މި ވެރިކަމުެގެ ފަސް އަހަރަށް ވިސްނާލާއިރު، ދުވަސް ކޮޅަކުން އަމިއްލަ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރާތަން ސިފަވެގެންދާކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ފުރަތަމަ ނާއިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އަވަސް އޮންލައިންގެ މިއަދުގެ ފަށަމާ ޕްރޮގްރާމްގައި ވާހަކަ ދައްކަަމުން، ޖޭޕީއާ ގުޅި ވަޑައިގެން މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވުމަށްފަހު މިހާރު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން މަސއްކަތް ކުރައްވާ، ޑރ. ޖަމީލު ވިދާޅުވީ، އެމްޑީޕީ އަކީ ވެރިކަން ކުރަން އެނގޭ ޕާޓިއެއްނޫން، ކަމަށާއި، އެމްޑީޕީ މޮޅުވާނީ މަގުމައްޗަށް ނިކުމެ މަގުމަތީ ހަރަކާތް ހިންގުމަށް ކަމަށެވެ.

ޖަމީލު ވިދާޅުވީ، އަމިއްލަ ސަރުކާރުން ނުވާ ކަންތައްތަކަށް އެމްޑީޕީގެ މެންބަރުން މިހާރުވެސް މަޖިލީހަށް ގަރާރު ލަމުން އަންނަ ކަމަށެވެ.

"ތިމާމެން އަމިއްލަޔަށް ލައިފައި ހުންނަ އެމީހުންގެ އަމިއްލަ ފުލުސް ކޮމިޝަނަރު ހުންނަވައިގެން ތަހުގީގު ނުކުރެވުނީމަ އެބުނަނީ، ގާނޫނުގައި ހުންނަ މިވެނި އެވެނި ލޫޕް ހޯލްސްއޭ،" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ސިފަ ވަނީ ރައްޔިތުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލައި، މިފަހުގެ ތާރީހުގައި ނުފެންނަ ވަރުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެގެންދާނެ ފަސް އަހަރުގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ބޯހިޔާކަން ފަދަ ޕީޕީއެމްގެ ސަރުކާރުން ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މި ފަސް އަހަރު ރައްޔިތުންނާ ހަވާލުވެގެންދާތަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އެއީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހަކީ، ފެންވަރުދަށް ތަޖުރިބާ ނެތް ވަޒީރުންގެ މަޖިލީހަކަށް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ފަހުގެ ތާރީހެއްގައި ރާއްޖޭގެ ގިނަ ބަޔަކަށް ނުފެންނަ ވަރުގެ ފޭރާން ދަށް ނިކަމެތި، އިލްމީ ގޮތުން ފޭރާން ދަށް ވަޒީރުންގެ މަޖިލީހެއް މިއޮތީ، އެ އެއެއްޗެއްގަ ނެތް އެއްޗެއް އެ އެއްޗަކުުން ނުފެލޭނެ. އެ އެއްޗަކުން ނާންނާނެ. އެއީ އުފެއްދުންތެރި ވިސްނުމެއް ނެތް އަދި އެހެންމެ ހިންގުންތެރިކަމުގެ ތަޖުރިބާ ހުރި އެއްވެސް ބަޔަކުނެތް ވަޒީރުންގެ މަޖިލީހެއް،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ސަރުކާރުގައި އެންމެ އިސްކޮށް ތިއްބެވި ދެބޭފުޅުންގެވެސް ތަޖުރިބާއެއް ނެތްކަން ފާހަގަ ކުރައްވައި، ޖަމީލު ވިދާޅުވީ މި ފަސް އަހަރު ފެނިގެންދާނީ، ރާއްޖޭގެ ތާރީހުގައި ނުފެންނަ ވަރުގެ ނިކަމެތި ވީރާނާ ފަސް އަހަރުގެ ގޮތުގައި ކަމަށެވެ.