ވިޔަފާރި

މާވަރުލު ބަނދަރާއި މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަރިޔަމް ޝަހުދާ

ގދ. މާވަރުލު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ އިތުރުން މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނި ވަނީ މާވަރުލު އެއާޕޯޓުގެ ފޭސް ދޭއްގެ މަސައްކަތް ނިމިފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.

ފޭސް ދޭއްގެ ދަށުން މާވަރުލު އެއާޕޯޓުގައި ޕެސެންޖާ ޓާމިނަލް ބިލްޑިންގެއް އިމާރާތް ކުރުމާއި، ފަޔާ ބިލްޑިންގް، ސްޓާފް ކުއާޓާސް، ޕަވާ ހައުސް، ގާޑް ޕޯސްޓު އަދި ރެސްޓޯރަންޓެއް އިމާރާތް ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މާވަރުލު އެއާޕޯޓުގެ ފޭސް ދޭއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު 25 ޖުލަައިގައި ކަމަށް އެމްޓީސީސީން މައުލޫމާ ތުދެއެވެ. އަދި 12.1 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މާވަރުލު އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 31 ގައި މި ޕްރޮޖެކްޓުގެ ފޭސް އެކެއްގެ ދަށުން ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހު ކަމަށާއި، މި މަސައްކަތް އެމްޓީސީސީން ފެށީ އެ އަހަރުގެ އޭޕްރީލް މަހު ކަމަށް އެ ކުންފުނީން ބުނެއެވެ. މާވަރުލު އެއާޕޯޓުގެ ފޭސް އެކެއްގެ މަސައްކަތްތަކަކީ 57.04 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މާވަރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިއަހަރުގެ މާޗް މަހު 11 ވަނަ ދުވަހުއެވެ. މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓުތައް މާޗް 20ގައި އޮޕަރޭޓް ކުރުމަށް މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން އެކަން ވަނީ ފަސް ކޮށްފައެވެ.

މާވަރުލު ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓުގެ ދަށުން 199 މީޓަރުގެ ބޭރު ތޮށި ލުމާއި، 30 މީޓަރުގެ ރިވެޓްމަންޓު ޖެހުން، 50 މީޓަރުގެ އެއްގަމު ތޮށި ލުން އަދި ބަނދަރުގައި 250 ސްކޮޔާ މީޓަރުގެ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް ކުރި ކަމަށް އެމްޓީސީސީން މައުލޫމަތު ދެއެވެ. މަގު ބައްތި ޖެހުމާއި، ބަނދަރުގައި ނެވިގޭޝަނަލް އެއިޑްސް އަދި މޫރިންގް ރިންގްސް ހަރުކުރުމުގެ މަސައްކަތް މި ޕްރޮޖެކްޓުގެ ދަށުން ކުރި ކަމަށް އެންޓީސީސީން މައުލޫމާތު ދެއެވެ.