ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން ބޮލީވުޑްގެ ގިނަ ފިލްމުތައް ރިލީޒް ކުރުމާއި ޝޫޓިންތަކުގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް ކުރިން ޝޫޓިންތައް ނިންމާފައި ހުރި ފިލްމުތައް އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒް ކުރަން ބައެއް ޑައިރެކްޓަރުން ވަނީ ނިންމައިފައެވެ.

އާލިއާ ބަޓް އާއި އަދިއްތިޔާ ރޯއީ ކަޕޫރު ލީޑްރޯލުން ފެނިގެންދާ ސަޅަކް 2 ޑައިރެކްޓް ކޮށްފައިވަނީ މަހޭޝް ބަޓްއެވެ.

މަހޭޝް ބަޓް ބުނީ، ސަޅަކް 2 ގެ ހުރިހާ ޝޫޓިންތަކެއް ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ދެން ބާކީ އޮތީ އެންމެ ދެ ދުވަހުން ނިންމައިލެވޭނެ ޝޫޓިންތަކެއް ކަމަށްވެސް މަހޭޝް ބަޓް ފާހަގަކުރިއެވެ.

މަހޭޝް ބަޓް ބުނީ، މިދުވަސްކޮޅު ސިނިމާތައް ހުޅުވާފައި ސިނަމާތަކުގައި ރިލީޒް ކުރިނަމަވެސް އާއްމުން ބޮޑު ރިސްކެއް ނަގާފައި ފިލްމު ބަލަން ނުދާނެ ކަމަށެވެ. އެހެންކަމުން، އޮންލައިން ޕްލެޓްފޯމުތަކުގައި ފިލްމު ރިލީޒް ކުރުން ނޫން އެހެން ގޮތެއް މިވަގުތު ނެތް ކަމަށެވެ.