ބޮލީވުޑްގެ ކާމިޔާބު ތުރިލާ ފިލްމު "ޗޯރް ނިކަލް ކޭ ބާގާ"ގެ ދެވަނަ ބައި އަންނަ ޑިސެމްބަރު 17 ގައި ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މެޑޮކް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން އުފައްދާ މި ސީކުއަލްގައި ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޔާމީ ގޯތަމް އާއި ސަނީ ކޯޝަލްގެ އިތުރުން ޝަރަދު ކެލްކަރްއެވެ. މީގެއިތުރުން މި ފިލްމުގެ އާ ކާސްޓެއްގެ ގޮތުގައި އެކްޓްރެސް ޝްރެޔާ ޗައުދަރީ ވެސް ބައިވެރިވާނެއެވެ.
ފުރަތަމަ ފިލްމުގައި މަތިންދާބޯޓެއްގެ ތެރޭގައި ހިނގާ ވައްކަމަކާއި ހައިޖެކިން ހާދިސާއެއް ދައްކުވައިދިން ނަމަވެސް، ދެވަނަ ބައިގެ އެކްޝަންތައް ބިނާކޮށްފައިވަނީ ބޮޑު ކްރޫޒް ޝިޕެއްގައި ހިނގާ ނުރައްކާތެރި ވައްކަމެއްގެ މައްޗަށެވެ. މި ފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ކަނޑުމަތީގައި ދަތުރުކުރާ ކްރޫޒް ޝިޕަކުން އަގުބޮޑު ތާޖެއް ވަގަށް ނެގުމަށް ރާވާ ނުރައްކާތެރި ރޭވުންތަކެކެވެ.
އަޖޭ ސިންގް ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖަން އާއި އަަމަރު ކޯޝިކް އެވެ. 2023 ވަނަ އަހަރުގެ މާޗު މަހު ނެޓްފްލިކްސްގައި ރިލީޒްކުރި "ޗޯރް ނިކަލް ކޭ ބާގާ"ގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ފިލްމު ވެގެންދިޔައީ ނެޓްފްލިކްސްގައި އެންމެ ގިނަ މީހުން ބެލި އިންޑިއާގެ އެއް ފިލްމަށެވެ.
ސީކުއަލްގެ އިއުލާން މީސްމީޑިއާގައި އާންމުކުރުމާއެކު ފިލްމަށް އިންތިޒާރުކުރާ ފޭނުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ނެޓްފްލިކްސްއިން ބުނެފައިވަނީ ކުރީ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ބެލުންތެރިން ސިއްސުވާލާ ފަދަ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.
ކޮމެންޓް