅަށް ދަމާހިންގަވާށެވެ."
އެބޭފުޅުން އެނބުރި މަގަށް ނިކުމެވަޑައިގެންނެވުމާއެކު ސިފައިންގެ އޮފިސަރުވެސް އަނބުރައިލައިފައި ފަހަތްޕުޅުން އަންނާން ފަށައިފިއެވެ. ماه بانو ކުއްލިޔަކަށް ހުއްޓިވަޑައިގެންފިއެވެ. ސިފައިންގެ އޮފިސަރު އައިސް އޭނާއާ އަރައިހަމަވާން ފެށުމުން ކުއްލިޔަކަށް އޭނާއާ ދިމާޔަށް އެނބުރިވަޑައިގެން ލޯފުޅު ބޮޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "ކަލޭ އަހަރެންގެ ފަހަތުން ފާރަލަމުން އައުމުގެ ބޭނުމެއް ނެތެވެ. ކަލޭ ގޮސް ރުސްތުމުގެ އަރިހުގައި ދަންނަވާށެވެ. ޒަރުބަޚުތުގެ ކޮއްކޮ އިންނަނީ ފުރޭބުރުޒުގެ ގޭގައެވެ."
އެޒުވާނާޔަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ވާތްފަރާތުގައި އޮތް ގޯޅިޔަކަށް ވަދެގެން ދުވެފައިކަހަލަ ގޮތަކަށްގޮސް މީހުންގަނޑުގެ ތެރެޔަށް ގެއްލިއްޖެއެވެ.
+ + + + +
މެންދުރު ވަގުތެވެ. ماه بانو އޮންނެވީ އޭނާގެ އެނދުގައި އޮށޯވެވަޑައިގެންނެވެ. سُهيل ވަރަށް ބާރަށް ޓަކިޖައްސަވައިފައި އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. سُهيل ވިދާޅުވިއެވެ. "ކާއޫސް އަތުވެއްޖެއެވެ."
ماه بانو ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. "ކޮން ކާއޫސެއްތޯއެވެ. އަޅުގަނޑުމެންގެ ޚާދިމުތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑު ކޯރުގެ ފާލަންމަތީން ދަނިކޮށް މީހަކު އަޅުގަނޑަށް ގޮވައިލީއެވެ. އަޅުގަނޑަށް އެއީ ކާކުކަމެއް ނޭނގުނެވެ. އޭނާ އަޅުގަނޑުގެ ނަން އެހުމުން އަޅުގަނޑަށްވެސް ދަންނަ މީހަކުހެން ހީވެއްޖެއެވެ. އޭނާ އަޅުގަނޑުމެން ހޯދާން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ."
"އޭނާ ކޮބައިތޯއެވެ؟"
"ބޭރުފެންޑާގައި އެބަހުއްޓެވެ."
ماه بانو ތެދުވެވަޑައިގެން ދުވެވަޑައިގެންފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އޭނާ ހުންނެވީ އޭނާ ބޮޑުބޭބެއޭ ވިދާޅުވެ މުޚާޠަބުކުރައްވާ މުސްކުޅި ޚާދިމާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާ ހިނިފުޅުވަޑުވަނީއެވެ. ނަމަވެސް އޭނާގެ ލޯފުޅުން ދިޔައީ ކަރުނަފޮދު އޮހޮރެމުންނެވެ. އޭނާ ވިދާޅުވިއެވެ. "ކާއޫސު ދެން ދުވަހަކުވެސް ފެންނާނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. މިރަށަށް ތިޔަ އައީ ކޮންއިރަކުހެއްޔެވެ؟"
"ދަރިފުޅާއެވެ. އަޅުގަނޑު ދަރިފުޅު ހޯދާތާ އެތައްދުވަހެއް ވެއްޖެއެވެ. އެއްދުވަހަކު މީނާ ފާލަންމަތީން ވަޑައިގަންނަވަނިކޮށްވެސް އަޅުގަނޑު ދުށީމެވެ. މީނާ އިންނެވީ އަސްމަތީގައެވެ. އަޅުގަނޑަކަށް މީނާ ނުހުއްޓުވުނެވެ. އެތައްދުވަހެއް ވަންދެން މަދާއިނާއި ބެހެރާޝޭރުގައި ލޯފުނާ އެޅުމަށްފަހު އަޅުގަނޑުގެ ހިތަށް އެރިއެވެ. އެޑްރެސް ނޭނގޭ ދަނެފަރިތަ މީހަކު އެންމެ ފަސޭހައިން ފެންނާނެ ތަނަކީ ފާލަންމައްޗެވެ. އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން މިއަދު މީނާއާ ބައްދަލުވެވިއްޖެއެވެ. އެހެނޫންނަމަ އަޅުގަނޑު ހުރީ އެނބުރިދާންވެސް ގަސްދުކޮށްގެންނެވެ."
"ދެނެއް ބޮޑުބޭބެއަކަށް އެއްވެސްތަނަކަށް ނުދެވޭނެއެވެ."
ކާއޫސް ދެންނެވިއެވެ. "ދަރިފުޅާއެވެ. سُهيل ޒަރުބަޚުތާ ބެހޭގޮތުން އަޅުގަނޑަށް ދެއްވި ޚަބަރަކީ ވަރަށްވެސް ހިތާމަވެރި ޚަބަރެކެވެ. އަޅުގަނޑަށް މިތާނގައި ހުރެގެން އޭނާއަށް އެއްވެސް މަދަދެއް ފޯރުވޭނެ ނަމައެވެ."
"އަންނާށެވެ. އަހަރެމެން އިށީނދެތިބެގެން ހިތްހަމަޖެހިގެން ވާހަކަ ދައްކާނީއެވެ."
އެބޭފުޅުން ވަރަށްބޮޑު ކޮޓަރިޔަކަށް ވެދެވަޑައިގެންފިއެވެ. ماه بانو އާއި سُهيل އާ ވަރަށްބޮޑަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވުމުން ކާއޫސުވެސް ماه بانو ގެ ކުރިފުޅުމަތީގައިހުރި ގޮނޑިޔެއްގައި އިށީނދެއްޖެއެވެ. ماه بانو އޭނާގެ ވާހަކަފުޅު ވިދާޅުވެދެއްވުމަށްފަހު ކާއޫސު ކުރެން އެބޭފުޅުންގެ އަވަށުގެ ހާލު އެއްސެވިއެވެ. ކާއޫސު ޖަވާބު އެރުވިއެވެ. "އަޅުގަނޑު އަވަށަށް ނުދާތާ އެތައް މަހެއް ވެއްޖެއެވެ. އަޅުގަނޑު ނެތީސް އެ ސަރަޙައްދަށް ވަނީ އެތައް އިންޤިލާބުތަކެއްވެސް އައިސްފައެވެ. މުސްލިމުން އެއްފަހަރަކު އެސަރަޙައްދު ހުސްކުރިއެވެ. އީރާނީ ލަޝްކަރު މުސްލިމުންނާ ބައިވެރިވި ޢަރަބީންނަށް ވަރަށްބޮޑަށް އަނިޔާކުރިއެވެ. މުސްލިމުންވަނީ އެސަރަޙައްދު އަލުން ފަތަޙަކޮށްފައެވެ. އެކަމަކު އަޅުގަނޑަކަށް އެތަނަކަށް ނުދެވުނެވެ."
"ބޮޑުބޭބެ ހުންނަނީ ކޮންތަނަކުހެއްޔެވެ؟"
ކާއޫސު ޖަވާބު ދިނުމުގެ ބަދަލުގައި سُهيل އާ ދިމާޔަށް ބަލައިލިއެވެ. އޭނާ ބުންޏެވެ. "ދަރިފުޅާ سُهيل އެވެ. އެއްޗެކޭ ހީފުޅު ނުކުރައްވައި އިހަށް ބޭރަށް ނުކުމެވަޑައިގަންނަވާށެވެ. ހަމައެކަނި ماه بانو އަށް ދަންނަވަންޖެހޭކަހަލަ ބައެއް ވާހަކަ އެބަހުއްޓެވެ."
سُهيل ކަންބޮޑުވެވަޑައިގެންނެވުމާއެކު ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ކާއޫސު ދެންނެވިއެވެ. "އަޅުގަނޑު ބޭނުންވީ ދަރިފުޅަށް حسّان ގެ ވާހަކަ ދަންނަވާށެވެ. އޭނާއަކީ ދަރިފުޅުގެ ދުޝްމިނެއް ނޫނެވެ. އޭނާ ޒަރުބަޚުތުގެ އަރިހަށް އަޅުގަނޑު ފޮނުއްވިއެވެ. އޭނާ އެނބުރިވަޑައިގެންފިނަމަ ތިޔަބޭފުޅުންގެ މުޅި ސަރަޙައްދު އޭނާޔަށް އަނބުރާ ލިބިވަޑައިގެންފާނޭކަމުގެ ވާހަކަ ދެންނެވުމަށެވެ. ނަމަވެސް ޒަރުބަޚުތުގެ ހިތްޕުޅު އޭނާއާ މެދަކު ސާފެއް ނުވިއެވެ. އަޅުގަނޑަށް އޭނާ ހޯދުނީ ވަރަށް އުނދަގުލުންނެވެ. އީރާނުގެ ލަޝްކަރެއްގެ މުއަސްކަރަކުންނެވެ. އަޅުގަނޑު ދަރިފުޅަށް ދަންނަވަން ބޭނުމެވެ. ތިޔަބޭފުޅުން ބައްޕާފުޅު ގޮވައިގެން ކޯރު ހުރަސްކުރެއްވިއިރުވެސް އޭނާ ތިޔަބޭފުޅުންގެ ފަހަތްޕުޅުން ވަޑައިގެންނެވީ ނުބައި މަޤުޞަދެއްގައެއް ނޫނެވެ. އޭނާ ވަޑައިގެންނެވީ ތިޔަބޭފުޅުންގެ އިޙުސާންތެރިކަމުގެ ބަދަލުގައި ހެޔޮކަމެއް ކޮށްދެއްވޭތޯއެވެ. އޭނާގެ ލަޝްކަރުގެ އަމީރުގެ ފަރާތްޕުޅުން ބައްޕާފުޅަށް މުޅި އެސަރަޙައްދުގެ ވެރިކަން ހުށަހެޅުއްވުމަށްޓަކައެވެ. އެކަމަކު އޭނާ އުޅުއްވީ ޒަރުބަޚުތު ހައްޔަރުކުރައްވަން ކަމުގައި ޒަރުބަޚުތަށް ހީފުޅުކުރެއްވުނީ ކަމުގައި ވެދާނެއެވެ."
ماه بانو ފެންކަޅިފުޅު ވުމާއެކު ވިދާޅުވިއެވެ. "حسّان ގެ ދިފާޢުގައި ވާހަކަދެއްކުމުގެ ބޭނުމެއްނެތެވެ. އޭނާއަކީ އަޅުގަނޑުމެންގެ ދުޝްމިނެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. އޭނާ ދުނިޔޭގެ އެއްވެސް މީހަކަށް ނުބައިކަމެއް ނުކުރައްވާނެއެވެ."
ކާއޫސު ދެންނެވިއެވެ. "އަޅުގަނޑުމެންގެ އަވަށް ދޫކޮށްލުމަށްފަހު އަޅުގަނޑު ދިޔައީ އޭނާގެ އަރިހަށޭ ދަންނަވައިފިނަމަ ދަރިފުޅު ހީފުޅުކުރައްވާނީ ކީކޭތޯއެވެ؟"
"އަހަރެން ހީކުރަނީ ބޮޑުބޭބެ އަހަންނަށްވުރެ މާ ނަސީބު ރަނގަޅުކަމުގައެވެ."
"އަޅުގަނޑު އިސްލާމްވެއްޖައީމޭ ދަންނަވައިފިނަމަ......."
"އަހަރެން ބުނާނަމެވެ. ޤަބީލާތަކާއި ޤައުމުތައް އެ އަލިކަމެއް ހޯދާން ގަނަތެޅެމުންދާ އަލިކަން ބޮޑުބޭބެއަށް ފެނުނީ ކަމުގައި ވެދާނެއެވެ. އެކަމަކު ތިޔަ ވާހަކަތައް سُهيل ގެ ކުރިމަތީގައިވެސް ދެއްކިދާނެއެވެ. އޭނާގެ ބޭބެ އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައިގެންފިކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. ބުވައިބުގެ މައިދާނުން އޭނާއާ އޭނާގެ ބޭބެއާ ބައްދަލުވިއެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު