ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށްބުނާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތަކީ ފުލުހުންގެ މުއައްސަސާގައި ޖެހުނު ހުތުރު ލައްގަނޑެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ލީޑާޝިޕަށް އިތުބާރު ކުރި މަދުބައެއްގެ އިތުބާރުވެސް މިހާރު ގެއްލިއްޖެ ކަމަށެވެ. އަދި ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ފުލުހުން ނުފޫޒުގައި ޖެހި، ވާޖިބުން އެއްކިބާވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވުނު ދެމީހުން ބަނގުރަލަށް ޓެސްޓު ނުކުރާކަމަށް ފުލުހުން ބުނި ހަބަރެއްގެ ފޮޓޯއާއެކީ ޑރ. ޖަމީލް ކުރެއްވި ޓުވީޓުގައި މި ދެމީހުންގެ ޔޫރިންވެސް ނުނަގައި އެމީހުން މަސްތު ނުވާ ކަމަށް ނިންމީ ކޮން ގާނޫނަކުންތޯ ސުވާލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން ގައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުން ނޫނީ މިގައުމުގައި ގާނޫނުގެ ހުކުމް ދުވަހަކުވެސް ނުހިނގާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ފުލުހުންގެ ލީޑާޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ މަޖިލިސް މެންބަރަކާ ގުޅޭ މައްސަލައަކަށް ވުމުން ފުލުހުންނަށް މައްސަލަ މިނިވަންކަމާއެކު ބެލޭނެތޯ ސުވާލު އުފައްދާފައިވެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވީ ސަފާރީ ރޭޕް ކޭސްގައި ތުހުމަތުކުރެވެނީ މަޖިލިސް މެންބަރަކާ ގުޅުން ހުރި މީހެއްކަމުގެ އަޑު ފެތުރިފައިވުމުގެ އިތުރުން، އިއްޔެ ބ. ބޮޑުފިނޮޅުގައި ހިނގައިދިޔަ މައްސަލައާ ގުޅިގެންނެވެ.

އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ދޭންޖެހޭ އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވެފައިވުމުގެ ސަބަބުން ބިދޭސީންތައް ވަނީ ދިވެހިންތަކެއް ރަހީނުކޮށް، ހަމަނުޖެހުން ހިންގައިފައެވެ. އެތަނުގައި މަސައްކަތް ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.

"މުސާރަ ނުދީ އެތައް ދުވަހަކު ގެންގުޅުނު، ވެރިފަރާތަށް ލިބުނު ގެއްލުން، މަކަރާއި ހީލަތް ހެދުން،" ބޮޑުފިނޮޅުގެ ހަދިސާއާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ދިވެހިން ރަހީނުކޮށް މި ޖަރީމާ ހިންގަން މެދުވެރިވީ މުސާރަ ނުދީ އެތައް ދުވަހަކު ބިދޭސީންތައް ގެންގުޅުމުން ކަމަށެވެ. އަދި މި މައްސަލައިގައި ޒިންމާ އުފުލާނެ މީހަކު ހޯދޭނެ ކަމާމެދު ޝައްކު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މި މައްސަލައިގައި "ވަން" އިން ސުވާލު ކުރުމުން މެންބަރު ރިޒާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުވައްޒަފުންނަށް ނުދޭ މުސާރައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ޖެނުއަރީ މަހުން ފެށިގެން މެއި މަހާ ހަމައަށް ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެންކަމަށް ރިޒާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ސީލް މޯލްޑިވްސްއިން ވަނީ މިކަން ދޮގުކޮށްފައެވެ.

ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒް ކުންފުންޏާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށެވެ. ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް ދައްކާފައިވާ ފައިސާތަކަށް ބަލާއިރު މިހާތަނަށް 21,773,338 ރުފިޔާ ދައްކާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.