މިވަގުތު އިސްލާމީ ދުނިޔޭގެ ޖުމްހޫރު ދަންނަ ފަރާތްތަކުން ދެކެނީ ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މި ވަނީ ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑައިލުމަށްފަހު، މާލެ ސަރަހައްދުގައި އިޖުތިމާއީ ގައިދުރުކަމެއް ނެތި ޖަމާއަތުގައި ނަމާދު ކުރަން ފެށުމުން ގިނަ ބަޔަކު އެކަމާ ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން މާލޭގައި ކޮވިޑުގެ ހާލަތް މިވަގުތަށް އޮތް ގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު އެންމެ ރަނގަޅު ވާނީ ގައި ދުރުކޮށް ތިބެ ނަމާދު ކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވަނީ އިސްލާމީ ދުނިޔޭގެ އިސްލާމީ ރަސްމީ އިދާރާތަކާއި ޖުމްހޫރު ފިގުހުވެރިންގެ ނިންމުން ތަކަށް ރާއްޖެއިން ރިއާޔަތް ނުކުރަނީ ކީއްވެތޯވެސް ސުވާލު ކުރައްވައިފައެވެ.
މާލޭގައި ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ. އޭގެ ފަހުން މިމަހު އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެން ނަމަވެސް ޖަމާއަތުގައި ފުރަތަމަ ހުކުރު ނަމާދުކޮށްފައި ވަނީ އިއްޔެ އެވެ. އިއްޔެ ކުރި ހުކުރު ނަމާދުގައި އިޖުތިމާއީ ގައިދުރުކަމެއް ނެތި ނަމާދު ކުރުމުގެ ސަބަބުން މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވީ އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު