ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ކުމުންދޫގައި ސޯލާ މަގު ބައްތި ހަރުކޮށްފިއެވެ.
ބީއެމްއެލުން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުމުންދޫގައި އަލަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތިތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ތިމާވެއްޓާ ރަށްޓެހި ޕްރޮޖެކްޓްތަކަށް އެ ބޭންކުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށާއި މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ, ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑް ކުޑަކުރުމަށް ވަރަށް ގިނައިން މަގު ބައްތިތައް ނިއްވާލަން ޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލު ކުރަން ޖެހޭ. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިއުން،" ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''އަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި ފަންޑެކެވެ.
އެގޮތުން މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ވަނީ ތިން ފިޔަވައްސަކަށް ބަހާލައިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެއެވެ. ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށް ބީއެމްއެލުން 50,000 ރުފިޔާ ދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު