މުނިފޫހިފިލުވުން

މަހޭޝް ބަޓްގެ ދިފާއުގައި އަނބިމީހާ ތެދުވެއްޖެ، ބުނަނީ ހޯމްވޯކު ހަދާފައި ނޫނީ ވާހަކަނުދެއްކުމަށް!

އީމާ މުހައްމަދު ވަހީދު

ސުޝާންތު ސިންގު ރާޖުޕުތު އަމިއްލަޔަށް މަރުވުމާއި ގުޅިގެން ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭ ގޮތުންނާއި މަޝްހޫރު ޑައިރެކްޓަރުންނަށް ފާޑުކިޔައި އާއްމުން އަންނަނީ ވާހަކަދައްކަމުންނެވެ. އެގޮތުން އާއްމުންގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން އެންމެ ބޮޑަށް ރައްދު ވި އެކަކީ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް އެވެ. ނެޕޮޓިޒަމް އާއި ގުޅުވައިގެން މަހޭޝް ބަޓް އަށް ރައްދު ދެމުންދާ މީހުންނަށް އޭނާގެ އަންހެނުން ސޮނީ ރަޒްދަނު މިވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

އެގޮތުން މަޝްހޫރު ޑައިރެކްޓަރު މަހޭޝް އަކީ ހަމައެކަނި މަޝްހޫރު ތަރިންގެ ދަރިންނާއި އެކު މަސައްކަތް ކުރާ މީހެއް ކަމަށް ބުނެ އާއްމުން ދަނީ އޭނާ ޑައިރެކްޓްކުރާ ފިލްމުތައް ބޮއެކޮޓް ކުރަންވެސް ގޮވަމުންނެވެ. އެވާހަކަތަކަށް ރައްދު ދެމުން ސޮނީ ބުނީ، އޭނާގެ ފިރިމީހާއާ ދިމާއަށް އެއްޗެހި ކިޔަނީ ވަރަށް ނުކުޅެދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު ކަމަށެވެ.

އޭނާގެ ފިރިމީހާ މަހޭޝް އަކީ އިންޑްސްޓްރީއަށް އެންމެ ބޮޑަށް އާ ތަރިން ތައާރަފުކުރި އެކަކުކަން ފާހަގަކުރަމުން ސޮނީ ބުނީ މަހޭޝް މަޝްހޫރު ތަރިންނާއެކު އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްވެސް ދިގު މުއްދަތެއް ދިޔަ ކަމަށެވެ. އެހެންކަމުން މީހުން އޭރު މަހޭޝް މަޝްހޫރު ތަރިންނާއެކު މަސައްކަތް ނުކުރާތީ އެކަމަށްވެސް ފާޑު ކީ ކަމަށެވެ.

ސޮނީ ބުނީ އޭނާގެ ފިރިމީހާއަށް ފާޑުކިޔާ މީހުން ފުރަތަމަ ހޯމުވޯކް ހަދައި ނިންމަންވީ ކަމަށެވެ. އަދި އެޔަށް ފަހު ވާހަކަ ދެއްކުމަށެވެ. މަހޭޝްގެ އިތުރުން އެމީހުންގެ އަންހެން ދަރިފުޅު އާލީއާ ބަޓް ސުޝާންތުއަށް މަލާމާތް ކުރި ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އެ އާލިއާއަށް ވެސް ފާޑުކިޔަމުންނެވެ.