ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މެދުފަންތި އަދި މަތީފަންތީގެ މަގާމުތަކުގައި ދިވެހިން ތިބުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިފަދައިން ވިދާޅުވީ، "އެޗްއާރް ޕާސްޕެކްޓިވް ޝެއާ" ޕްރޮގްރާމުގެ ހާއްސަ ސެގްމެންޓެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕްރޮގްރާމަކީ ހިއުމަން ރިސޯސަސް ނުވަތަ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާގެ މަސައްކަތްތެރީން ތަމްސީލުކުރާ ދިވެހިރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރް ޕްރޮފެޝަނަލްސް (މާޕް) އިން ގެނެސްދޭ ޕްރޮގްރާމެކެވެ.
މިއަދު މެންދުރުފަހު ލައިވްކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި އިރުގެ ބައެއް ތަޖުރިބާތަކާއެކު މިއަދުގެ ޒުވާނުންނަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް ހާއްސަ މެސެޖުތަކެއް ދެއްވައިފައެވެ. އަދި ބައެއް އެހެން ގައުމުތަކުން މިސާލު ނަންގަވައި ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، އިގުތިސޯދު ބިނާކުރުމުގައިވެސް ކެތްތެރިކަމާއެކު ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށް، ރަނގަޅު ޖީލެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މެދުފަންތިއާއި މަތީ ފަންތީގެ ބޮޑު އިންސަތައަކީ ދިވެހިން ފުރާ މަގާމުތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި އެކަން އެގޮތަށް ކުރުމުގައި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކޮށް މަދުރަސީ ތައުލީމުގެ ހަރުފަތްތައް ނިންމާ ދަރިވަރުންނަށް ކެރިއާ ގައިޑަންސް ދިނުން ފަދަ ކަންކަމަށް އިސްކަންދޭން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ތަޖުރިބާތަކަށް އަލިއަޅުއްވައިލައްވައި ޒުވާނުންނަށް އަމާޒުކޮށް ވިދާޅުވީ، ކޮންމެ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް، ބަލަންވީ އެކަމަކަށް ރަނގަޅަށް ސަމާލުކަންދީގެން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި އަވަހަށް ނިދައި އަވަހަށް ހޭލުން ފަދަ އާދަތައް އަށަގެންނެވުމަށާއި ވަކި މަސައްކަތެއް ނޫނީ ނުކުރަން ހުރުމުގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރަން ޖެހުނު ނަމަވެސް ހީވާގިކަމާއި މުރާލިކަމާއެކު އެ މަސައްކަތެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު