ކޮވިޑް 19 އަށްފަހު ގެންނަ ބަދަލުތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތެއްގައި ގެނެވޭ ބަދަލުތަކަކަށް ހެދުމަށް އިސްކަންދިނުމަށް ވަޒީރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ކޮވިޑަށްފަހު މިއަހަރުގެ ބަޖެޓް އަލުން މުރާޖައާކޮށް އެކުލަވާލުމާއި، 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާ ބެހޭ މަޝްވަރާތައް ކުރުމަށް މިއަދު ވަނީ ކެބިނެޓް ވޯކިން ސެޝަނެއް ބާއްވައިފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސް ސޯލިހެވެ.
މި ސެޝަނިގައި ރައީސް ވިދާޅުވީ ކޮވިޑަށްފަހު ގައުމު އާރާސްތުކޮށް އިގުތިސޯދު އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފައިވެއެވެ.
"ކޮވިޑަށްފަހު ގެންނަވާ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދެއްވައިގެން ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގަންނަވަން،" ރައީސް ވިދާޅުވިއެވެ.
ކޮވިޑަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މި ސެޝަނުގައި ހިއްސާ ކުރައްވައިފައެވެ. އަދި ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަވާ ބަދަލުތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
ކޮވިޑް 19އާ ގުޅިގެން އިގުތިސޯދީ ގޮތުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު