ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު އާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ދޭން ނިންމި 50 މިލިއަން އެމެރިކާ ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސައުދީން މި ލޯނު ހަމަޖެހިފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި އަބޫދާބީން ބަޖެޓް ސަޕޯޓެއްގެ ގޮތުގައި 50 މިލިއަން ޑޮލަރުދޭން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސައުދީން ދިން ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ދެ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލިބުނު މި ލޯނު ދައްކަން ޖެހޭނީ 25 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ލޯނު ދެއްކުމަށް ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫން މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް ފައިދާވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ސައުދީން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ދިމާވި ހީނަރުކަމާއެކު ބޭރުގެ މާލީ އެހީތެރިކަމަށް ރާއްޖެއިން ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ސައުދީއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް އެހީވާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމާއި ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި ނެންގެވިއެވެ.
މި ބައްދަލުވުމުގައި ސައުދީން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން އަންނަ އެހީތެރިކަމަށްޓަކައި ސައޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދާއި ސަޢޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ރައީސް ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހާއްސަ ޝުކުރެއް މިނިސްޓަރު ޝާހިދު ވަނީ އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު