ބޮލީވުޑްގެ އެންމެ ބޮޑެތި ތަރީންގެ ތެރޭގައި ހިމެނޭ ޝާހުރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން އެއްތަނަކުން އެކުގައި ފެންނަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން އެ ތިން ތަރިން އެކުގައި ފެނިފައިވަނީ ޖަމްނާގަރުގައި ބޭއްވި އަމްބާނީގެ ކައިވެނީގެ ކުރީގެ ޖަލްސާއެއްގައެވެ. އެހެންނަމަވެސް އެއީ ވަރަށް ކުރު ވަގުތުކޮޅަކަށެވެ. ނަމަވެސް ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ޖޯއީ ފޯރަމްގައި މި ތިން ތަރިން އެކުގައި ސްޓޭޖަށް އަރައި، އެމީހުންގެ ކެރިއަރާއި ފިލްމުތަކާ ބެހޭގޮތުން ވަނީ ވާހަކަދައްކައިފައެވެ.
މި ހަފުލާގައި މި ތިން ތަރިން އެކުގައި ތިބި އެކި މަންޒަރުތައް ދައްކައިދޭ ގިނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ގައި ވަނީ ހިއްސާކޮށްފައެވެ. މި މަންޒަރުތަކުގެ ތެރޭގައި ސަލްމާން، ޝާހު އަދި އާމިރު ސްޓޭޖްގައި ޖެހިޖެހިގެން އިށީނދެ ތިބި ފޮޓޯތަކާއި ވީޑިއޯތައް ހިމެނެއެވެ. މިފަދަ މަޝްހޫރު ތިން ތަރިން އެކުގައި ފެނުމުން ގިނަ ފޭނުންނަށް ވަނީ ތަފާތު އިހުސާސްތަކެއް ކުރެވިފައެވެ.
އިންސްޓަގްރާމްގެ ޕަޕަރާޒީ އެކައުންޓެއްގައި ހިއްސާކޮށްފައިވާ އެއް ވީޑިއޯއިން ފެނިގެންދަނީ އާމިރު، ސަންޖީވް ކުމާރު ސްޓާކޮށްފައިވާ "އަނޯކީ ރާތް" ފިލްމުގެ މަޝްހޫރު ލަވައެއް ކަމަށްވާ "އޯ ރޭ ތާލް މިލޭ ނަދީ ކޭ ޖަލް މޭން" ކިޔާ މަންޒަރެވެ. އޭނާ ލަވަ ކިޔަމުން ދިޔައިރު ޝާހު އަދި ސަލްމާން ދިޔައީ އެއަށް ފޯރިދެމުންނެވެ.
މި ފޯރަމްގައި ޝާހުވަނީ އޭނާއަކީ ފިލްމު އިންޑަސްޓްރީން ބޭރު މީހެއް ކަމަށް ބުނާ ބުނުން މަތިޖަހައި އާމިރު އަދި ސަލްމާންގެ އާއިލާއަކީ އޭނާގެ އާއިލާ ކަމަށް ބުނެފައެވެ.
ޖޯއީ ފޯރަމަކީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވޭ މީޑިއާ އަދި އެންޓަރޓެއިންމަންޓް ދާއިރާގެ ބައިނަލްއަގުވާމީ ހަފުލާއެކެވެ. މި ހަފުލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މަޝްހޫރު ތަރީންނާއި އިންޑަސްޓްރީގެ އިސް މީހުން ބައިވެރިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް