ޚަބަރު

އިންޑިއާގައި ތިބި 91 ދިވެއްސަކު ރާއްޖެ ގެނެސްފި

އިންޑިއާއަށް ގޮސް ކޮވިޑް-19 އާ ގުޅިގެން އެގައުމުގައި ތާށިވެފައި ތިބި 91 ދިވެއްސަކު އަނބުރާ ރާއްޖެ ގެނެސްފިއެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރަން ޖެހޭ 28 މީހުންނާއެކު ކޮޗިންއަށް ދިޔަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުގައި އެ 91 މީހުން ގެނެސްފައިވަނީ މިއަދު ހެނދުނެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮޗިން އާއި ޓްރިވެންޑްރަމުން ގެނައި އެމީހުންގެ ތެރެއިން ހަތް މީހުންނަކީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް، ނާދެވިފައި ތިބި މީހުން ކަމަށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން 28 މީހަކު ރޭ ފުރުވާލާފައިވަނީ ކޮޗިން އަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދިން ހުއްދައާއެކު އެގައުމަށް ފުރުވާލި ބައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓުގައި 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި ބަލިމީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހުން ވެސް ދިޔައެވެ.