ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލޭގައި ގާއިމުކޮށްފައިވާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފުކޮށްފިއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލައިލެވޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބޭންކިން ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ. ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ބީއެމްއެލުން އަބަދުވެސް މަސައްކަތްތަކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށާއި އެގޮތުން ބީއެމްއެލުން އެދެނީ ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ހޯދެއްވުމަށް ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ވާނީ ފަސޭހައިން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފުކޮށްފައި. މިއާއެކު އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެންދިޔަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެއްވުމަށް. އޮންލައިން ކިއުގެ ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ،" ސޯޔާ ވިދާޅުވިއެވެ.

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމާ ސާވިސް ސެންޓަރު، މާލެ ބިޒްނަސް ސެންޓަރު، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކަން ލިބިގެންދާނެއެވެ. ބްރާންޗުތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިން ޕޮޒިޝަން'ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައި ކަމަށް ބީއެމްއެލުން ބުނެއެވެ.

އޮންލައިން ކިއު ޓޯކަންއާ ގުޅޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/online-queue-tokens ލިބެން ހުންނާއެވެ.