ކުރިއަަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންނެވުމުގެ ނަސީބު ލިބިވަޑައިނުގެންނެވި ނަމަވެސް، އިސްލާހީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް މި ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން އަސްލަމް މިއަދު ވިދާޅުވީ، އޭނާ އަބަދުވެސް ގަބޫލުކުރައްވާ ހަމަތަކާއި އުސޫލުތައް ކުރިއެރުއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެގޮތުން އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ހެޔޮވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި، މީގެ އިތުރުން ޑިމޮކްރެސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމުކުރުމަށް ޒަމާނުއްސުރެ ކުރާ މަސައްކަތްތަކުގައި ދެމިހުންނާނަން،" އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ނުރައްކާތެރި ހަމަލާތަކާއި އިންޒާރުތަކާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މެންބަރުންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ލިބިދީ އެއްވެސް ބިރެއްނެތި މަޖިލީހުގައި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މެންބަރުން ޝާމިލުވެ، މެންބަރުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހޮއްވަވައިދެއްވި ކަމަށްޓަަކައި އައްޑޫގެ ރައްޔިތުންނަށާއި، އަދި އޭނާ ނިސްބަވްވެވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަސްލަމް ވަނީ މަޖިލީހުގެ ހަތަރު ދައުރު ޖުމުލަ 20 އަހަރު ހޭދަކުރައްވައިފައެވެ.
ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު