ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިސް ފަރާތެކެވެ.

އެނގިފައިވާ ގޮތުގައި އެބޭފުޅާ ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މަސައްކަތަށްވެސް ނުކުމެފައެވެ.

އެމްއެންޔޫގެ އިސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ މަސައްކަތްކުރާ ފެކަލްޓީގައި އޭނާ ބޭނުންކޮށްފާނެހެން ހީވާ ހުރިހާ ތަނެއް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

ކޮވިޑް 19ގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ ކިޔެވުން މެދުކަނޑާލެވިފައި އޮތުމަށްފަހު މިހާރު އަންނަނީ އަނެއްކާވެސް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ހަފުތާ ތެރޭގައި ޕީޖީ އޮފީހުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ފެމިލީ ކޯޓުގެ ދެ މުވައްޒަފަކު ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިފަހުން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.