ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުން ވަނީ ވާހަކަދައްކައިފައެވެ. އެގޮތުން ޓައިގަރ ޝްރޮފު އަކީ ގިނަ މީހުން ނެޕްޓިޒަމްގެ ޕްރޮޑަކްޓެއްގެ ގޮތުގައި ސިފަކުރާ ތަރިއެކެވެ. އެންމެ ފަހުން ޓައިގަރ ވެސް މިވަނީ ނެޕްޓިޒަމް އާ ގުޅޭގޮތުން އޭނާގެ ހިޔާލުތައް ހިއްސާކޮށްފައެވެ.

އެގޮތުން ޓައިގަރ ބުނީ ޖެކީ ޝްރޮފުގެ ދަރިޔަކަށް ވުމުން ވަރަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ޓައިގަރ ބުނީ މަޝްހޫރު ތަރިޔެއްގެ ދަރިޔަކަށްވުމުން ފިލްމީ ދާއިރާއަށް ވަންނަން ފަސޭހަކަން އޭނާ އަމިއްލަޔަށްވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންނަމަވެސް، އިންޑަސްޓްރީ ތެރޭގައި ޖެކީގެ ދަރިފުޅުގެ ގޮތުގައި މީހުންނަށް އެނގުން ހުއްޓުވައި، އަމިއްލަ އިމޭޖެއް ހޯދުމަކީ ވަރަށް ބުރަ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

ޓައިގަރ ފިލްމުތަކުގައި އަދާކުރާ ރޯލުތަކަށް އާއްމުން އަބަދުވެސް ވަރަށް ފާޑުކިޔައި ޖޯކު ޖަހައެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓައިގަރ ބުނީ، އޭނާ ފިލްމުތަކުގައި ކުޅޭ ރޯލުތަކާ ބެހޭ ގޮތުން އާއްމުން ވިސްނާ ހަދާތީ އުފާވާ ކަމަށެވެ. ޓައިގަރ ބުނީ މީހުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެނީ އޭނާގެ މަސައްކަތްތަކުން ކަމަށެވެ.

ސުޝާންތު ސިންގު ރާޖުޕުތު އަމިއްލަޔަށް މަރުވުމާ ގުޅިގެން، މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑްގައި ސުޝާންތު މެން ކަހަލަ އާދައިގެ އާއިލާތަކަށް ނިސްބަތްވާ ތަރިންނާއި މެދު ކަންތައް ކުރަނީ ގޯސްކޮށް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.