ޕީޕީއެމްގެ ލީޑަޝިޕް ދީފިނަމަ އަންނަ ރިޔާސީ އިންތިހާބުގައި ބޮޑުބައްޔަކުން އެމްޑީޕީ ބަލިކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ހުންނެވީ އެހެން އެއްވެސް ސިޔާސީ ލީޑަރަކު ކޮނޑަށް ލައިގެން ހިނގައިދޭ ގޮތަށް ނޫން ކަމަށެވެ. މިހާރު ތިބި ލީޑަރުން ފަހަތަށް ޖެހި ދެން އޮތް "ޖެނަރޭޝަން" އަށް ފުރުސަތު ދޭންވީ ވަގުތު ޖެހިއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ލީޑަޝިޕު އުމަރާއި ހަވާލުކޮށްފި ނަމަ އެ ޕާޓީއަށް ކާމިޔާބު ހޯދައިދޭނެ ކަމަށެވެ. އަދި އެހެން ކަން ނުހިނގައިފި ނަމަ އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ބޮޑެތި ޕާޓީތަކުގެ ލީޑަޝިޕުގައި ތިބި ރައީސްކަން ކުރެއްވި، ފަހުން ރިޔާސީ އިންތިހާބުން ނާކާމިޔާބާއި ކުރިމަތިލެއްވި އެއްވެސް ރައީސެއް ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް ނާންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އެބޭފުޅުން ދެން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަކީ ބޭކާރު މަސައްކަތެއް ކުރުން ކަމަށާއި، އެއީ ބޭކާރު ހަރަދެއް ކަމަށެވެ.

އުމަރު ވިދަޅުވީ ރިޔާސީ ނިޒާމެއްގެ ތެރޭގައި ރައީސްކަން ކުރައްވާފައި އިންތިހާބެއް ނާކާމިޔާބު ވުމަށްފަހު، ދެން އަލުން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކު ވެފައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ނުވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އުމަރަށް ވުރެ ދިވެހިންގެ ތެރޭ މަގުބޫލު ބޭފުޅެއް ކަމަށް ވީނަމަވެސް ދެން ރައީސް ޔާމީނަށް ރާއްޖޭގެ ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ރައީސް ޔާމީނަށްވެސް އެހެން ދެންނެވި ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމް، އެމްޑީޕީ އަދި ޖޭޕީ ވެސް މިހާރު މިއޮތީ މުޅިން އާ ލީޑަޝިޕަކަށް ބޭނުންވެފައި ކަމަށް އުމަރު ވިދާޅުވިއެވެ.