މުނިފޫހިފިލުވުން

ކަރީނާ ބޮލީވުޑްގައި 20 އަހަރު

އީމާ މުހައްމަދު ވަހީދު

ކަރީނާ ކަޕޫރު ހާން އަކީ އޭނާގެ އެޓިޓިއުޑްއަށާއި ރީތިކަމުގެ ސަބަބުން އެތައް ބައެއްގެ ލޯބި ހާސިލުކުރި ފަންނާނެކެވެ. ކަރީނާ އަކީ މިވަގުތު އިންޑަސްޓްރީގައި ހުރި އެންމެ މަޝްހޫރު އެއް ތަރިއެވެ. ކަރީނާ ބޮލީވުޑްގައި ހޭދަކުރި 20 އަހަރު ތެރޭގައި ވަނީ ތަފާތު އެކި ރޯލުތައް ކުޅެފައެވެ. އަދި ބެލުންތެރިންނަށް ވަނީ އޭނާގެ ހުރިހާ ރޯލެއް ވެސް ވަރަށް ކަމުގޮސްފައެވެ.

މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ ކަރީނާ ބޮލީވުޑަށް ތައާރަފުވީ 2000 ވަނަ އަހަރު "ރެފިއުޖީ" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އަބީޝެކް ބަޗަންއެވެ.

ކަރީނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަބި ޚުޝީ ކަބީ ޣަމް" ހިމެނެއެވެ. އެފިލްމުގައި އޭނާ އަދާކުރި ޕޫޖާގެ ރޯލަކީ އަދިވެސް ޒުވާނުންގެ ތެރޭގައި ވަރަށް މަޝްހޫރު ރޯލެކެވެ. މީގެ އިތުރުން ކަރީނާ ވަނީ "ޑޮން"، "ޗަމޭލީ"، "ޖަބް ވީ މެޓް" އަދި " 3 އިޑިއަޓްސް" ފަދަ މަޝްހޫރު ފިލްމުތަކުގެ ލީޑްރޯލުން ފެނިގެން ގޮސްފައެވެ.

ކަރީނާ އެންމެ ފަހުން އާއްމުންނަށް ފެނިގެން ގޮސްފައިވަނީ "އަނގްރޭޒީ މީޑިއަމް" އިންނެވެ. ކަރީނާ ކައިވެނި ކޮށްގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާން އާއެވެ. އެ ދެމީހުންގެ ކައިވެންޏަށް ވަނީ ފިރެހެން ދަރިޔަކުވެސް ލިބިފައެވެ. އެއީ ތައިމޫރު އަލީ ހާން އެވެ.