މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޯވިޑް 19 އާއި ގުޅިގެން، އިންސާނިއްޔަތަށްޓަކައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ޑޮކްޓަރުންނާއި ނަރުހުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އަމީތާބު ބަޗަން ޝުކުރު އަދާކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން އަމިތާބު ބަޗަން އަދި އޭނާގެ ދަރިފުޅު އަބީޝެކް ބަޗަން ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އެ ދެމީހުން އެޑްމިޓް ކުރި ނަނަވަތީ ހޮސްޕިޓަލުން ވަނީ އަބީޝެކް އަދި އަމީތާބުގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

އެގޮތުން އަމީތާބު ބުނެފައިވަނީ މި ދަނޑިވަޅުގައި ހުދު ކޯޓު އަޅައިގެން ތިބޭ ޑޮކްޓަރުންނާއި ނަރުހުން އިންސާނިއްޔަތަށްޓަކައި ކުރަމުން އެ ގެންދަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެމީހުންގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވާ ކަމަށެވެ. މީގެ އިތުރުން މާ ބޮޑަށް ހާސްވެ ފިކުރު ނުކުރުމަށާއި ބިރު ނުގަނެ، ކަންކަމާ ކުރިމަތިލުމަށްވެސް އަމީތާބުގެ މި ވީޑިއޯގައި ވަނީ އެދިފަ އެވެ.

އަމީތާބްގެ މި ވީޑިއޯ އަކީ އޭނާ ރޭ އެޑިމިޓްކުރި ފަހުން ރެކޯޑްކޮށްފައިވާ ވީޑިއޯއެއް ކަމަށް ގިނަބަޔަކަށް ހީކުރެވިފައި އޮތް ނަމަވެސް، މި ވީޑިއޯ އަކީ ރޭގެ ވީޑިއޯއެއް ނޫނެވެ. އެހެން ނަމަވެސް މި ހާލަތާ މި ވީޑިއޯ ގުޅޭތީއާއި ކޮވިޑާ ގުޅިގެން އާންމުކޮށްފައިވާ ވީޑިއޯއަކަށް ވާތީ މި ވީޑިއޯ މި ވަނީ ކުއްލިޔަކަށް ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

މަޝްހޫރު ތަރި އަނޫޕަމްކޭރުގެ މަންމަ އާއި އާއިލާގެ ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން، ކުރީގެ މަޝްހޫރު ބަތަލާ ރޭކާ ގެ މުވައްޒަފަކުވެސް ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.