ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގެ ނިޔަލަށް 975.7 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހަފުތާއަކު އާންމު ކުރަމުންނެވެ.

ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ 25 އާހަމައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށެވެ. އެ އޮތޯރިޓީން ޖުމްލަ 641.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީންނެވެ. އެއީ ޖުމްލަ 148.4 މިލިއަން ރުފިޔާއެވެ. އަދި އައިޖީއެމްއެޗުން ކުރި ހަރަދު ވަނީ 16.5 މިލިއަން ރުފިޔާއަށް އަރައިފައެވެ.

މިހާތަނާށް ކުރި ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ކޮވިޑާ ގުޅިގެން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ދިނުމަށާއި ބޭނުންވާ ސާމާނު ހޯދުމަށެވެ. އެކަމަށް 466 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ކެޕިޓަލް އިކުއިޕްމަންޓް ގަތުމަށް 180.6 މިލިއަން ރުފިޔާ އަދި އެހީ އާއި ސަބްސިޑީސްތަކަށް 114.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޖޫން 25ގެ ނިޔަލަށް އިކޮނޮމިކް ރިލީފް ޕެކޭޖު (އީއާރުޕީ) އަދި އިންކަމް ސަޕޯޓް ސްކީމުގެ ތެރެއިން ޖުމްލަ 360.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރަތްތަކަށް މިހާތަނަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ކޮވިޑް ރިކަވަރޯ ލޯން ސްކީމުގެ ދަށުން 350 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް 339.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް 108.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.