ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުން ދިވެހި މުވައްޒަފުންތަކެއް ރަހީނުކޮށް، ހިންގާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ބަންގުލަދޭޝްގެ އެމްބަސީން ބިދޭސީންނާ މަޝްވަރާކުރަން ފަށައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ބަންގުލަދޭޝްގެ އެމްބަސީންނާއި ފުލުހުން މިހާރު އަންނަނީ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާ ބިދޭސީންނާ ވާހަކަދައްކަމުންނެވެ.

އެމްބަސީންނާއި ފުލުހުން، ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކިބައިން އެދިފައިވަނީ ސުލްހަވެރިކަމާއެކު ހަމަނުޖެހުން ހުއްޓާލުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ސުލްހަވެރިކަމާއެކު ހަމަނުޖެހުންތައް ހުއްޓާލައި، ރަހީނުކޮށްފައިވާ ދިވެހިން ދޫކޮށްނުލައިފި ނަމަ، ބާރުގެ ބޭނުންކޮށްގެން އެކަމަށް ނިމުމެއް ގެނައުމަށް ފުލުހުންނާއި ސިފައިން ބޮޑުފިނޮޅަށް އެރުމަށް ވަނީ ނިންމައިފައެވެ.

ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީ މަސައްކަތްތެރިން ވަނީ މިއަދު ހަވީރުން ފެށިގެން އެރަށުގައި މަސައްކަތްކުރާ 15 ދިވެހިން ރަހީނުކޮށް، ހަމަނުޖެހުން ހިންގަން ފަށައިފައެވެ. އެމީހުން ހަމަނުޖެހުން އެމީހުންގެ ކުންފުނިން މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާ ކަމަށް ބުނެއެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރަން ފުލުހުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގެ ފުލުހުންގެ ޓީމަށް އެ ރަށަށް އެރުމަށް ބިދޭސީން ފުރުސަތު ދީފައެއް ނުވެއެވެ. ޖެޓީގައި ހުރެ، ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހަކަށާއި ފުލުހުންގެ ޓީމު ގޮވައިގެން އެރަށަށް ކައިރި ކުރަން މަސައްކަތްކުރި ދޯނީގެ ކައްޕިއަށް ވަނީ އަނިޔާވެފައެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް މާލެއިން ވެސް ފުލުހުންގެ ޓީމަކާއި ސިފައިންގެ ޓީމެއް ވަނީ ފުރައިފައެވެ. އޭގެ ތެރެއިން ފުލުހުންގެ ޓީމު މިހާރު ތިބީ ތުޅާދޫގައެވެ.