ބޮޑު އީދާ ދިމާކޮށް މިފްކޯއިން ފެށި ފަސްމީރު ބޮޑު އީދު ޕްރޮމޯޝަންގައި އަގުހެޔޮކޮށް މަސްކޭސް ވިއްކަން ފަށައިފިއެވެ.

މިފްކޯ އިން މައުލޫމާތު ދޮން ގޮތުގައި މިފްކޯގެ ތެޔޮ އަދި ފެން މަސް ކޭހުގެ އަގު ހެޔޮކޮށް، ގަންނަ ކޮންމެ މަސްކޭހަކަށް ލިބޭ ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން 48 މަސްދަޅުގެ ތެޔޮ މަސްކޭހެއް މި ޕްރޮމޯޝަނުން ވިއްކަނީ 640 ރުފިޔާއަށް ކަމަށާއި 24 މަސްދަޅުގެ ތެޔޮ މަސްކޭހެއް މި ޕްރޮމޯޝަނުގައި ވިއްކަނީ 320 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން 48 މަސްދަޅުގެ ފެން މަސްކޭހެއް ވިއްކަނީ 595 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. އަދި 24 މަސްދަޅުގެ ފެން މަސްކޭހެއް މި ޕްރޮމޯޝަނުގައި ވިއްކަނީ 298 ރުފިޔާއަށް ކަމަށްވެސް މިފްކޯއިން މައުލޫމާތު ދެއެވެ.

މިފްކޯ އިން ބުނީ، މިމަހުގެ 1 އިން 23 އަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި މާލެ ސަރަހައްދުގައި ހުރި އެކުންފުނީގެ ތިން މަސްފިހާރައިގެ އިތުރުން މިފްކޯ ސައިޓްތައް ކަމަށްވާ، ކޫއްޑު، ފެލިވަރު، ހުޅުމީދޫ މަސްވެރިންގެ މެރީނާގައި ހުޅުވާފައި ހުންނަ މިފްކޯ ސައިޓްތަކުގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ހަ ނަސީބުވެރިން ހޮވާނެ ކަމަށާއި ގުރުއަތުން، ނަސީބުވެރިންނަށް ބޮޑު އިނާމުގެ ގޮތުގައި ގޭގައި ބޭނުންކުރާ ހޯމް އެޕްލައިއެންސް އާއި އެކި ބާވަތުގެ މަސްކޭހުގެ އިނާމު ދޭން ހަމަޖެހިފައިވާ ކަމަށް މިފްކޯ އިން ބުނެއެވެ.