މިމަހުގެ ދެވަނަ ދުވަހު ބޭއްވި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވި މެންބަރުންނަށް މި ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން މަރުހަބާ ކިޔައިފިއެވެ.

އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2020 އިން 2024 އަށް އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަލުން އިންތިހާބުކޮށްފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ.

އެ އެސޯޝިއޭޝަންގެ ރައީސް ބައްސާމާއެކު އިންތިހާބުވި އެގްޒެކެޓިވް މެންބަރުންނަށް އޭއެފްސީން މަރުހަބާ ކިޔާފައިވަނީ ބައްސާމާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒަށް މިއަދު ވަކިވަކިން ފޮނުވި ދެ ސިޓީއެއްގައި ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

އަނެއްކާވެސް އާ ދައުރަކަށް ބައްސާމް އިންތިބާހުވިކަމީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި ބައްސާމްގެ ހިންގުންތެރިކަމާ މެދު އެފްއޭމްގެ މެންބަރުން ކުރާ އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭއެފްސީގެ ރައީސް ބައްސާމަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެފްއޭއެމް ހިންގުމުގައި ބައްސާމް ކުރައްވާ މަސައްކަތަށް އޭއެފްސީން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން ޖެނެރަލް ސެކްރެޓަރީ ކަމަށް އަނެއްކާވެސް ޖަވާޒް ހަމަޖެހިފައިވާތީ އޭނާއަށް މަރުހަބާ ކިޔާ ކަމަށާއި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް އޭއެފްސީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ އޭއެފްސީން އެފްއޭއެމްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް އިންތިހާބުވީ ކުރިންވެސް އެމަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލެވެ. ސީނިއާ ނާއިބު ރައީސް ކަމަށް އަލީ އުމަރު އިންތިހާބުވި އިރު، ނާއިބު ރައީސް ކަމަށް އިންތިހާބުވީ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. މެންބަރުންނަށް ހޮވިފައިވަނީ އަހުމަދު ޝަކީބް (ޑޮކް) އާއި މުއާވިޔަތު ހަލީލާއި މުފާވިޒް ހާޝިމާއި އަހުމަދު ނަޝީދު (ޑޭވް) އާއި އައިމިނަތު ޝާނީޒް އަދި މުހައްމަދު ޝިފާއުއެވެ.