ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޗައިލްޑް އެންޑް ފެމިލިޓީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.
ކުޑަ ދެކުއްޖަކު އުމުރާއި ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީންނާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަންނަނީ ބަލަމުންނެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޗައިލްޑް ޕްރޮޓެކްޝަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ކުޑަކުދިންނާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުވުމަކީ ކުޑަކުދިންގެ މަސްލަހަތާއި އެކުދިންގެ ކަރާމާތާއި އެކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ފޯރާނެކަންކަން ކަމަށެވެ. އެހެންކަމުން އެފަދަ ވީޑިއޯތައް ދައުރު ކުރުވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެ ސާވިސް އިން ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިން ބަލައި، ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްގެ ބަޔާނުގައި ވެއެވެ.
އެ ސާވިސް އިން އެހެން ބުނެފައިވާއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި ކުއްޖާ ހެދި ބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅައިލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެފައި ވެއެވެ.
އޭގެ އިތުރުން ހަމަ އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ)ގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު