ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން މާލެއިން ބ. ތުޅާދުއަށް ދިއުމަށްފަހު، ބިދޭސީން ހިންގާ ހަމަނުޖެހުން ހުއްޓުވުމަށް ބޮޑުފިނޮޅަށް ދާން ތައްޔާރުވާން ފަށައިފިއެވެ.

ބ. ތުޅާދޫން "ވަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މާލެއިން ފުލުހުންގެ ލޯންޗު ތެރޭގައި އެސްއޯ ފުލުހުން ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

އެސްއޯ ފުލުހުންގެ ޓީމުގައި ގާތްގަނޑަކަށް 60 އެއްހާ ފުލުހުން ހިމެނޭ ކަމަށާއި އެމީހުން ފުރަތަމަ މަސައްކަތްކޮށްފައިވަނީ ބަންގުލަދޭޝް އެމްބަސީ މެދުވެރިކޮށް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ވާހަކަދައްކައި ސުލްހަވެރިކަމާއެކު ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް މަޝްވަރާކުރުމަށް ކަމަށެވެ.

ފުލުހުން ބޮޑުފިނޮޅަށް އެރުމަށް ތައްޔާރުވާން ފަށާފައި މިވަނީ ހަމަނުޖެހުން ހިންގާ ބިދޭސީން ސުލްހަވެރިކަމާއެކު ހަމަނުޖެހުންތަކަށް ނިމުމެއް ގެނެސް، ރަހީނުކުރި ދިވެހިން ދޫކޮށްލުމަށް ދެކޮޅު ހެދުމުން ކަމަށް ބެލެވެއެވެ.

ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީ މަސައްކަތްތެރިން ވަނީ މިއަދު ހަވީރުން ފެށިގެން އެރަށުގައި މަސައްކަތްކުރާ 15 ދިވެހިން ރަހީނުކޮށް، ހަމަނުޖެހުން ހިންގަން ފަށައިފައެވެ. އެމީހުން ހަމަނުޖެހުން އެމީހުންގެ ކުންފުނިން މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާ ކަމަށް ބުނެއެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރަން ފުލުހުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގެ ފުލުހުންގެ ޓީމަށް އެ ރަށަށް އެރުމަށް ބިދޭސީން ފުރުސަތު ދީފައެއް ނުވެއެވެ. ޖެޓީގައި ހުރެ، ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހަކަށާއި ފުލުހުންގެ ޓީމު ގޮވައިގެން އެރަށަށް ކައިރި ކުރަން މަސައްކަތްކުރި ދޯނީގެ ކައްޕިއަށް ވަނީ އަނިޔާވެފައެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް މާލެއިން ވެސް ފުލުހުންގެ ޓީމަކާއި ސިފައިންގެ ޓީމެއް ވަނީ ފުރައިފައެވެ. އޭގެ ތެރެއިން ފުލުހުންގެ ޓީމު މިހާރު ތިބީ ތުޅާދޫގައެވެ.