(4 ޖުލައި ގެ އަދަދާ ގުޅޭ)
ބުވައިބުގެ މައިދާނުގައި އީރާނުގެ ލަޝްކަރަށް ކުރިމަތިލާން ޖެހުނު ލަދުވެތި ނާކާމިޔާބީގެ ރައްދު ޢަމަލެއްގެ ގޮތުން އީރާނުގައި އިތުރު ހަމަނުޖެހުންތަކަކާއި ބައިބައިވުންތަކެއް އުފެދިއްޖެނަމަ އަޅުގަނޑުމެންނަށް ދާދިއަވަހަށް މަދާއިނުގެ ދޮރޯށީގައި ޓަކިދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެބައިމީހުން އިތުރަށް އެއްބައިވެ އިންތިޒާމުވެގެން ޖަވާބީ ޙަމަލައެއް ދޭނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް ޖެހޭނީ ރައްކާތެރި ތަނެއްގައި ލަޝްކަރު ބަނޑަހަ ޖަހައިގެން އިތުރު އެހީއަށް އިންތިޒާރުކުރާށެވެ. އެހެންކަމުން މިރޭގެ އިރުއޮއްސުމާއެކު ކަލާ ދަތުރު ފައްޓަވާށެވެ. ދަތުރުފުޅުގެ ޚަރަދަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ. އީރާނީ އޮފިސަރެއްގެ ހެދުންކޮޅަށްވުރެ މިފަހަރު މުނާސަބުވާނީ އާދައިގެ ސިފައިންގެ މީހެއްގެ ހެދުމެވެ.
حسّان އިރުކޮޅެއްގެފަހުން އޭނާގެ ފޭލިގެކޮޅަށް ވަޑައިގެން ކާއޫސުގެ ގާތުގައި ވިދާޅުވިއެވެ. "ކާއޫސެވެ. އަހަރެމެން މަދާއިނަށް ދާންވީ ވަގުތު އަތުވެއްޖެއެވެ."
ފިނިމޫސުން ފެށިއްޖެއެވެ. އުސްފަރުބަދަތަކުގެ ކުރީން ތަންތަންކޮޅުން ސްނޯގެ އަސަރު ފެންނާން ފަށައިފިއެވެ. އުތުރުންޖެހޭ ވައިރޯޅިޔާއެކު ވާދީތަކުގައި ހުންނަ ބަގީޗާތަކުގެ މޭބިސްކަދުރު ވެޔޮވެލާއި އާފަލު ގަސްތަކުގެ ހިކިފަތްތައް ވަޔާ ބުރަބުރައިގެންދާން ފަށައިފިއެވެ.
ހަވީރުގެ ވަގުތެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވީ އަސްފަހާނާ ތަންކޮޅެއް ދުރުގައިހުންނަ ސަރޫޝްގެ ކިއްލާއެއްކަހަލަ ގޭގެ ކޮޓަރިޔެއްގައެވެ. ޚާދިމާއެއް ދޮރުހުޅުވައިލައިފައި އެތެރެ ބަލައިލިއެވެ. އޭނާ ދެންނެވިއެވެ. "سُهيل ވަޑައިގެންފިއެވެ."
يـاسمـين ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެން ސުވާލުކުރެއްވިއެވެ. "ބައްޕާފުޅު ވަޑައެއް ނުގަންނަވާހެއްޔެވެ؟"
"އާދޭހެވެ. سُهيل ވިދާޅުވީ ސާހިބާ އަދިވެސް ދުވަސްކޮޅަކު މަދާއިނުގައި ހުންނަވާނެކަމުގައެވެ."
ماه بانو ވިދާޅުވިއެވެ. "سُهيل ގޮވައިގެން އަންނާށެވެ."
ޚާދިމާ އެނބުރި ހިނގައްޖެއެވެ. يـاسمـين ماه بانو އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ބައްޕާފުޅު އެނބުރިވަޑައިނުގެންނެވީ ކީއްވެގެންބާވައެވެ؟ ބައްޕާފުޅު ކުރީން އަންގަވައިފައި އޮތީ ވަރަށް އަވަހަށް ވަޑައިގަންނަވާނެކަމުގައެވެ. ބައްޕާފުޅުގެ ޞިއްޙީ ޙާލުކޮޅާމެދު އަޅުގަނޑު މިއިންނަނީ ވަރަށް ފިކުރުބޮޑުވެފައެވެ."
ماه بانو ވިދާޅުވިއެވެ. "يـاسمـين ފިކުރުފުޅު ބޮޑުނުކުރައްވާށެވެ. ބައްޕާފުޅު މަޑުކުރެއްވީ ކީއްވެގެންކަން سُهيل ވަޑައިގެންނެވުމުން އެނގިވަޑައިގެންފާނެއެވެ. އިށީނދެވަޑައިގަންނަވާށެވެ."
يـاسمـين އިށީނދެވަޑައިގެންފިއެވެ.
އިރުކޮޅެއްގެފަހުން سُهيل އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ތަންކޮޅެއް ދުރުގައި ހުއްޓިވަޑައިގެން އެބޭފުޅުންނާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އޭނާ ހުންނެވީ ދެފުށުއެޅިވަޑައިގަންނަވާކަހަލަ ގޮތްކޮޅަކަށެވެ. އޭނާ ވަނީ ވަރަށްބޮޑަށް ހިކިފައެވެ. އޭނާގެ މޫނުފުޅުމަތީން ފާޅުވޭވެހުރީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވުމުގެ އަސަރުތަކެވެ. ނާކާމިޔާބީއާއި ދެރަފުޅުވުމުގެ އަސަރުތަކެވެ. އޭނާ ޖީބުފުޅުން ސިޓީފުޅެއް ނަންގަވައިފައި يـاسمـين ގެ އަތްޕުޅަށް އަރުއްވަމުން ވިދާޅުވިއެވެ. "ކަމަނާގެ ބައްޕާފުޅު އެދިވަޑައިގަންނަވަނީ ކަމަނާ މަދާއިނަށް ވަޑައިގެންނެވުމެވެ. މިއީ ބައްޕާފުޅުގެ ސިޓީފުޅެކެވެ."
يـاسمـين ސިޓީ ކަނޑުއްވައިގެން ވިދާޅުވާން ފައްޓަވައިފިއެވެ.
ماه بانو ވިދާޅުވިއެވެ. "سُهيل އެވެ. ކޮއްކޮ ކޮޅަށް ތިޔަހުންނެވީ ކީއްވެގެންތޯއެވެ؟ އިށީނދެވަޑައިގަންނަވާށެވެ."
سُهيل ލަދުފުޅުން ހުންނަވައި އެތާނހުރި ގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. يـاسمـين ސިޓީ ވިދާޅުވެފައި ماه بانو ގެ އަތުޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "ބައްޕާފުޅު އަޅުގަނޑުމެން ދެމީހުން މަދާއިނަށްދާން ވިދާޅުވެއްޖެއެވެ. އަޅުގަނޑުގެ ހީއަކީ އަސްލެއްނެތް ހީއެއްނޫނެވެ. ބައްޕާފުޅު ވިދާޅުވަނީ އާލާސްކަންފުޅާހުރެ ދަތުރުކުރެއްވޭވަރު ނުވާކަމުގައެވެ." يـاسمـين سُهيل އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ޒަރުދަޝްތަށްޓަކައި އަޅުގަނޑު ގާތު ސާފުކޮށް ވިދާޅުވާށެވެ. ބައްޕާފުޅުގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟ ޖިސްރު ހަނގުރާމަޔަށްފަހު ބައްޕާފުޅު އަޅުގަނޑަށް ލިޔުއްވައިފައިވަނީ ބައްޕާފުޅުގެ ޒަޚަމަކީ ވަރަށް އާދައިގެ ޒަޚަމެއް ކަމުގައެވެ. އޭގެފަހުން އަޅުގަނޑަށް އެންގެވީ މަދާއިނުގެ ކަންހުރިގޮތުން ދުވަސްކޮޅެއްވަންދެން ގެޔަށް ވަޑައިނުގެންނެވޭނެ ވާހަކައެވެ. ދެން އަޅުގަނޑުމެންނަށް އެންގެވީ ބައްޕާފުޅުގެ ލަޝްކަރު މެހެރާނުގެ އަރިހުގައި ފޮނުއްވައިފި ކަމަށާއި އެހެންނަމަވެސް ބައްޕާފުޅަށް އަމިއްލަފުޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމުގައެވެ. އަޅުގަނޑު ماه بانو ގެ އަރިހުގައިވެސް އެއްދުވަހަކު ދެންނެވީމެވެ. ބައްޕާފުޅުގެ ޞިއްޙީ ހާލުކޮޅު ކިރިޔާވެސް ތަންދޭނަމަކަ އަމިއްލަފުޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިނުގަންނަވައެއް ނުހުންނެވީހެވެ. ބުވައިބުގެ ހަނގުރާމައިން އެނބުރިއައި މީހުން އަޅުގަނޑަށް ތަޞައްލީދޭން މަސައްކަތްކުރީ ބައްޕާފުޅުގެ ޒަޚަމު ފަސޭހަފުޅުވަމުން އަންނަ ވާހަކައިންނެވެ. އެކަމަކު މިހުރިހައި ވާހަކަތަކަކުންވެސް އަޅުގަނޑަށް އިޙްސާސްކުރެވުނީ އަޅުގަނޑަށް ކޮންމެވެސްކަމެއް އެބަވަންހަނާކުރެވޭ ކަމުގައެވެ. سُهيل އެވެ. ކަލާ ހިމޭނުން ތިޔަ އިންނެވީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުގެ ގާތުގައި ސާފުކޮށް ވިދާޅުވާށެވެ. ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުތޯއެވެ؟"
سُهيل ޖަވާބު ދެއްވިއެވެ. "ކަމަނާގެ ބައްޕާފުޅުގެ ޞިއްޙީ ހާލުކޮޅު ރަނގަޅުނޫންކަމީ ޙަޤީޤަތެކެވެ. ނަމަވެސް ބުވައިބުގެ ހަނގުރާމައިގައި އޭނާއަށް ބައިވެރިވެވަޑައިނުގެންނެވުނީ މަދާއިނުގެ ފުރަދާނައިންނާއި ބޮޑުބޭކަލުންނާއި ކަމުވޮށީން ހަނގުރާމައިގެ މައިދާނަށްވުރެ ބޮޑަށް މަދާއިނުގައި އޭނާގެ ޚިދުމަތަށް ބޭނުންފުޅުވެވަޑައިގެންނެވުމުގެ ސަބަބުންނެވެ. ކަމަނާގެ ބައްޕާފުޅު މަދާއިނުގައި ވަޑައިގެން ނެތްނަމަ ރުސްތުމާއި ފީރޯޒާނާއި ދެބޭފުޅުންގެ އަރައިރުންފުޅުގެ ސަބަބުން މަދާއިނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީހެވެ. އެދެބޭފުޅުންގެ ދެމެދުގައި ޞުލްޙަ އުފެދުމުގައި ކަމަނާގެ ބައްޕާފުޅުގެ ޝަޚުޞީ ދައުރު ވަރަށް ބޮޑެވެ. އަނެއްކާ ބުވައިބުގައި އަޅުގަނޑުމެންގެ ލަޝްކަރު ސުންނާފަތިވުމުން އީރާނަށް ވަނީ މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. އާއްމުންނާއި ފުރަދާނައިންނާއި ކަމުވޮށީން އަޑު އުފުއްލަވާން ފެއްޓެވީ މިފަދަ ޙާލަތެއްގައި އީރާނުގެ ވެރިކަން ބަލިކަށި
އަންހެން ބޭފުޅެއްގެ އަތްޕުޅުމަތީގައި އޮތުން ރަނގަޅު ނޫންކަމުގައެވެ. އެކަމާހުރެ މަދާއިނުގައި ޔަޒުދުގިރުދުގެ އިސްތިޤްބާލަށް ތައްޔާރުކުރެވޭން ފަށައިފިއެވެ. ރުސްތުމާއި ފީރޯޒާނާ ދެބޭފުޅުންވެސް ޔަޒުދުގިރުދުގެ އިސްތަށިފުޅުގައި ތާޖުކޮޅު ތުރުކުރެވޭންދެން މަދާއިނުގައި ހުންނަވަން ކަމަނާގެ ބައްޕާފުޅުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މަދާއިނުގައި އޭނާއާ މުހިންމު މަސްއޫލިއްޔަތެއް ހަވާލުކުރެވުމަކީވެސް ދުރުކަމެއް ނޫނެވެ."
يـاسمـين ވިދާޅުވިއެވެ. "ތެދަށް ވިދާޅުވާށެވެ. ބައްޕާފުޅުގެ ޞިއްޙީ ހާލުކޮޅު މާބޮޑަށް ގޯސްވީކީ ނޫންތޯއެވެ؟ ބައްޕާފުޅު ހިންގަވައި އުޅުއްވާތީ ދެކެވަޑައިގެންނެވީމުތޯއެވެ؟"
سُهيل ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަމަނާގެ ބައްޕާފުޅާ ޝަކުވާކުރީ އެއްގޮތަކަށްވެސް އަރާމު ނުކުރައްވާތީއެވެ. އޭނާ ހެނދުނު ރުސްތުމުގެ އަރިހުގައި ހުންނެވިކަމުގައިވާނަމަ މެންދުރު ހުންނަވަނީ ފީރޯޒާންގެ އަރިހުގައެވެ. އެއަށްފަހު ރޭދެބައިވަންދެން ހިނގަމުންދަނީ އޭނާއާއި މަދާއިނުގެ އަމީރުންނާއި ޚާއްޞުންގެ ބައްދަލުކުރެއްވުމެވެ. ބޭސްވެރިޔާ ބުނުއްވަނީ ދުވަސްކޮޅަކު އަރާމުކޮށްލައްވައިފިނަމަ އޭނާގެ ޞިއްޙީ ހާލުކޮޅު މުޅީން ރަނގަޅުވެދާނެ ކަމުގައެވެ. އެކަމަކު އޭނާ ވިދާޅުވަނީ އީރާނުގެ މުސްތަޤްބަލާމެދު އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަނީސް އޭނާއަށް އަރާމެއް ލިބިވަޑައިނުގަންނަވާނެ ކަމުގައެވެ."
يـاسمـين ވިދާޅުވިއެވެ. އަޅުގަނޑު ބޭނުންވަނީ ވަގުތުން މަދާއިނަށް ދާށެވެ. ކަލާގެ ވަރުބަލިފުޅުކަން އިޙްސާސް ނުކުރެވޭނަމަ ހަމަމިހާރު ފުރަން ބޭނުމެވެ."
سُهيل ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ އެކުވެރީންގެ ބައެއްމީހުން ވަނީ އެބައިމީހުންގެ ގޭގެއަށް ގޮހެވެ. އެމީހުން މާދަމާ ހަވީރު އެނބުރި އަންނާނެއެވެ. އަޅުގަނޑުމެން އަނެއްދުވަހުގެ ހެނދުނު ހެނދުނާ ދަތުރު ފަށާނީއެވެ."
سُهيل ماه بانو އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ދައިތާފުޅަށްވެސް މުހިންމު ޚަބަރެއް ގެނައީމެވެ. ބޭބޭފުޅާ ބެހޭގޮތުން އެނގިފައިވާ ގޮތުގައި އޭނާ ޖަލުގައި އެބަހުންނެވިއެވެ."
"ކޮންތަނަކުތޯއެވެ؟" ماه بانو ކަންބޮޑުވެވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ.
"މަދާއިނުގައެވެ. ބޭބޭފުޅު ޖަލަށްލެވުނީ ރުސްތުމުގެ އަމުރުފުޅަށެވެ."
يـاسمـين ގެ ލޯފުޅުން ކަރުނަފޮދު އޮހޮރޭން ފެށުމާއެކު ސުވާލުކުރެއްވިއެވެ. "ބައްޕާފުޅު އޭނާ މިނިވަންކުރައްވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވާތޯއެވެ؟"
"ބައްޕާފުޅު ވިދާޅުވީ ބޭބޭފުޅު މިނިވަންކުރެއްވުމުގެ މައްސަލަ ރުސްތުމުގެ އަރިހަށް ހުށަހެޅުއްވުމުގެ ވަގުތު އަދި ނާންނަކަމުގައެވެ. ނަމަވެސް يـاسمـين ގެ ބައްޕާފުޅު ޔަޤީންކުރައްވާ ގޮތުގައި އީރާނުގެ އައު ޝަހެންޝާހުގެ އެންމެފުރަތަމަ އަމުރުފުޅަކަށްވާނީ ޒަރުބަޚުތު މިނިވަންކުރެއްވުމުގެ އަމުރުފުޅެވެ."
ماه بانو ގެ ލޯފުޅު ކަރުނަފޮދުން ފުރިއްޖެއެވެ. އޭނާ ވަރަށް ތުރާލުން އޭނާގެ ގިސްލެއްވުން މަތަކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބެ ފިލައިވަޑައިނުގަންނަވާނެކަން ކުރީންވެސް އަޅުގަނޑަށް ޔަޤީނެވެ. އެކަމަކު ރުސްތުމު އޭނާ ޤައިދުކުރެއްވީ ކޮން ކުށެއްގައި ބާވައެވެ؟"
سُهيل ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކަށެއް ނޭނގެއެވެ. يـاسمـين ގެ ބައްޕާފުޅު އެވާހަކަފުޅު ވިދާޅުވީ އަޅުގަނޑު ދަތުރުފަށަން އަސްމައްޗަށް ސަވާރުވިތަނާއެވެ. އަޅުގަނޑު އޭގެ ސަބަބު އޮޅުންފިލުވާން އުޅުމުން ވިދާޅުވިއެވެ. މިއީ ވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. ކަލޭ ގޮސް އޭނާގެ ކޮއްކޯފުޅަށް ތަސައްލީދޭށެވެ. އޭނާ ވަރަށް އަވަހަށް މިނިވަންވެވަޑައިގެންފާނެއެވެ. މިހެންނެވެ."
ކޮޓަރިތެރޭގައި އިރުކޮޅެއްވަންދެން އޮތީ ހަނުހިމޭންކަމެވެ. އެންމެފަހުން يـاسمـين ވިދާޅުވިއެވެ. ބުވައިބުގެ މައިދާނުގައި އަޅުގަނޑުމެންގެ ލަޝްކަރު ބަލިވި ޚަބަރު ލިބުމުން އަޅުގަނޑަކަށް ޔަޤީނެއްވެސް ނުކުރެވުނެވެ. ماه بانو އަބަދުވެސް ވިދާޅުވެއެވެ. މުސްލިމުންގެ ކޮމާންޑަރ އިން ޗީފަކަށް مثــنّـى بــن حــارثـــة ހުންނެވިކަމުގައިވާނަމަ އަޅުގަނޑުމެން ތިބޭންވާނީ ވަރަށްވެސް ހިތާމަވެރި ޚަބަރެއް އަޑުއަހަން ތައްޔާރުވެގެންނެވެ. އެކަމަކު ބުވައިބުގައި އަޅުގަނޑުމެންގެ ލަޝްކަރު އެހައި ލަދުވެތިގޮތަކަށް ބަލިވި ޚަބަރަކީ ماه بانو އަށްވެސް ޔަޤީންކުރައްވަން އުނދަގޫފުޅުވި ޚަބަރެކެވެ."
سُهيل އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންކުރެއްވުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށްވެސް އަޅުގަނޑުމެން ބަލިވިކަމެއް އަދިވެސް ޔަޤީނެއް ނުކުރެވެއެވެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ބޮޑުބައިވަނީ ޤަތުލުވެފައެވެ."
يـاسمـين ސުވާލު ކުރެއްވިއެވެ. "ދުޝްމިނުންގެ އަދަދު ވަރަށް މަދުކަމުގައިވެސް ބުނާތީ އިވެއެވެ. އެއީ ތެދެއްތޯއެވެ؟"
سُهيل ޖަވާބު ދެއްވިއެވެ. "ޚުދު އަޅުގަނޑު އެތާނގައި ނެތިފައި އެހެންމީހަކު އެބައިމީހުންގެ އަދަދު ބާރަ ތޭރަވަރަކަށް ހާހަށްވުރެ ގިނައެއް ނުވާނެއެވެ. ބުވައިބުގެ މައިދާނުގައި ޤަތުލުވެފައިތިބި އީރާނީ ސިފައިންގެ ޢަދަދު ދުޝްމިނުންގެ ޢަދަދަށްވުރެ އެތައްގުނައެއް އިތުރޭ ބުނިނަމަ އަޅުގަނޑު އެމީހެއްގެ އަނގަ ވީދައިލާން ތައްޔާރުވީމުހެވެ. ނަމަވެސް އެ ހަލާކު އަޅުގަނޑު ވަނީ އަމިއްލަ ލޮލުން ދެކެފައެވެ. އެއީ އިންސާނުންނެއް ނޫނެވެ. އެމީހުން އަޅުގަނޑުމެންގެ އެތްތައްވެސް ތަޅައި ބުރުއްސައިލައިފިއެވެ. އެމީހުން ވަނީ އަޅުގަނޑުމެންގެ ކަނޑިތަކާއި ލޮންސިތަކުގެ ފާރުތައް ހަލާކުކޮށްލައިފައި އަޅުގަނޑުމެންގެ ލަޝްކަރުގެ ފަހަތަށް ގޮސްފައެވެ. އަޅުގަނޑު ވަނީ ދިޖުލާ ކޯރާއި ފުރާތުކޯރު ކެކިއުތުރިއެރި ޠޫފާންތައް ދެކެފައެވެ. އެކަމަކު އެބައިމީހުން ސައިލުތައް އެއަށްވުރެ މާބިރުވެރިއެވެ. ބުވައިބުގެ މައިދާނުގައި ހެނދުނު އިރުއެރީއްސުރެ އިރުއޮއްސުމާ ހަމަޔަށް ހިނގައިދިޔަ ކަންތައްތައް އަޅުގަނޑަށް ހީވަނީ ބިރުވެރި ހުވަފެނެއްހެންނެވެ. އަޅުގަނޑާ އެކުގައި މިރަށުންދިޔަ ކަމަނާގެ ބައްޕާފުޅުގެ ސިފައިންގެ ފަސްސަތޭކަ މީހުންގެ ތެރެއިން އެނބުރި އާދެވުނީ އެންމެ ފަސްދޮޅަސްހަތަރު މީހުންނަށެވެ. އޭގެތެރެއިންވެސް ވިއްސަކަށް މީހުން ވަނީ ޒަޚަމުވެފައެވެ.
އަޅުގަނޑު ޤަތުލުނުވެ ސަލާމަތްވި ކަމީވެސް މުޢުޖިޒާއެއްފަދަ ކަމެކެވެ. އަޅުގަނޑުމެންގެ ލަޝްކަރު ބަލިވުމާ ގުޅިގެން އަޅުގަނޑުމެން މައިދާނުން ނުކުތުމުން ދުޝްމިނުންގެ ޖަމާޢަތެއް އަޅުގަނޑުމެންގެ ފަހަތުން ފަހައި އައެވެ. އަޅުގަނޑުމެން ކުއްލިޔަކަށް އެނބުރިލައިފައި އެމީހުނާ ޙަމަލަ ދީފީމުއެވެ. އެބައިމީހުންގެ ސަވާރުންތަކެއް ބިންމަތިކޮށްލައިފީމުއެވެ. ނަމަވެސް އެބައިމީހުންގެ ޖަވާބީ ޙަމަލަ ވަރަށް ވަރުގަދައެވެ. ބަސްބުނިހައި ހިނދުން އަޅުގަނޑުމެންގެ ފައިތިލަތައް މައިދާނުން އުފުރައިލައިފިއެވެ. އަޅުގަނޑުގެ އެކުވެރީންގެ ބަޔަކު ފުރާނަ ސަލާމަތްކުރާން ކޯރަށް ފުމޭން މަސައްކަތް ކުރިއެވެ. ނަމަވެސް ގިނަމީހުންގެ އަސްތައް އައްސޭރީގެ ކިސަޑުގަނޑުގައި ހައްޔަރުވެއްޖެއެވެ. އަޅުގަނޑު އެމީހުންނަށް ކޯރުގެ އައްސޭރީގެ ޗަސްބިމާ ކައިރިނުވާން އެންގީމެވެ. އެކަމަކު އެވަގުތު އަޅުގަނޑުގެ އަހުގެ ކުރީ މޮށްގަނޑުވެސް ކިލާގަނޑުގައި ހައްޔަރުވެއްޖެއެވެ. އަޅުގަނޑުގެ އަސް އަރިޔަކަށް ވެއްޓިއްޖެއެވެ. އަޅުގަނޑުވެސް އަސްމަތީން އެކޮޅުކޮޅުން ވެއްޓިއްޖެއެވެ. އިރުކޮޅެއްވަންދެން އަޅުގަނޑަށް ވާނުވާ ނޭނގިދިޔައެވެ. އަޅުގަނޑު ހޭވެރިވީއިރު ދުޝްމިނުންގެ ސަވާރެއްގެ ލޮންސީގެ ތިލަ ހުރީ އަޅުގަނޑުގެ ކަނދުރާގައި ބީހިބީހިއެވެ. އޭނާގެ އަތުގެ އެންމެ ހަރަކާތަކުން އަޅުގަނޑު މަރުގެ އަނގަޔަށް ފޮނުވައިލެވިއްޖައީހެވެ. އެ ސަވާރުގެ މޫނަށްވުރެ ބޮޑަށް އަޅުގަނޑަށް ބެލުނީ އޭނާގެ ލޮންސީގެ ތިލަޔަށެވެ. އެތިލަ ހުރީ ލެއިން ތަތްތެޅިފައެވެ. އެ ސަވާރުގެ ހިތަށް ކީކޭއަރައިގެންކަމެއް ނޭނގެއެވެ. އޭނާ އޭނާގެ ލޮންސި އަޅުގަނޑާ ދުރުކޮށްފައި ސުވާލުކުރިއެވެ. "ކަލެޔަކީ ކާކުހެއްޔެވެ؟" އަޅުގަނޑު ނަފުރަތާއެކު ތުންފިއްތައިލައިފީމެވެ.
ދުޝްމިނުންގެ ސަވާރު ކުއްލިޔަކަށް އޭނާގެ ލޮންސި ބިމަށް ޖަހައިފައި އަސްމަތީން ފުންމައިލައިފިއެވެ. އަޅުގަނޑާ ދިމާޔަށް ގުދުވެފައި ބުންޏެވެ. "ކަލޭ ވަނީ ޒަޚަމުވެފައި ހެއްޔެވެ؟ ބިރުނުގަންނާށެވެ. އަހަރެމެން ހަތިޔާރު ބަހައްޓާ މީހުން ޤަތުލެއް ނުކުރަމުއެވެ." ރުޅިވެރިކަމަށްވުރެ ބޮޑަށް ހުރީ އޭނާގެ އަޑުގައިހުރި ކަންބޮޑުވުމުގެ އަސަރެވެ. އަސްމަތީން ވެއްޓުނުއިރު އަޅުގަނޑުގެ ދަގަނޑު ތާކިހާ ވަނީ ވިއްސައިގެން މާދުރަށް ގޮސްފައެވެ. އޭނާ އަޅުގަނޑުގެ ނިތްކުރިމަތީގައި ވިހުރުވިފައިހުރި އިސްތަށިތައް އަތުން ދުރުކުރާން އުޅުނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އޭނާ އެއުޅެނީ އަޅުގަނޑު ޤަތުލުކުރުމުގެ ކުރީން އަޅުގަނޑުގެ ހިތުގައި ދިރިހުރުމުގެ އުންމީދު އުފައްދާންވެގެންނެވެ. ނުވަތަ އަޅުވެތިކޮށްފިނަމަ ބޭނުންހިފޭނީ ކިހައިވަރަކަށްތޯ ބަލަންވެގެންނެވެ.
"އަޅުގަނޑު ކުއްލިޔަކަށް ޚަންޖަރު އުރައިން ދަމައިގަނެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެވަގުތު އަޅުގަނޑުގެ ނަޒަރު އޭނާގެ މޫނަށް ހުއްޓިއްޖެއެވެ. އެއާއެކު އަޅުގަނޑުގެ ހިތްވަރު އެލިއްޖެއެވެ."
އޭނާ ސުވާލުކުރިއެވެ. "ކަލޭގެ ނަމަކީ ކޮބައިހެއްޔެވެ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު