ގދ. ތިނަދު އަށް އުދަރާ މައްސަލަ، އަވަހަށް ހައްލު ކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ގޮވާލައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަަލަ ހުށަހެޅުމުން ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 37 މެންބަރުން ވަނީ އެ މައްސަލަޔަށް ބަހުސް ކުރުމަށް ވޯޓު ދެއްވައިފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ސަނީފު ވިދާޅުވީ، ތިނަދުއަށް އުދަ އެރުމަކީ ކޮންމެ އަހަރަކު މަދުވެގެން ހަ ވަރަކަށް ފަހަރު ދިމާވަމުން އަންނަ މައްސަލައަކަށްވާއިރު އެކަމުގެ ސަބަބުން ތިނަދޫ އާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށާއި އާންމު ދިރިއުޅުމަށް އަސަރު ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުުރުން ބަނދަރުގައި އަޅާފައި ހުންނަ ދޯނިފަހަރަށް އުދައިގެ ސަބަބުން އެކި ކަހަލަ ގެއްލުންތައް ލިބި، އޮޑި މަރާމާތުކުރަން ފައިސާ އާއި ވަގުތު ހޭދަކުރަން ޖެހިފައިވުމުގެ ސަބަބުން މަސްވެރިންނަށް މަހަށް ނުފުރޭ ކަމަށް ވިދާޅުވިއެވެ.

"އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބި މިކަން ދިގުދެމިގެން ދިއުމަކީ އެކަމުގެ ސަބަބުން ރަށުގައި ދިރުއުޅޭ 12,000 ރައްޔިތުންގެ ދިރިއުޅުމަށާއި، ކޮންމެ ހަފްތާއަކު ތިން ދުވަހު ކަހަލަ ގޮތަކަށް ފެރީތަކުން އަތޮޅުގެ އެކި ރަށްރަށުން، އެކިއެކި ބޭނުންތަކުގައި ރަށަށް އަރައި ފައިބައި ހަދާ އަތޮޅުގެ އެހެން ރަށްރަށުގެ 1،500 އެއްހާ ރައްޔިތުންނަށް ނުހަނު އުދަނގުލާއި ތުރާ ޖެހިފައިވާ އެހާމެ ނުރައްކާތެރި ކަމެއް،" މެންބަރު ސަނީފް ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ވަނީ ތިނަދުއަށް އުދައެރުމުގެ މައްސަލަޔަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދައި ދިނުމަށް ކުރަން ޖެހޭ އެންމެހައި ކަމެއް ލަސްނުކޮށް ކުރުމަށާއި ރަށުގެ ބަނދަރުގެ ބޭރު ތޮއްޓެއް ލާން ޖެހޭނަމަ އެކަން ވެސް އެންމެ އަވަސް ފުރުސަތެއްގައި ކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.

އެ މައްސަލަ މަޖިލީހުން ބަލައިގަންނަން ފާސްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ދެކުނުގެ އަތޮޅުތަކުގައި ރާޅު ހުރީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށާއި އެއީ އާންމުކޮށް ހުންނަ ވަރަށްވުރެ އުސް ކަމަށެވެ.