ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާސިމް (ސްމިތު) އަންހެނަކަށް ކުރި ޖިންސީ ފުރައްސާރައިގެ ޓުވީޓެއްގެ މައްސަލަ ސަރުކާރުން ބަލަން ފަށައިފިއެވެ.

ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް އަންހެން ކުއްޖަކު ކުރި ޓުވީޓަކަށް ސްމިތު ކުރެއްވި ރިޕްލައިގައި ވަނީ ".. ރޭޕް ކުރީމަ ކަޑަވަނީ ދޯ" މިގޮތަށެވެ.

އެ ޓުވީޓާ ގުޅިގެން އާންމު މީހަކު ސްމިތަށް ފާޑުކިޔައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ޓެގު ކުރައްވައި ކުރި ޓުވީޓަކަށް ރިޕްލައި ކުރައްވަމުން ހޫދު ވިދާޅުވީ ސްމިތު ބޭނުން ކޮށްފައިވާ ބަހުރުވައަކީ ވަރަށް ބޭއަދަބީ އަދި ޑީގްރޭޑް ބަސްތަކެއް ކަަމަށާއި އެފަދަ އަމަލެއް ހިންގައިގެން ނުވާނެ ކަމަށެވެ.

"އެކަން ގަބޫލުކޮށް، މިކަން [ރައީސް އޮފީހުން] މިހާރު ދަނީ ބަލަމުން،" ހޫދު ވިދާޅުވިއެވެ.

އާންމުންގެ ފާޑުކިޔުންތައް އަމާޒުވެ ސްމިތު ކުރެއްވި އެ ޓުވީޓު މިހާރު ވަނީ ޑިލީޓް ކޮށްލައިފައެވެ. އަދި އޭނާ ވެސް ރޭޕާ ދެކޮޅު ކަމަށް ވިދާޅުވެ މައާފަށް އެދި، ފަހުން ވަނީ ޓުވީޓެއް ކުރައްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު މިގޮތަށް ޓުވީޓު ކުރައްވާފައިވާ އިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ މިނިސްޓްރީގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފުލުހުން އިއްޔެ ވަނީ އޭނާ ދިރިއުޅޭ ގެކޮޅު ބަލައި ފާސްކޮށްފައެވެ. އެގެއިން ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ.