މުނިފޫހިފިލުވުން

ނެޕްޓިޒަމްއާއި ބެހޭގޮތުން ސައިފް ދެއްކި ވާހަކަތަކަށް އެތައް ބަޔަކު ފާޑުކިޔަނީ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާތަކުން އަންނަ ތަރިންނަށް އިސްކަން ދޭ ވާހަކައާއި ނުފޫޒު ގަދަ ތަރިން ބޮލީވުޑްގައި ބާރު ހިންގާ ކަމުގެ ވާހަކައަކީ މިދުވަސްކޮޅުގެ އެންމެ ހޫނު އެއް ވާހަކައެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގުރާޖު ޕުތު އަމިއްލައަށް މަރުވުމާއި ގުޅިގެން ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން ދަނީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިންވެސް ވާހަކަ ދައްކަމުންނެވެ.

ދާދިފަހުން ސައިފް އަލީ ހާން ނެޕްޓިޒަމްއާ ގުޅޭގޮތުން ދެއްކި ވާހަކަތަކުން އެތައް ބަޔަކު ދަނީ އެވާހަކަތަކަށް ޖޯކު ޖަހައި ސައިފްއަށް ފާޑުކިޔަމުންނެވެ. ނެޕްޓިޒަމް އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސައިފް ބުނީ، އޭނާވެސް ކުރިން ނެޕްޓިޒަމްގެ ޝިކާރައަކަށް ވި ކަމަށެވެ. އެގޮތުން ނަން ހަމާނުކޮށް ސައިފް ބުނީ މަޝްހޫރު ތަރިޔެއްގެ ބައްޕަ ޑައިރެކްޓަރަކަށް ގުޅާފައި ސައިފްއަށް ފިލްމު ނުދިނުމަށް ބުނި ކަމަށެވެ.

ސައިފް އިތުރަށް ބުނީ ނެޕްޓިޒަމްގެ ސަބަބުން އެކްޓިންގެ ހުނަރު ހުރި މޮޅެތި ތަރިންނަށް ފުރުސަތު ނުލިބުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސައިފްގެ މިވާހަކަތައް އާއްމުންނަށް އެހާ ކަމަކު ނުދިޔައެވެ. ބައެއް މީހުން ވަނީ ޓުވީޓަރު އަދި ފޭސްބުކުގައި ސައިފް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ސައިފްގެ އެވާހަކަތަކަށް ރައްދު ދެމުން ބައެއް އާއްމުން ބުނީ، ސައިފް ކުޅޭ ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ފްލޮޕް ވާއިރުވެސް އޭނާއަށް ބޮޑެތި ފިލްމުތަކުން ޖާގަ ލިބެމުންދިޔައީ، އިންޑަސްޓްރީގައި އޮތް އޭނާގެ ނުފޫޒުން ކަމަށެވެ. މީގެ އިތުރުން ސައިފް އަށް ނެޝަނަލް އެވޯޑް ލިބުނީ އޭނާގެ މަންމަގެ ނުފޫޒުން ކަމަށް ބުނެ އެ އެވޯޑް އަނބުރާ ހަވާލުކުރުމަށްވެސް ބައެއް މީހުން ވަނީ ގޮވާލައިގައެވެ.