ސ. ހިތަދޫ ސަރަަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބާލައި، މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ސ. ހިތަދޫ ސަރަަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބާލައި، މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އެ އިސްލާހުގައި 43 ޗެޕްޓަރަކުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރަން ރަޝީދު ހުށަހަޅުއްވިއެވެ. އެ އިސްލާހުތަކާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަދައްކަވާފައެއް ނުވެއެވެ. ރަޝީދު ހުށަހެޅުއްވި އިސްލާހު ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ.
ހިތަދު އާއި ކުޅުދުއްފުށީ ސަރަހައްދީ ބަދަރަށް ބާލާ މުދަލުގެ ޑިއުޓީ 50 ޕަސެންޓް ކަނޑާލާ ބައެއް މުހިންމު ޗެޕްޓަރުތައް:
- ޗެޕްޓަރު 22: މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތައް އަދި އަލްކޮހޯލް ހިމެނެއެވެ.
- ޗެޕްޓަރު 24: މި ޗެޕްޓަރަކީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރަ ބާވަތްތައް ހިމެނޭ ޗެޕްޓަރެވެ.
- ޗެޕްޓަރު 25: މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ގެދޮރު އެޅުމަށް ބޭނުންކުރާ ސިމެންތިއާއި ހިލަ އާއި ހިލަވެލީގެ އިތުރުން ކެއުމަށް ބޭނުންކުރާ ލޮނު އަދި މާބްލް ހިމެނެއެވެ.
- ޗެޕްޓަރު 33: މި ޗެޕްޓަރުގައި ހިމެނެނީ އެސެންޝިއަލް އޮއިލާއި ރެޒިނޮއިޑްސް އަދި މީރުވަސް ދުއްވުމަށާއި ރީތިވުމަށް އަދި ފެންވެރުމަށް ބޭނުން ކުރާ ސާމާނެވެ. އޭގެ ތެރޭގައި ސެންޓު ފަދަ ތަކެތި ވެސް ހިމެނެއެވެ.
- ޗެޕްޓަރު 39: މި ޗެޕްޓަރަކީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ހިމެނޭ ޗެޕްޓަރެވެ. މި ޗެޕްޓަރުގައި ހިމެނޭ ތަކެތީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯންޏާއި ޕޮލިތިން ފިލްމާއި ޕޮލިތިން ޝީޓާއި ޕޮލިޓިން ޓިއުބްރޯލްގެ އިތުުރުން ފެންވައިރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި ފިޓިންގްސް ހިމެނެއެވެ.
- ޗެޕްޓަރު 84: މި ޗެޕްޓަރުގައި ހިމެނޭ ތަކެތީގެ ތެރޭގައި އޮޓޯސައިކަލާއި މޮޓޯސައިކަލުގެ އިންޖީނާއި އޭގެ ބައިބަޔައި ސްޕެއާ ޕާޓްސް، ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކާއި ސްޕެއާ ޕާޓްސް ހިމެނެއެވެ. މިއީ މިހާރު ވެސް 100 ޕަސެންޓް ޑިއުޓީ ނަގާ އެއްޗިއްސެވެ.
- ޗެޕްޓަރު 94: ފަރުނީޗަރު، ގަޮދަޑި، ބާލީސް، ތަންމައްޗާއި ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑިއާއި ގޮނޑީގެ ބައިބައި ހިމެނެނީ މި ޗެޕްޓަރުގައެވެ.
- ޗެޕްޓަރު 96: މި ޗެޕްޓަރުގައި ހިމެނެނީ އުފައްދާފައި ހުންނަ ތަފާތު ވައްތަރުގެ އެއްޗިއްސެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
އިސްލާހުތައް ހުށަހަޅުއްވަމުން މެންބަރު ރަޝީދު ވިދާޅުވީ، ހިތަދު އާއި ކުޅުދުއްފުށީ ސަރަަހައްދީ ބަދަރަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުން ބޮޑެތި ހަރަދުތަކެއްކޮށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ދެ ބަނދަރު ކަމަށެވެ.
އެގޮތުން މި އިސްލާހުތަކާއެކު ވިޔަފާރީގެ ހަބަކަށް އެ ދެ ބަނދަރުވެ އެ ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް އުފެދި، ވިޔަފާރި ގުންދަތަކާއި ތަންތަން ގާއިމްވެ، އިގްތިސާދީ ޒޯނަކަށް ބަދަލުވެ، އޭގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި އިސްލާހަށް ތާއީދު ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ބަނދަރަށް މުދާ ބާލަން ފެށުމުން ބޮޑެތި ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މާލޭގެ ބަނދަރަށް ބާލާ މުދަލަށް ނާލުދީގެން ރަށްރަށަށް ގެންދިއުމުން ކާޑާއި ޒަރޫރީ ތަކެތި މާލެއަށްވުރެ ރަށްރަށުން ލިބޭ އަގު ބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ އިތުރުން ވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މުޅި މަޖިލީހުން ހަ އިސްލާހެއް މިއަދު ގެނައެވެ. އަދި އެ އިސްލާހުތައް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު