ބ. ބޮޑުފިނޮޅުގައި ހިނގައިދިޔަ މައްސަލައާ ގުޅިގެން އެތަނުގައި މަސައްކަތް ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ރިޒާއާ ސުވާލުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދޭތާ ވަނީ މަސްތަކެއް ވެފައެވެ. ރިޒާވެސް ވަނީ ކޮވިޑުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ހަތަރު ވަރަކަށް މަސް ވެދާނެ ކަމަށް އިއުތިރާފުވެފައެވެ. މުސާރައިގެ މައްސަލައިގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގައިފައެވެ.
ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.
ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީކުރަމުން އަންނަ ރިސޯޓެކެވެ. އެ ރިސޯޓުގެ މަސައްކަތް ކުރަމުން އަންނަނީ ރިޒާގެ ކުންފުނި ކަމަށްވާ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށް ބުނެފައިވެއެވެ.
އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެގޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު