މުނިފޫހިފިލުވުން

އެއްދުވަސްތެރޭ 4 މިލިއަން ލައިކްސް ހޯދައި ދިލް ބޭޗާރާ ޔޫޓިއުބުގެ ރެކޯޑްތައް މުގުރާލައިފި

އީމާ މުހައްމަދު ވަހީދު

ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ދަނިކޮށް، އަމިއްލައަށް ދަންޖެހިގެން މަރުވި ސުޝާންތު ސިންގު ރާޖުޕުތުގެ އެންމެ ފަހު ފިލްމުގެ ޓްރެއިލަރ ވަނީ އާދިއްތަ ދުވަހު ބެލުންތެރިންނަށް ދައްކައިލައިފައެވެ. "ދިލް ބޭޗާރާ"ގެ ޓްރެއިލާ ޔޫޓިއުބުގައި ދައްކައިލުމުން 24 ގަޑިއިރުގެ ތެރޭގައި 4 މިލިއަން ލައިކްސް ލިބި، އެ ފިލްމުގެ ޓްރެއިލާ ވަނީ ޔޫޓިއުބުގެ ރެކޯޑްތައް މުގުރާލައިފައެވެ.

އިނގިރޭސި ފިލުމެއް ކަމަށްވާ "ދަ ފޯލްޓު އިން އަވަރ ސްޓާސް" ގެ ހިންދީ ރީމޭކެއް ކަމަށްވާ ދިލް ބޭޗާރާގެ ލީޑު ރޯލުން ފެނިގެންދާނީ ސުޝާންތު އަދި އެ ފިލްމުން އަލަށް ބޮލީވުޑަށް ތައާރަފު ވާ ސަންޖަނާ ސަންހީއެވެ.

ދިލް ބޭޗާރާގެ ޓްރެއިލަރ ޔޫޓިއުބުގައި އާއްމުކުރި ހިސާބުން ފެށިގެން ގޮސް 24 ގަޑިއިރު ތެރޭގައި 4 މިލިއަން ލައިކްސް ހޯދައި، އެ ފިލްމު ވަނީ "މާރވެލްސް އެވެންޖާރސް: އިންޑްގޭމްސް" އަދި "އެވެންޖާރސް: އިންފިނިޓީ ވަރ" ހޯދާފައި އޮތް ރެކޯޑްވެސް މުގުރާލާފައިއެވެ.

ސުޝާންތުގެ ދިލް ބޭޗާރާގެ ޓްރެއިލާއަށް 24 ގަޑިއިރު ތެރޭގައި 4.6 މިލިއަން ލައިކްސް ލިބިފައިވާއިރު، އެވެންޖާރސް: އިންޑްގޭމްސްގެ ފުރަތަމަ ޓްރެއިލަރ އަށް 24 ގަޑިއިރު ތެރޭގައި ލިބިފައިވަނީ 3.2 މިލިއަން ލައިކްސްއެވެ. އެވެންޖާރސްގެ: އެންޑް ގޭމްސްގެ ދެވަނަ ޓްރެއިލާއަަށް 24 ގަޑިއިރުގެ ތެރޭގައި ލިބިފައިވަނީ 2.9 މިލިއަން ލައިކްސްއެވެ. އެވެންޖާރސް: އިންފިނިޓީ ވަރ ގެ ޓްރެއިލަރ 24 ގަޑިއިރުގެ ތެރޭގައި ލިބުނީ 3.6 މިލިއަން ލައިކްސްއެވެ.

ދިލްބޭޗާރާގެ ޓްރެއިލަރ އަށް ވަނީ އެއްދުވަސްތެރޭގައި 21 މިލިއަން ވިއުސް ލިބިފައެވެ. ސުޝާންތުގެ ފޭނުން އަންނަނީ އޭނާގެ ފަހު ފިލްމަށް އެލިބުނު ކާމިޔާބީ ސޯޝަލް މީޑިއާގައި ވަރަަށް ބޮޑަށް ފާހަގަކުރަމުންނެވެ.