މުސްކުޅި ނޯކަރު يـاسمـين އާ މުޚާޠަބުކޮށް ދެންނެވިއެވެ. "ދަރިފުޅާއެވެ. ސާހިބާ އަވަހާރަވީ ޚަބަރު ލިބިވަޑައިގެންނެވުމާއެކު ރުސްތުމާއި ފީރޯޒާނާ ދެބޭފުޅުން ސާހިބާގެ މޫނުފުޅު ދެކެވަޑައިގަންނަވާން ވަޑައިގެންނެވިއެވެ. އެބޭފުޅުން ވަނީ ދަރިފުޅުގެ ހާލުކޮޅު ބައްލަވާނެކަމުގައި ވިދާޅުވެ އަޅުގަނޑަށް ތަސައްލީ ދެއްވައިފައެވެ."

އެއްދުވަހެއްގެ މެންދުރުވަގުތެވެ. ރުސްތުމު ގަނޑުވަރަށް އެނބުރި ވަޑައިގެންނެވީ މަދާއިނުގެ އަސްކަރީ މަރުކަޒުތައް ބައްލަވައިލައްވައިފައެވެ. ހަތިޔާރުއެޅި ހަތަރު އަސްވާރުން އޭނާގެ އަރިހުގައި އައެވެ. އޭނާ ހުންނަވާ ގަނޑުވަރުގެ ދޮރޯށިކޮޅާ ހަމަޔަށް ވަޑައިގެންނެވުނުތަނާ ماه بانو ކުއްލިޔަކަށް އޭނާގެ ކުރިފުޅުމައްޗަށް އަރައިވަޑައިގެން އޭނާގެ ކުރިބައްދަވައިފިއެވެ. އޭނާގެ އަހުގެ ލަގަނުގައި ހިއްޕަވަމުން ވިދާޅުވިއެވެ. "ފަރަޚުޒާދުގެ ދަރިކަލުންނޭވެ! އަޅުގަނޑުގެ ފަރިޔާދު އަޑުއައްސަވައިފައި މެނުވީ ކުރިޔަކަށް ވަޑައެއްނުގެންނެވޭނެއެވެ." ރުސްތުމު ކޯފާވެގެން އޭނާގެ ހަންމުށިކޮޅު އުފުލައިލެއްވިއެވެ. ނަމަވެސް ماه بانو ގެ މޫނުފުޅަށް ބައްލަވައިލެއްވުމާއެކު އޭނާގެ އަތްޕުޅު ތިރިކޮށްލައްވައިފިއެވެ. ދޮރުފާރަވެރީންގެ ދެމީހުން ދުވެފައި އައިސް ماه بانو ގެ މުލައްދަނޑިފުޅުގައި ހިފަހައްޓައިފިއެވެ. ރުސްތުމުގެ ކުރިފުޅުމަތީން އޭނާ ދުރަށްލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ماه بانو ރުސްތުމުގެ އަހުގެ ލަގަނުން ދޫކޮށެއް ނުލެއްވިއެވެ.

ރުސްތުމު ގުގުރީގެ އަޑު ފަދަ އަޑުފުޅަކުން ދޮރުފާރަވެރީންނަށް ވިދާޅުވިއެވެ. "މަޑުކުރާށެވެ!"

ދޮރުފާރަވެރީންގެ ދެމީހުން ސިހިގެން އެއްފަރާތަކަށް ޖެހިއްޖެއެވެ.

"ތިޔައީ ކާކުހެއްޔެވެ؟" ރުސްތުމު ماه بانو އާ ސުވާލުކުރެއްވިއެވެ.

"އަޅުގަނޑަކީ ޒަރުބަޚުތުގެ ކޮއްކޮއެވެ. އަޅުގަނޑު މަނިކުފާނުގެ ގެކޮޅުގެ ދޮރޯށިކޮޅުގައި ތިންދުވަހު ޓަކިދީފީމެވެ. ނަމަވެސް މަނިކުފާނުގެ ނޯކަރުން އަޅުގަނޑު އެތެރެޔަކަށް ނުވެއްދިއެވެ."

"ކާކުކަން ނޭނގޭ އަންހެނުންނާ ވާހަކަދައްކަން އަހަންނަށް ވަގުތެއް ނޯންނާނެކަން ޚާދިމުންނަށް އެނގޭނެއެވެ. ޒަރުބަޚުތަކީ ކާކުހެއްޔެވެ؟"

"އެއީ ކުށެއްނެތް ޤައިދީއެކެވެ."

ރުސްތުމު ކުޑަކޮށް މައިތިރިވެވަޑައިގެންފައި ވިދާޅުވިއެވެ. "ކޮންމެ ޤައިދީއެއްގެވެސް އުޚުތަކު ބުނާނީ އޭނާގެ ބޭބެއަކީ ކުށެއްނެތް މީހެއްކަމުގައެވެ."

ماه بانو ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބެއަކީ މަނިކުފާނުގެ ބައްޕާފުޅުގެ ފާރަވެރީންގެ ވެރިޔާއެވެ."

ރުސްތުމު އޭނާގެ އަރިހުގައި އައިމީހުންގެ ގާތުގައި ވިދާޅުވިއެވެ. "މީނާ އެތެރެޔަށް ވައްދާށެވެ!"

ماه بانو އިރުކޮޅެއްގެފަހުން ހުންނެވީ ރުސްތުމުގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިޔެއްގައި އޭނާގެ ކުރިފުޅުމަތީގައެވެ. އަގުހުރި ގެވެހިކަންވާރުތަކުން ޒީނަތްތެރިކޮށް ފަޅުފިލުވައިފައިހުރި ކޮޓަރިޔެކެވެ.

ރުސްތުމު ވިދާޅުވިއެވެ. "ކަލާގެ ބޭބެއާ ބެހޭގޮތުން ވާހަކަ ދައްކާނީ ފަހުންނެވެ. އިހަށް ވިދާޅުވާށެވެ. ކަލާގެ ބޭބެ ހުންނެވީ ޖަލުގައިކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟"

"ކޮއްކޮޔަކަށް އޭނާގެ ބޭބެގެ މުސީބަތުގެ ޚަބަރު އޮޅުންނުފިލައެއް ނޯންނާނެއެވެ. މަނިކުފާނުގެ އަމުރުފުޅަށް އަޅުގަނޑުގެ ބޭބެ ޖަލަށްލައިފައިވާކަމަށް އަޅުގަނޑަށް ޚަބަރު ފޮނުއްވީ ސަރޫޝެވެ."

"ސަރޫޝަށް އެކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ."

"ސަރޫޝް ދުނިޔޭގައި ހުންނެވިނަމަ މަނިކުފާނަށް އޭނާއާ ސުވާލުކުރެއްވިދާނެއެވެ."

"ކަލާއަށް ސަރޫޝް އެނގިވަޑައިގެންނެވީ ކިހިނަކިންތޯއެވެ؟"

"އެއީ ފުރޭބުރުޒުގެ އެކޮއްކޯފުޅެވެ. ފުރޭބުރުޒަކީ އަޅުގަނޑުގެ ބައްޕާފުޅުގެ އެންމެގާތް ރަޙްމަތްތެރިޔާއެވެ. ޒަރުބަޚުތުގެ މުހުސިނެވެ. އޭނާ އަޅުގަނޑާމެދު ބައްލަވަނީ އޭނާގެ ބޭފުޅެއް ކަމުގައެވެ."

ރުސްތުމު ވިދާޅުވިއެވެ. "ކަލާގެ ބޭބެގެ ކުށަކީ ހަމައެކަނި އޭނާގެ ޣާފިލުކަމުގެ ސަބަބުން އަޅުގަނޑުގެ ބައްޕާފުޅު ޤަތުލުވުމެއް ނޫނެވެ. އޭނާގެ ފަރުވާކުޑަކުރެއްވުމުގެ ސަބަބުން އީރާނަށް ވަނީ އިންތިހާދަރަޖައިގެ ނުރައްކާތެރި ނާޒުކު ޙާލަތެއް ކުރިމަތިވެފައެވެ. އޭނާގެ ވާޖިބު އަދާކުރެއްވިނަމަކަ އާޒަރުމީދުޚުތުގެ ބަޣާވަތް ކާމިޔާބެއް ނުވީހެވެ. އޭނާ ޖަލަށްލުމުގެ މައްޗަށް ކުރުކޮށްލެވުނުކަމީ އޭނާގެ ނަސީބު ރަނގަޅުކަމެވެ. އެހެންނޫންނަމަ އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ އަދަބަކީ މަރުގެ އަދަބެވެ. އަޅުގަނޑަކީ ރީތި އަންހެންކުއްޖެއްގެ ލޮލުން ކަރުނަ އޮހޮރޭތަން ދެކޭހިތްވާ މީހަކީމެއް ނޫނެވެ. އެކަމަކު ކަލާގެ ކަރުނައަކީ ކަލާގެ ބޭބެގެ ކުށުގެ ބަދަލަކަށް ފުދޭނެ އެއްޗެއްކަމުގައި ހީފުޅު ނުކުރައްވާށެވެ."

ماه بانو ގެ މޫނުފުޅު ކޯފާގެ ސަބަބުން ރަތްވެގެން ހިނގައްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބެއަކީ މަނިކުފާނުގެ ބައްޕާފުޅަށްވުރެ ހުސިޔާރު ތަޖުރިބާކާރެއް ނޫނެވެ. އާޒަރުމީދުޚުތަށް ކަލާގެ ބައްޕާފުޅަށް ކެހިދެއްވޭކަމުގައިވާނަމަ އެކަމަނާއަށް އަޅުގަނޑުގެ ބޭބެ މޮޔަހައްދަވަން މާފަސޭހަފުޅުވާނެއެވެ. މީހެއްގެ އަނބިމީހާ އެމީހެއްގެ ޤާތިލަކަށްވާން ދިމާކޮށްފިނަމަ އެއްވެސްމީހަކަށް އެމީހަކު ސަލާމަތެއް ނުކުރެވޭނެއެވެ. އަޅުގަނޑަކަށެއް ކަންހިނގައިދިޔަގޮތުގެ ހުރިހައި ތަފްސީލުތަކެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑަށް ޔަޤީންވާ ކަމެކެވެ. އަޅުގަނޑުގެ ބޭބެ މަނިކުފާނުގެ ބައްޕާފުޅަކަށް ޚިޔާނަތްތެރިވެވަޑައެއް ނުގަންނަވާނެއެވެ."

"ކަލާ ތިޔަ ވިސްނައިވަޑައިގަންނަވަނީ އުޚުތެއްގެ ނަޒަރުންނެވެ. ކަލާގެ ނަސީބުފުޅު ދެރަކަމުން އަޅުގަނޑަށް ވިސްނޭންއޮތީ ހަމައެކަނި އީރާނުގެ ވަޒީރުލްއަޢުޒަމުގެ ނަޒަރުންނެވެ. ކަލާއަށް އޭނާގެ އެއްހާސް ކުށްވެސް ވަންހަނާކުރެއްވިދާނެއެވެ. ނަމަވެސް އޭނާގެ އެންމެ ކަތިފިޔަވަޅެއްވެސް އަޅުގަނޑަކަށް މާފެއް ނުކުރެވޭނެއެވެ."

"މަނިކުފާނަށް އޭނާއަށް މާފެއް ނުކުރެއްވޭނެއެވެ. އެއީ އޭނާއަށް މަނިކުފާނުގެ ބައްޕާފުޅު ޤަތުލުވެވަޑައިގެންނެވުމުން ސަލާމަތް ނުކުރެއްވުނީތީއެވެ. ނަމަވެސް މަނިކުފާނުގެ ބައްޕާފުޅު އެކަހަލަ ކިބުރުވެރި އަމިއްލަފުޅަށް ފެނިވަޑައިގެންފައި އިންނަވާ ޝެހެޒާދީއަކާ ކާވެނިބައްލަވާން އުޅުއްވުމުން އެކަން މަނާ ނުކުރެއްވީތީ މަދާއިނުގެ އަމީރުންނާއި ފުރަދާނައިންނާއި ކާހިނުންނަށް މަނިކުފާނު ދެއްވާނީ ކޮން އަދަބެއްތޯއެވެ؟"

"އެއިން ބޭފުޅަކު އަޅުގަނޑުގެ ބައްޕާފުޅު ޙިމާޔަތް ކުރެއްވުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު ބައްޕާފުޅު ޤަތުލުވީއިރު އެބޭފުޅަކު ހުންނެވީ ކަލާގެ ބޭބޭފުޅެކޭ އެއްގޮތަށް ރާގެ މަސްތުގައި ކަމުގައިވީނަމަ އަޅުގަނޑު އެބޭފުޅަކަށްވެސް މިއަދަބު ދިނީމުހެވެ. ހީވާގޮތުން ކަލާ އަދިވެސް މިދަންނަވާ މޭރުމުން ވިސްނައިވަޑައިގަންނަވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވަމުއެވެ. ފަރަޚުޒާދަކީ ހަމައެކަނި އަޅުގަނޑުގެ ބައްޕާފުޅެއް ނޫނެވެ. އޭނާއަކީ އީރާނީ ރަސްކަމުގެ ވަޒީރުލްއަޢުޒަމުވެސް މެއެވެ."

"އެ ޚާންދާނެއްގެ އެތައް ނަސްލުތަކެއް އެރަސްކަމަކަށްޓަކައި ޤުރްބާނީތަކެއް ވެފައިވާ ޚާންދާނަކަށް އެރަސްކަމުން ދޭންޖެހޭ އެއްވެސް ޙައްޤެއް ނެތްތޯއެވެ؟"

"އެ ޤުރްބާނީއެއްގެ ބަދަލު ކަލާގެ ޚާންދާނަށް ލިބިވަޑައިގެންފައިނުވާ ޤުރްބާނީއެއްގެ ވާހަކަ ދައްކަވާން ބޭނުންފުޅުނަމަ އަޅުގަނޑު މިހުރީ އެވާހަކަފުޅެއް އަޑުއަހާން ތައްޔާރަށެވެ."

ماه بانو ވޭނީ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ކާފާފުޅަކީ އީރާނުގެ ދިދަ އަންޠާކިޔާގެ ބޭރު ދޮރާއްޓާ ހަމަޔަށްގެންދިޔަ ލަޝްކަރުގެ ޖަނަރަލެކެވެ. އަޅުގަނޑުގެ ބައްޕާފުޅު ހުންނެވީ މެދުތެރޭ ކަނޑުގެ އައްސޭރިޔާ ހަމަޔަށް އީރާނުގެ ދިދަ ގެންދިޔަ ލަޝްކަރުގެ އިސްލަޝްކަރުގެ ކޮމާންޑަރުންގެ ތެރޭގައެވެ. އަޅުގަނޑުގެ ދޮށީ ބޭބޭފުޅަކީ އަރުމިޔާހުގެ މައިދާނުގައި އީރާނަށްޓަކައި މޭފުޅުތައް އައްޑަނަކޮޅުތަކަކަށް ހެއްދެވި އޮފިސަރުންގެ ތެރެއިން އެއްބޭފުޅެކެވެ. އީރާނުގެ ފަސްގަނޑަށް ބަސްމޮށުންތެރިކަމުގެ ބާރު ލިބޭނެނަމައެވެ. މަނިކުފާނު އެ ޚާންދާނެއްގެ އެންމެފަހުގެ ބައްތި ނިއްވައިލައްވާން ތިޔަ ގަދަ ދައްކަވާ ޚާންދާނުގެ ޚިދުމަތްތަކަކީ ކޮބައިކަން ދަންނަވައިދެވޭނެ ނަމައެވެ."

"ކަލާ އިތުރު އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"

ماه بانو ގެ ލޯފުޅުން ކަރުނަފޮދު އޮހޮރެއެވެ. އޭނާ ވަރަށް އުނދަގޫފުޅުން އޭނާގެ ގިސްލެއްވުން މަތަކުރައްވަމުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ވަރަށްގިނަ ވާހަކަ ދައްކާން ބޭނުމެވެ. އެކަމަކު އަދިޔެއް ވަގުތެއް ނާދެއެވެ."

ރުސްތުމު ވިދާޅުވިއެވެ. "އަޅުގަނޑަށް ކަލާގެ ބޭބެއަކަށް އެއްވެސް އެހީއެއް ނުވެވޭނެއެވެ. ނަމަވެސް އެނޫން އެހެން އެއްވެސް ބޭނުންފުޅެއް އޮތްކަމުގައިވާނަމަ އެބޭނުންފުޅެއް ފުދިވަޑައިގެންފާނެއެވެ."

"އަޅުގަނޑު ބޭބެގެ މައްސަލަ އަޅުގަނޑު ހަވާލުކުރަނީ އެ ލޮލަށް ނުފެންނަ ބާރާއެވެ. އެއީ މާޔޫސީގެ އަނދިރިކަމުގެ ތެރެއިން އުންމީދުގެ އަލިކަން ފާޅުކުރައްވާ ފަރާތެވެ. އަޅުގަނޑު އިންތިޒާރުކުރާނީ ފާރިސީންގެ އަންހެންދަރީން އެބައިމީހުންގެ ބިމުގެ ފަސްގަނޑުގެ ކިބައިން އެބައިމީހުންގެ ކަރުނައިގެ ހިސާބު އެދޭ ދުވަހަށެވެ. ޢަދުލުއިންޞާފުގެ ދޮރުތަކުގެ ކުރިމަތީގައި ބަރަހަނާ ކަނޑިތަކުގެ ފާރަވެރިކަން ނޯންނާނެ ދުވަހަކަށެވެ."

ރުސްތުމު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ތިޔައީ ކަލާ ކޮންތަނަކުން ދަސްކުރެއްވި ވާހަކަތަކެއްތޯއެވެ؟"

"އަޅުގަނޑަކަށެއް ނޭނގެއެވެ. މިދުނިޔޭގައި އަޅުގަނޑަށްވުރެ ބޮޑަށް އަނިޔާ ލިބުނު މީހަކު އުޅުނީކަމުގައި ވެދާނެއެވެ. އޭނާ އަޅުގަނޑަށްވުރެ މާބޮޑަށް އަނދިރީގައި ގަނަތެޅުމަށްފަހު އަލިކަމަށް މާބޮޑަށް އުންމީދުކުރީ ކަމަށާއި، މަނިކުފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑަށް އޭނާގެ ބަސްތަކެއް ތަކުރާރުކުރެވުނީ ކަމުގައި ވެދާނެއެވެ."

"ކަލާގެ ނަންފުޅަކީ؟" ރުސްތުމު ސުވާލުކުރެއްވިއެވެ.

"އީރާނުގެ ސިފައިންގެ އެންމެމަތީ ވެރިޔާ އަނިޔާ ލިބިފައިވާ އާރެއްބާރެއްނެތް ނިކަމެތި އަންހެނެއްގެ ނަމާމެދު ބަހައްޓަވަންވީ ކޮން ޝައުޤުވެރިކަމެއްތޯއެވެ؟"

"ކަލާގެ އަނިޔާ ލިބިވަޑައިގެންނެވުމުގެ އިޙްސާސް ކުޑަކުރުމަށްޓަކައި އަޅުގަނޑަށް އެހީފުޅެއް ވެވިދާނެ ކަމުގައެވެ."

"އަޅުގަނޑުގެ ބޭބޭފުޅު ޖަލުގައި ހުންނެވިހައި ދުވަހަކު އަޅުގަނޑުގެ މި އިޙްސާސްތަކެއް ކުޑައެއް ނުވާނެއެވެ."

"ކަލާ އުފާވެރި އުންމީދެއްގައި ހުންނަވާނެގޮތް ހަދާކަށެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. ބޭބެގެމަތީން ހަނދުމަފުޅު ނައްތައިލައްވާށެވެ. އެއަށްފަހު އަޅުގަނޑަށް ކަލާޔަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަޅުގަނޑު ވިސްނާނަމެވެ."

ماه بانو އިސްއުފުލައިލައްވައިފައި ރުސްތުމާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "މަނިކުފާނަށް އަޅުގަނޑަށް އެންމެ އިޙްސާންތެރިކަމެއް ކޮށްދެއްވިދާނެއެވެ."

"އެއީ ކޮންކަމެއްތޯއެވެ."

"އެއީ ޒަރުބަޚުތުގެ ކޮއްކޮ އޭނާއަށް ލިބެމުންދާ އަނިޔާގެ ވާހަކަ ދަންނަވައި އާދޭސްކުރަން މަނިކުފާނުގެ އަރިހަށްއައި ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ވިދާޅުނުވުމެވެ." ماه بانو އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގަންނަވަން ދޮރާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ.

"މަޑުކުރައްވާށެވެ." ރުސްތުމު ގުގުރީގެ އަޑުފުޅުން ވިދާޅުވިއެވެ.

"ކަލާ އިންނަވަނީ ކޮންތަނަކުތޯއެވެ؟"

"މަނިކުފާނު ތިޔަ ސުވާލުކުރެއްވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑުގެ ފަރާތުން އީރާނަށް އެއްވެސްކަހަލަ ނުރައްކަލެއް އަތުވެދާނެކަމުގައި ދެކެވަޑައިގަންނަވާނަމަ އަޅުގަނޑު މިހިރީ ޖަލަށްދާން ތައްޔާރަށެވެ. މަނިކުފާނު އަޅުގަނޑުގެ ފަހަތުން ސިފައިން ފޮނުއްވާނެކަމެއްނެތެވެ."

(ނުނިމޭ)