ދިވެހިންތަކެއް ރަހީނުކޮށް، ބިދޭސީ މަސައްކަތްތެރިން ހިންގާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ފުލުހުންގެ ބޮޑު ޓީމެއް ބ. ތުޅާދޫން އެ އަތޮޅު ބޮޑުފިނޮޅަށް ދާން ފުރައިފިއެވެ.
ބ. ތުޅާދޫން "ވަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މާލެއިން އައި ސްޕެޝަލް އޮފަރޭޝަންސް (އެސްއޯ)ގެ 60 އެއްހާ ފުލުހުންނާއި އެ ސަރަހައްދުގެ އެކި ރަށްތަކުގައި މަސައްކަތްކުރާ 50 އެއްހާ ފުލުހުން މިހާރު ބޮޑުފިނޮޅަށް ފުރާފައިވާ ކަމަށެވެ.
އެސްއޯ ފުލުހުންގެ ޓީމު ފުރާފައިވަނީ އެމީހުން ތުޅާދުއަށް ދިޔަ ފުލުހުންގެ ލޯންޗުގައެވެ. އަދި އެހެން ފުލުހުން ފުރާފައިވަނީ ދޯންޏެއްގައެވެ.
ބޮޑުފިނޮޅުގައި ހިންގާ އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ސިފައިން ވެސް ބައިވެރިވާނެއެވެ. މާލެއިން ފުރި ސިފައިންގެ ޓީމު ތުޅާދުއަށް ފާބައިފައެއް ނުވެއެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލުކޮށް، ރަހީނުކުރި ދިވެހިން ސަލާމަތްކުރުމުގެ އޮޕަރޭޝަން ފެށުމުގެ ކުރިން ބަންގުލަދޭޝް އެމްބަސީ މެދުވެރިކޮށް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ވާހަކަދައްކައި ސުލްހަވެރިކަމާއެކު ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް މަޝްވަރާކުރިއެވެ.
ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީ މަސައްކަތްތެރިން ވަނީ މިއަދު ހަވީރުން ފެށިގެން އެރަށުގައި މަސައްކަތްކުރާ 15 ދިވެހިން ރަހީނުކޮށް، ހަމަނުޖެހުން ހިންގަން ފަށައިފައެވެ. އެމީހުން ހަމަނުޖެހުން އެމީހުންގެ ކުންފުނިން މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާ ކަމަށް ބުނެއެވެ.
އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރަން ފުލުހުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގެ ފުލުހުންގެ ޓީމަށް އެ ރަށަށް އެރުމަށް ބިދޭސީން ފުރުސަތު ދީފައެއް ނުވެއެވެ. ޖެޓީގައި ހުރެ، ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހަކަށާއި ފުލުހުންގެ ޓީމު ގޮވައިގެން އެރަށަށް ކައިރި ކުރަން މަސައްކަތްކުރި ދޯނީގެ ކައްޕިއަށް ވަނީ އަނިޔާވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު