މުނިފޫހިފިލުވުން

ސުޝާންތުގެ މަރު: ކަރަން ސަލްމާނު އަދި އެކްތާ އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އީމާ މުހައްމަދު ވަހީދު

ސުޝާންތު ސިންގު ރާޖުޕުތު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް ދަން ޖެހިގެން މަރުވުމާއި ގުޅިގެން، ސުޝާންތު ބޮލީވުޑް ތެރޭގައި އެކެހެރިކޮށްލި ކަމުގެ ކުށުގައި މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެކްތާ ކަޕޫރާއި، މަޝްހޫރު ތަރި ސަލްމާނު ހާން އަދި ސަންޖޭ ލީލާ ބަންސާލީ އާއި ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ބިހާރުގެ މުޒައްފަރުޕޫރުގެ ޗީފު ޖުޑީޝަލް މެޑިސްޓްރޭޓް މުކޭޝް ކުމާރު ވަނީ ސުދީރު ކުމާރު އޮއްޖާ ނަމަކަށް ކިޔާ މީހަކު ސުޝާންތުގެ މަރާއި ގުޅިގެން ސަލްމާނު އާއި އެކްތާއާއި ކަރަން އާއި އަދި ބަންސާލީ އާއި ދެކޮޅަށް ހުށަހެޅި މައްސަލައަކީ ކޯޓުން ބޭރުގައި ހައްލުކުރެވޭ ކަހަލަ މައްސަލައެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބޭރުކޮށްލައްވައިފައެވެ.

އެގޮތުން ކޯޓަށް އެ ތަރިންނާއި ދެކޮޅަށް މައްސަލަ ހުށަހަޅުމުން ސުދީރު ވިދާޅުވީ، ސުޝާންތު މަރުވުމާ ގުޅިގެން މުޅި ބިހާރު އަންނަނީ ހިތާމަ ފާޅުކުރަމުން ކަމަށެވެ. ސުޝާންތު ކަހަލަ ހުނަރުވެރި ތަރިޔަކު އަމިއްލައަށް މަރުވުން ފަދަ ބޮޑު ފިޔަވަޅެއް އެޅުމަށް ނުސީދާކޮށް ބާރު އެޅި މީހުންނަށް އަދަބު ދޭން ޖެހޭ ކަމަށް ވެސް ސުދީރު ވިދާޅުވިއެވެ.

ސުޝާންތު އަމިއްލަޔަށް މަރުވުމާއި ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން އެންމެ ބޮޑަށް އަޑުއުފުލި އެކަކަކީ ކަންގަނާ ރަނޯއަތުއެވެ. އާއްމުން ދަނީ ބޮލީވުޑްގައި ތިބި މަޝްހޫރު ތަރިންގެ ދަރިން ކުޅޭ ފިލްމުތައް ބޮއެކޮޓް ކުރަން ވެސް ގޮވަމުންނެވެ.