ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަރާފީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން ސަފާރީ ރެއިޑް ކުރި އިރު މަސްތުގެ ހާލަތުގައި އެ ސަފާރީގައި އިތުރު ނުވަ މީހުން ތިބި ކަމަށާއި އެތަނުން އެކަކުވެސް ހައްޔަރުނުކޮށް ފުލުހުން ސީން ދޫކުރީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު)ގެ އަމުރަށް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން މިފަދައިން ތުހުމަތުކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވީ މި މައުލޫމާތަކީ އިދިކޮޅު ކޯލިޝަނުން ކަން ހިނގި ގޮތް ސާފު ކުރުމަށް ކުރި މަސައްކަތުން ހޯދުނު މައުލޫމާތު ކަމަށެވެ.

ސުޖާއު ވަނީ މިއަދުގެ ޕްރެސްގައި ފުލުހުންނާއި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފުލުހުން ސަފާރީގައި ހިންގި އޮޕްރޭޝަނަކީ ރޭޕް ކޭސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ މިއީ ފުލުހުން އާންމު ކުރި މައުލޫމާތެއް ނޫން ކަމަށާއި އެ ކޯލިޝަނަށް ލިބިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނަށް މައުލޫމާތު ލިބުން ގޮތުގައި ކެންޔާ އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ޑިންގީއެއްގައި ޖެޓީއަށް ގެނެސް ބޭލި ހިސާބުން ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި މި އަންހެންމީހާ ހަޅޭއްލެވުމުން މަގުމަތީ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންތަކެއް އެތަނަށް އެޓެންޑުވެ ދެމީހުން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.

އެހާ ހިސާބުން އަންހެން މީހާގެ ބަޔާން ނަގައި، އެމީހާގެ މެޑިކަލް ނެގުމަށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެމީހުން ތިބީ ބަނގުރާ ބޮއެގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ އަންހެން މީހާ ރޭޕް ކުރި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާ ގުޅިގެން ސަފާރީ ރެއިޑް ކުރީ އެދުވަހު ހެނދުނު 06:00 ގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއީ އެ ކޯލިޝަނަށް އަލަށް ތިލަވި މައުލޫމާތެއް ކަމަށާއި، މިއަދުގެ ޕްރެސް ބޭއްވީ މި މައުލޫމާތު ލިބިގެން ކަމަށް ސުޖާއު ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ސަފާރީގެ ވެރިފަރާތް ވަނީ ފުލުހުންގެ ކޯޓު އަމުރެއް ނެތް ކަމަށްބުނެ ފުލުހުން ސަފާރީއަށް އެރުމަށް ހުރަސް އަޅާފައި ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ފުލުހުން ސަފާރީއަށް އެރީ ސަފާރީގެ ކެޕްޓަނާއި ވާހަކަދެއްދުމަށްފަހު އެތަނަކީ ކްރައިމް ސީނެއް ހިނގާ ތަނަކަށް ވާތީވެ ކަމަށް ބުނެ ކެޕްޓަންގެ ހުއްދައާއެކު ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަފާރީ ތެރެއިން ފުލުހުންނަށް މަސްތުގެ ހާލުގައި ތިބި އިތުރު ނުވަ މީހުން ފެނުނު ކަމަށާއި މި ނުވަ މީހުންގެ ތެރޭ ސީޕީ ހަމީދުގެ ކޮއްކޮއެއް ހިމެނޭ ކަމަށެވެ.

ސަފާރީގައި ތިބި ނުވަ މީހުންވެސް ތިބީ ބަނގުރާ ބޮއެގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި މި މައުލޫމާތުތަކަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް މީޑިއާއަކަށް ރަސްމީ ސިފައެއްގައި އަދި ފުލުހުންގެ ފަރާތުންވެސް ތިލަވެފައިވާ މައުލޫމާތުތަކެއް ނޫން ކަމަށް ސުޖާއި ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަން ފުލުހުން ހިންގި އިރު ސީޕީ ހަމީދުގެ ކޮއްކޮއެއް ނުވަތަ ތިމާގެ މީހެއް މި ސަފާރީގައި އިންތޯ އެއީ ފުލުހުންނާ ކުރަން ބޭނުންވާ ސުވާލެއް ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ކްރައިމް ސީނުގައި ތިބި ފުލުހުންނަށް އޮޕަރޭޝަން ހުއްޓާލުމަށްފަހު އަނބުރާ އައުމަށް ސީޕީ އެންގިތޯވެސް ސާފުކުރަން ބޭނުންވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ހެއްކާއެއްކޮށް ބަނގުރާ ބޮއެގެން ތިބިކަން އެނގޭ ބަޔަކު ހައްޔަރުނުކޮށް ފުލުހުން ކްރައިމު ސީން ދޫކުރުމަށްފަހު ދިޔައިންތޯ ނުވަތަ ނޫންތޯވެސް އެއީ ސާފު ކުރަން ބޭނުންވާ ކަމެއް ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވަނީ ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ މިފަދަ މައްސަލަތައް ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމިޓީން އަންނަނީ ރޭޕް ކޭހުގެ ވާހަކަދެއްކި ޗެނަލްތަކާއި، އޮންލައިން މީޑިއާތަކަށް ބިރުދައްކަމުން ކަމަށް ސުޖާއު ތުހުމަތުކުރެއްވިއެވެ. އަދި ރޭޕްގެ މައްސަލައިގައި ހިމެނޭ އަންހެން މީހާގެ ވާހަކަތަކަކީ ނުވާކަމެއް ކަމަށް ދެއްކުމަށް މަޖިލީހާއި ސަރުކާރާއި ގުޅިފައިވާ މީހުން މަސައްކަތް ކުރަމުން އަންނަތަން ފެންނަ ކަމަށް ސުޖާއު ވިދާޅުވިއެވެ.

މިކަންކަމުން ދޭހަވަނީ ސަރުކާރުން މިފަދަ އަމަލުތަކަށް ހިތްވަރުދޭކަން ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވަނީ ކުޑަކުދިންނާއި އަންހެނުން ޖިންސީ ފުރައްސާރަ، ޖިންސީ އަނިޔާ އަދި ރޭޕްގެ ޝިކާރައަށްވާ ކަމުގެ މައްސަލަތައް އިތުރުވާ ކަމީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުގެ ސަރުކާރެއްގައި މިފަދަ މައްސަލަތައް އެއްވެސް ނުފޫޒެއްނެތި، މިނިވަންކަމާއެކު ބަލާ، އިންސާފު ހޯދައިދޭނެ މާހައުލެއް ގާއިމު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށް ސުޖާއު ވިދާޅުވިއެވެ.