(06 ޖޫންގެ އަދަދާ ގުޅޭ)
"އަޅުގަނޑު ކުއްލިޔަކަށް ޚަންޖަރު އުރައިން ދަމައިގަނެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެވަގުތު އަޅުގަނޑުގެ ނަޒަރު އޭނާގެ މޫނަށް ހުއްޓިއްޖެއެވެ. އެއާއެކު އަޅުގަނޑުގެ ހިތްވަރު އެލިއްޖެއެވެ."
އޭނާ ސުވާލުކުރިއެވެ. "ކަލޭގެ ނަމަކީ ކޮބައިހެއްޔެވެ؟"
"އަޅުގަނޑަށް އޭނާއަށް ޖަވާބެއް ނުދެވެނީސް ކައިރީގައިހުރި ބޯގަސްތަކެއްގެ ތެރެއިން އެތެއް ނުކުމެއްޖެއެވެ. ހޭރެމުން އަޅުގަނޑުމެންނާ ދިމާޔަށް އަންނާން ފަށައިފިއެވެ. އެމީހާ ވަރަށް ހަލުއިކޮށް ފުންމައިގެންގޮސް އޭނާގެ އަސްމައްޗަށް ޖެހިގެންފައި އޭނާގެ ލޮންސީން އެތާ ޙަމަލަ ދީފިއެވެ. އޭނާގެ ލޮންސި އެތުގެ ހޮނޑަށް ހެރި ހަރުލައިފިއެވެ. އޭނާގެ ބާރަށްދުވާ އަސް ކެވިގެން އެއްފަރާތަކަށް އަރައިގެން ދުއްވައިގެންފިއެވެ. އެތް އެނބުރިލައިފައި އަހުގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އަސް މާބާރަށް ދުވެފައިގޮސް ހާމަ މައިދާނުގެ ތެރެޔަށް ހިނގައްޖެއެވެ. އަޅުގަނޑު ތެދުވެގެން ދުވެގޮސް އެތާނގައިހުރި ގަސްތަކެއްގެ ތެރޭގައި ބޮނދައިފީމެވެ. އެގަސްތަކުގެ ތެރޭގައިހުރެ ދަހަނާ ބާލައިފައި ކޯރަށް ފުންމައިލައިފީމެވެ. ކޯރުގެ ފުން ހިސާބަށް ގޮސްފައި އަޅުގަނޑު އެނބުރި ބަލައިލިއިރު އަޅުގަނޑުގެ އެކުވެރީން ފަހައިދިޔަ ސަވާރުން އެނބުރި އާދެއެވެ. ކޯރުގެ އައްސޭރީގައި އަޅުގަނޑު ހޯދުމުގެ މަސައްކަތް ފެށިއްޖެއެވެ. އަޅުގަނޑު ކޯރު ހުރަސްކުރިއިރު ވަނީ ރޭގަނޑުގެ އަނދިރިކަން ފެތުރިފައެވެ."
يـاسمـين ވިދާޅުވިއެވެ. "ކަލާ ތިޔަ ވިދާޅުވީ އެސަވާރު ކަލާގެ ފުރާނަ ސަލާމަތްކުރާން މަސައްކަތްކުރި ކަމުގައިތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑަށް ޔަޤީނެވެ. އޭނާ އެހައި ހުސިޔާރުކަމާއި ހަލުއިކަމާއެކު އެ އެތަށް ޙަމަލަ ނުދިންނަމަ އަޅުގަނޑު ހަލާކުވީސްކަން ކަށަވަރެވެ."
"ކަލާ ޚަންޖަރު ނަންގަވާން އުޅުއްވި ވަގުތު އޭނާގެ މޫނު ފެނިވަޑައިގެންފައި ކަލާގެ ހިތްވަރު އެލުނީ ކީއްވެގެންތޯއެވެ؟"
"އެގޮތެއް ދަންނަވާކަށެއް ނޭނގެއެވެ. އޭނާގެ އަޑުންވެސް އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ."
يـاسمـين ސުވާލުކުރެއްވިއެވެ. "އެކަމަކު އެއީ ކީއްވެގެން ބާވައެވެ؟"
سُهيل ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބެ މުސްލިމުންގެ ލަޝްކަރުގައި ހިމެނިވަޑައިގެންފިކަމަށް އަޅުގަނޑުގެ ހިތަށް ކެހިދެވޭނެނަމަ އޭނާގެ ސޫރަ ފެނި އޭނާގެ އަޑުއިވުމުން އަޅުގަނޑަށް ބޭއިޚުތިޔާރުގައި އޭނާއާ އޮޅުލައިގަނެވުނީހެވެ."
ماه بانو އެވާހަކަތައް އަޑުއައްސަވާން ހިމޭނުން އިންނެވިއެވެ. އޭނާގެ މޫނުފުޅުމައްޗަށް އެތައް ކުލައެއް އަރައި ފައިބަމުން ދިޔައެވެ. سُهيل އޭނާޔާ ދިމާޔަށް ބައްލަވައިލެއްވުމުން ދެއަތްޕުޅުން މޫނު ފޮރުއްވައިގެން ގިސްލައްވާން ފައްޓަވައިފިއެވެ.
سُهيل ވިދާޅުވިއެވެ. "ދައިތާފުޅު ހިތްވަރުފުޅު ގަދަކުރައްވާށެވެ. ބުވައިބުގެ ހަނގުރާމަޔަކީ އަޅުގަނޑުމެންގެ އެންމެފަހުގެ ހަނގުރާމައެއް ނޫނެވެ. އަޅުގަނޑުމެންނަށް މިލިބުނީ ނުރައްކާތެރި ދުޝްމިނަކާމެދު މާނިކަމެތި ބައެއްކަމުގައި ހީކުރެވުމުގެ އަދަބެވެ. އެކަމަކު މީގެފަހުން މުޅި އީރާނު ދުޝްމިނުންނާ ދެކޮޅަށް ތެދުވާނެއެވެ. އަޅުގަނޑުމެން މި ނާކާމިޔާބީތަކުގެ ބަދަލުހިފާނޫއެވެ."
ماه بانو އިސްއުފުލައިލެއްވިއެވެ. އޭނާ ކަރުނަވީ ލޯފުޅަކުން سُهيل އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "އޭނާގެ ލޮންސިކޮޅު ކޮއްކޮގެ ކަނދުރާފުޅާ ހަމަޔަށް ގޮސްފައި ހުއްޓިއްޖެއެވެ. އޭނާގެ ސިފައާއި އަޑުފުޅު ކޮއްކޮގެ ބޭބެއާ ވައްތަރެވެ. އޭނާގެ ކޮއްކޮގެ ނިތްކުރިފުޅުމަތީން ކުރީގެ ޒަޚަމުގެ ލަކުނު ހޯއްދަވަން އުޅުއްވިއެވެ. ކޮއްކޮ ސަލާމަތް ކުރެއްވުމަށްޓަކައި އެތަކަށް ޙަމަލަ ދެއްވިއެވެ. މިހުރިހައި ސަބަބަކާ އެކުވެސް ކޮއްކޮޔަށް އެއީ ކާކުކަމެއް އެނގިވަޑައެއް ނުގެންނެވިތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑަށް އެއީ ކާކުކަން އެނގޭނެނަމައެވެ. އަޅުގަނޑަށް ހީވަނީ އަސްމަތީން ވެއްޓުމުގެ ސަބަބުން އަޅުގަނޑު އޭރުވެސް ރަނގަޅަށް ހޭވަރިނުވަނީހެންނެވެ. އޭނާއާ ދިމާޔަށް ބަލައިލެވުމާއެކު އަޅުގަނޑުގެ ހިއްސުތައް ފިލައިފިއެވެ. އޭނާގެ އަޑުވެސް އަޅުގަނޑުގެ ބޭބެގެ އަޑުފުޅާ ތަފާތެއް ނޫނެވެ. އެއީ އަޅުގަނޑުގެ ވަހްމެއްކަން އަޅުގަނޑަށް ޔަޤީނެވެ. އެހެންކަމާއެކުވެސް ވަރަށްގިނަފަހަރު އަޅުގަނޑުގެ ހިތަށް އަރައެވެ. އެ އެތް ކުއްލިޔަކަށް އަޅުގަނޑުމެންނާ ޙަމަލަދޭން ނައިނަމައެވެ. އަޅުގަނޑަށް ރަނގަޅަށް އެމީހަކު ބަލައިލެވުނު ނަމައެވެ. ކޮންމެއަކަސް މުސްލިމަކު އަޅުގަނޑު ޤަތުލުކުރުމުގެ ބަދަލުގައި އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރާން މަސައްކަތްކުރީ ކީއްވެގެންބާވައޭ މިސުވާލުގެ ޖަވާބެއް އަޅުގަނޑަކަށް ނުލިބުނެވެ."
ماه بانو ގެ ލޯފުޅުން ހޯސްލައިފައި ކަރުނަފޮދު އޮހިގެންފިއެވެ. އޭނާ ވޭނީ އަޑުފުޅަކުން ވިދާޅުވިއެވެ. "سُهيل އެވެ. އެއީ ކޮއްކޮގެ ބޭބެއެވެ. އެކަމަކު އޭނާއަކަށް ކޮއްކޮ ދުނިޔޭގައި ހުންނެވިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ."
سُهيل ވަރަށްގިނައިރުވަންދެން ماه بانو އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ.
އެންމެފަހުން يـاسمـين ސުވާލުކުރެއްވިއެވެ. "ماه بانو ތިޔަ ވިދާޅުވީ سُهيل ގެ ބޭބެ ދުނިޔޭގައި ހުންނެވިކަމުގައިތޯއެވެ. އޭނާ މުސްލިމުންނާ ބައިވެރިވެވަޑައިގެންފި ކަމުގައިތޯއެވެ؟"
"އާދޭހެވެ." ماه بانو ކަރުނަފޮދު ފޮއްސަވަމުން ޖަވާބު ދެއްވިއެވެ. "އޭނާ ދުނިޔޭގައި އެބަހުންނެވިއެވެ. އޭނާ އިސްލާމްވެވަޑައިގެންނެވިކަންވެސް އަޅުގަނޑު ދެނެހުރީމެވެ. ޒަރުބަޚުތަށްވެސް އެކަން އެނގިވަޑައިގަންނަވާނެއެވެ. ޒަރުބަޚުތުގެ ދުޝްމިނުކަން ހަނގުރާމައިގެ މައިދާނާ ހަމައިގައި ހިފެހެއްޓިފައި އޮންނަ ނަމައެވެ."
سُهيل އާއި يـاسمـين އާ ދެބޭފުޅުން ހައިރާންފުޅުވެވަޑައިގެން ماه بانو އާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. އިރުކޮޅެއްވަންދެން އެކޮޓަރީން އިވޭހައިވެސް އަޑަކީ ماه بانو މަޑުމަޑުން ގިސްލައްވާ އަޑުފުޅެވެ. ماه بانو سُهيل އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "سُهيل އެވެ. ދައިތަގެ ބޭބޭފުޅަށް މަޢާފުކުރައްވާށެވެ. ޙާލަތު ވަނީ އޭނާއަކީ އަނިޔާ ލިބިވަޑައިގަންނަވާ ފަރާތަކަށް ހަދައިފައެވެ. ދައިތަވެސް ކޮއްކޮގެ އަރިހުން މާފު އެދެމެވެ."
سُهيل ގެ ނަޒަރުގައި ޒަރުބަޚުތާއި ماه بانو އަކީ ކުށެއް ކުރައްވާނެ ނުވަތަ އެއްވެސް ނުބައިކަމެއް ކުރައްވާނެ ބޭފުޅުންނެއް ނޫނެވެ. އޭނާ ވަރަށް އުނދަގޫފުޅުން ވިދާޅުވިއެވެ. "ދައިތާފުޅު އަޅުގަނޑުގެ ގާތުގައި ވިދާޅުވީމުއެވެ. ދައިތާފުޅުމެން ކޯރު ހުރަސްކުރެއްވިއިރު ކޮންމެވެސް މުސްލިމެއް ދައިތާފުޅުމެންގެ ފަހަތްޕުޅުން ފަހައި އައެވެ. އެއީ އަޅުގަނޑުގެ ބޭބެކަމުގައިވެސް ވެދާނެއެވެ. އެހެންކަމުގައިވާނަމަ ދައިތާފުޅު އެވާހަކަ ވިދާޅުވާށެވެ. އަޅުގަނޑުގެ ދުލަކުން ދައިތާފުޅުގެ ބައްޕާފުޅުގެ ޤާތިލުގެ ނަމެއް އިވިވަޑައެއް ނުގަންނަވާނެއެވެ."
"އޭނާއަކީ ދައިތަގެ ބައްޕާފުޅުގެ ޤާތިލެއް ނޫނެވެ."
"އެކަމަކު އޭނާ ދައިތާފުޅުމެން ފައްސަވައި ވަޑައިގެންނެވިއެވެ. އޭރު އޭނާ ހުންނަވާނެގޮތް ވިސްނައިގަތުމަކީ އަޅުގަނޑަށް އުނދަގޫކަމެއް ނޫނެވެ. ދައިތާފުޅު އެވާހަކަ ވަންހަނާކުރައްވަނީ އަޅުގަނޑު ހިތްދަތިވާނެތީއެވެ. އެކަމަކު ޔަޤީންކުރައްވާށެވެ. ދައިތާފުޅުގެ ކަރުނަފޮދަށްވުރެ އަޅުގަނޑުގެ ހިތްދަތިކުރުވާ އެހެންކަމެއް ނޯންނާނެއެވެ."
ماه بانو ވޭނީ ރާގަކަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ލޮލުން ކަރުނަ އޮހޮރެނީ އެމާތް އިންސާނާއާ މެދުގައެވެ. އޭނާ ވަރަށް އޯގާވެރިއެވެ. ވަރަށް މާތެވެ. سُهيل އެވެ. ކޮއްކޮއަށް ކޮއްކޮގެ ބޭބެއާމެދު ފަޚުރުވެރިވެވަޑައިގެންނެވިދާނެއެވެ. އޭނާއަކީ އެއްއިރެއްގައި ދައިތަވެސް ދަންނަ ބޭފުޅަކަށްވާތީ އެކަމަކާ ދައިތަވެސް ހިތާމައެއް ނުކުރަމެވެ. އޭނާ ވަޑައިގެންނެވީ ދައިތަގެ ބައްޕާފުޅާއި ބޭބޭފުޅުގެ ދުޝްމިނެއްގެ ޙައިޘިއްޔަތަކުން ނޫނެވެ."
سُهيل ގެ މޫނުފުޅުމަތީން ހިތާމަފުޅާއި މޮޅިވެރިކަމުގެ ވިލާތައް ވަގުތުން ކެހިއްޖެއެވެ. އޭނާ އާދޭހާއެކު ވިދާޅުވިއެވެ. ދައިތާފުޅާއެވެ. ކަލާކޮށްޓަކައި އަޅުގަނޑަށް ހުރިހައި ވާހަކަތަކެއް ވިދާޅުވެ ދެއްވާށެވެ!"
ماه بانو يـاسمـين އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަކަށް އެއްވެސްކަމެއް يـاسمـين އަކަށް ވަންހަނާއެއް ނުކުރެވޭނެއެވެ. އެކަމަކު އަޅުގަނޑު ދެކެ ނަފްރަތު ނުކުރައްވާން ވަޢުދުވެވަޑައިގަންނަވާށެވެ."
يـاسمـين ލޯބިފުޅުން ماه بانو ގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "އުޚުތާއެވެ. ކަމަނާއަށް ނަފުރަތުކުރާ މީހަކު ވާނީ ދުނިޔޭގައިވާ އެންމެ ނަސީބުދެރަ މީހާ ކަމުގައެވެ."
ماه بانو އެބޭފުޅުންގެ އަވަށުން ފިލައިވަޑައިގެން ވަޑައިގެންނެވިގޮތުގެ ވާހަކަ ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ. سُهيل ތެދުވެވަޑައިގެން މެހްމާންޚާނާއަށް ވަޑައިގެންނެވުމުން يـاسمـين ގެ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ސުވާލުތަކުގެ ޖަވާބުގައި އޭނާގެ ޙަޔާތްޕުޅުގެ ވާހަކައިގެ ތަފްސީލު ވިދާޅުވެދެއްވިއެވެ.
+ + + + +
سُهيل އާއި އޭނާގެ އެކުވެރީންނަށް ދެތިންދުވަހެއްގެ ތެރޭގައި ދިޖުލާކޯރު ހުރަސްކުރައްވައި ބެހެރާޝޭރަށް ވެދެވަޑައިގެންނެވިއްޖެއެވެ. ބެހެރާޝޭރަކީ މަދާއިނުގެ ކުރިމަތީގައި އޮންނަ ރަށެކެވެ. އެބޭފުޅުން ދަތުރުކުރެއްވި މަގުމަތީން ވަނީ ޔަޒްދުގިރުދު މަދާއިނަށް ވަޑައިގެންނެވި ވާހަކައާއި މަލަކާ ޕޫރާންގެ ތާޖުކޮޅު ޔަޒްދުގިރުދުގެ އިސްތަށިފުޅުގައި ތުރުކުރެވުނު ޚަބަރު އިވިވަޑައިގެންފައެވެ. يـاسمـين ހުންނެވި އޭނާގެ ބައްޕާފުޅުގެ ހާލުކޮޅާމެދު ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. އެހެންކަމުން އެބޭފުޅުން ދަތުރުފުޅުގެ ހަތަރު މަންޒިލް ކަޑައްތު ކުރެއްވީ ދެދުވަހުގެ ތެރޭގައެވެ.
ރީތި މަގުތަކާއި ކާރުބާރު ބޮޑު ބާޒާރުތަކުގެ ތެރެއިން ލައްވައިފައި އެބޭފުޅުންނަށް ފުރޭބުރުޒުގެ ގެޔާ ހަމަޔަށް ވަޑައިގެންނެވުނުއިރު ގޭގެ ބޭރުދޮރޯށިހުރީ ބަންދުކޮށްފައެވެ. يـاسمـين އަށް އެތަން ފެނިވަޑައިގެންނެވުމުން ވަރަށްބޮޑަށް ހިތްވަރުފުޅު ދެރަވެއްޖެއެވެ. އެކަމަނާ އަސްމަތީން ފައިބައިވަޑައިގެންފިއެވެ. سُهيل އެ ވަރުގަދަ ދޮރުފަތުގައި އަތްޕުޅުން ތަޅުއްވަމުން ގޮވައިލެއްވިއެވެ. "ދޮރޯށި ހުޅުވާށެވެ." އެތެރެއިން ދޮރުފަތުގެ ޗޭނުގަނޑު ދަމާއަޑު އިވިއްޖެއެވެ. ދޮރޯށި ހުޅުވިއްޖެއެވެ. ދޮރު ފާރަވެރިޔާ މޮޅިވެރިކަމުގެ ނަޒަރަކުން އެބޭފުޅުންނާ ދިމާޔަށް ބަލާން ފަށައިފިއެވެ.
سُهيل ސުވާލުކުރެއްވިއެވެ. "ކީއްވީހެއްޔެވެ؟ ދޮރާށި ބަންދުކޮށްފައި މިހިރީ ކީއްވެގެން ހެއްޔެވެ؟ ސާހިބާ ވަޑައިގެން ނުއުޅުއްވާހެއްޔެވެ؟"
އުމުރުން ދުވަސްވެފައިހުރި ޚާދިމު ބެދިފައިވާ އަޑަކުން ސުވާލު ކުރިއެވެ. "ތިޔަބޭފުޅުންނަށް ޚަބަރު ލިބިވަޑައެއް ނުގަންނަވާތޯއެވެ؟ އަޅުގަނޑު ހަމައެދުވަހު ދެމީހަކު އަސްފަހާނަށް ފޮނުވީމެވެ."
"ކޮންބައެއް ހެއްޔެވެ؟"
ޚާދިމު سُهيل އަށް ޖަވާބު އެރުވުމުގެ ބަދަލުގައި ފެން ކަޅިވެފައިހުރެ يـاسمـين އާ ދިމާޔަށް ބަލައިލިއެވެ. އޭނާ ބުންޏެވެ. "ދަރިފުޅުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ."
ماه بانو އަވަސްއަވަހަށް ކުރިޔަށް ޖެހިވަޑައިގެން يـاسمـين ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފިއެވެ. يـاسمـين އިރުކޮޅެއްވަންދެން ހުއްޓުންއަރައިވަޑައިގެންފައި ހުންނެވިއެވެ. އިރުކޮޅަކުން ބާރަށް ކީރިތިކުރައްވަމުން ماه بانو އާ އޮޅުލައިވަޑައިގެންފިއެވެ.
އިރުކޮޅެއްގެފަހުން يـاسمـين އިންނެވީ ގޭގެ ތަނަވަސް ކޮޓަރިއެއްގައި އިށީނދެވަޑައިގެންނެވެ. އޭނާ ގިސްލައްވައިފައި ކީރިތިކުރައްވަނީއެވެ. މުސްކުޅި ނޯކަރު سُهيل ގެ އަރިހުގައި ދޮރުމަތީގައި ހުއްޓެވެ. އޭނާ يـاسمـين އަށް ދަންނަވަމުން ގެންދިޔައެވެ. "ދަރިފުޅު ބަލައި سُهيل ފޮނުއްވުމަށްފަހު ބައްޕާފުޅުގެ ހާލުކޮޅު އައީ ރަނގަޅުވަމުންނެވެ. ބޭސްވެރިޔާވެސް ބައްޕާފުޅަށް އެއްވެސް ނުރައްކަލެއް ނެތްކަމުގައި ބުނުއްވިއެވެ. އޭގެ ފަސްދުވަސް ފަހުން އެއްރެޔަކު އަވަހާރަފުޅަށް އޮންނަވައިފައި ދަންވަރު އަޅުގަނޑަށް ގޮވައިލެއްވުމުން އަޅުގަނޑު އަވަސްއަވަހަށް އަރިހަށް ދިޔައިރު އޮންނަނީ ހޭފުޅުނެތިފައެވެ. އަޅުގަނޑު ބޭސްވެރިޔާ ބަލައި މީހަކު ފޮނުވީމެވެ. ނަމަވެސް ބޭސްވެރިޔާ ދުރުވުމުގެ ކުރީން ފުރާނަފުޅު ހިނގައްޖެއެވެ. ހަށިކޮޅު ފިނިވެއްޖެއެވެ. އަޅުގަނޑު ހަމައެވަގުތު އަސްފަހާނަށް ދެމީހަކު ފުރުވައިލީމެވެ. އެމީހުންނަށް އަސްފަހާނަށް ފޯރުމުގެ ކުރީން ތިޔަބޭފުޅުން ފުރައިވަޑައިގެންނެވީ ކަމުގައި ވެދާނެއެވެ. ދަރިފުޅަށް މިހައި އަވަހަށް ވަޑައިގެންނެވޭނެ ކަމަކަށްވެސް އަޅުގަނޑު ހީއެއް ނުކުރަމެވެ."
سُهيل އެހުންނެވިގޮތަށް ކޮޅަށް ހުންނެވިއެވެ. ماه بانو އޭނާއަށް ބައްލަވައިލައްވައިފައި ވިދާޅުވެއެވެ. "سُهيل އިށީނދެވަޑައިގަންނަވާށެވެ."
سُهيل ގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. يـاسمـين އިރުކޮޅަކަށް ކީރިތިކުރެއްވުން ހުއްޓައިލައްވައިފައި އަނެއްކާވެސް ގިސްލައްވަން ފައްޓަވަނީއެވެ. މާގިނައިރެއްނުވެ އަނެއްކާވެސް ކުއްލިޔަކަށް ބަޑިފަޅައިގެން ހިނގައިދެއެވެ. ލޯފުޅުން ކަރުނަފޮދުގެ އައު ސައިލެއް ހިނގާން ފަށައެވެ.
سُهيل ގެ ހިތްޕުޅަށް ވަރަށް ތަދުފުޅުވިއެވެ. އޭނާ يـاسمـين އަށް ތަސައްލީ ދެއްވަން ބޭނުންފުޅެވެ. މަސައްކަތް ކުރެއްވުމާއެކުވެސް އެކަމަށް ބޭނުންކުރައްވާނެ ރަސްމީ ބަސްތަކެއް އޭނާގެ ހިތްޕުޅަކަށް ނުގެންނެވުނެވެ. ماه بانو ކަރުނަ ފޮއްސަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ލޮބުވެތި އުޚުތާއެވެ. ކެތްތެރިވުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް މިވަގުތަކު ނެތެވެ."
يـاسمـين އަނެއްކާވެސް ބާރަށް ކީރިތިކުރައްވާން ފައްޓަވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ماه بانو އެވެ. ދުނިޔޭގައި މިހާރު އަޅުގަނޑުގެ އެކަކުވެސް ނެތެވެ. އަޅުގަނޑު ދާނީ ކޮންތަނަކަށްތޯއެވެ؟ ކުރާނީ ކީއްތޯއެވެ؟"
سُهيل ގެ ބަރުދާސްތު ކުރެއްވުން ކޮޅުންލައިފިއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "يـاسمـين އެވެ. އަޅުގަނޑަކީ ކަމަނާގެ އަޚަކީމެވެ."
މުސްކުޅި ނޯކަރު يـاسمـين އާ މުޚާޠަބުކޮށް ދެންނެވިއެވެ. "ދަރިފުޅާއެވެ. ސާހިބާ އަވަހާރަވީ ޚަބަރު ލިބިވަޑައިގެންނެވުމާއެކު ރުސްތުމާއި ފީރޯޒާނާ ދެބޭފުޅުން ސާހިބާގެ މޫނުފުޅު ދެކެވަޑައިގަންނަވާން ވަޑައިގެންނެވިއެވެ. އެބޭފުޅުން ވަނީ ދަރިފުޅުގެ ހާލުކޮޅު ބައްލަވާނެކަމުގައި ވިދާޅުވެ އަޅުގަނޑަށް ތަސައްލީ ދެއްވައިފައެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު