ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ތަހުގީގު ކުރަމުން އަންނަ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތިވުމުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ދެއްވާފައި ނުވާތީ، މިދިޔަ ބުދަ ދުވަހު އޭނާ ވަނީ އެ މަގާމުން ވަނީ ވަކިކުރައްވައިފައެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަލީ ވަހީދާއެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފައެވެ.